މި އަހަރުގެ ފުރަތަމަ 13 ދުވަހު ދައުލަތުގެ ބަޖެޓުން 380.6 މިލިއަން ހޭދަކޮށްފި އެވެ. އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީންނެވެ.
ފިނޭންސް މިނިސްޓްރީން ނެރޭ ހަފުތާގެ މާލީ ހިސާބުގެ މި އަހަރުގެ ފުރަތަމަ އަދަދުގައިވާ ގޮތުން މި އަހަރަށް ކަނޑައެޅި 37 ބިލިއަން ރުފިޔާގެ ބަޖެޓުން މި އަހަރުގެ ފުރަތަމަ 13 ދުވަހުގެ ތެރޭގައި 380.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
މި އަހަރުގެ ބަޖެޓުގައި ހަރަދުގެ ގޮތުގައި 34.1 ބިލިއަން ރުފިޔާ ހަމަޖައްސާފައިވާއިރު، ފުރަތަމަ 13 ދުވަހު ބަޖެޓުން ރިކަރަންޓް ހޭދައަށް 247.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ 13 ދުވަހުގެ ތެރޭގައި ހޭދަކޮށްފައިވަނީ 267.7 މިލިއަން ރުފިޔާ އެވެ.
ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި މި މުއްދަތުގައި 133.4 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
13 ދުވަހުގެ ހަރަދު ކުރުކޮށް
- މުސާރަ ދިނުމަށް- 3.2 މިލިއަން
- އެޑްމިން ހަރަދުތަކަށް- 244.0 މިލިއަން
- އިކްއިޕްމަންޓް ގަންނަން- ހަރަދެއް ނެތް
- ލޭންޑް އަދި ބިލްޑިންއަށް- 45.8 މިލިއަން
- ޑިވްލޮޕްމަންޓް ޕްރޮޖެކްޓް/ އިންވެސްޓްމަންޓް އައުޓްލުކްއަށް- 54.2 މިލިއަން
މި މުއްދަތުގައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އިންފްރާސްޓްރަކްޗާ އިންނެވެ. އެ މިނިސްޓްރީން 43 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އެންމެ މަތިން ހޭދަކުރި ވުޒާރާތައް
- ޕްލޭނިން- 43 މިލިއަން
- އެޑިއުކޭޝަން- 7.5 މިލިއަން
- އެމްއެންޑީއެފް- 5.6 މިލިއަން
- މިނިސްޓްރީ އޮފް ހެލްތް- 1.6 މިލިއަން
- ހޮސްޕިޓަލްތައް- ދެ މިލިއަން
- ފުލުހުން- 1.5 މިލިއަން
މި އަހަރުގެ ފުރަތަމަ 13 ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 330.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި މުއްދަތުގައި ޓެކުހުގެ ގޮތުގައި 213.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން ލިބިފައިވަނީ 115.9 މިލިއަން ރުފިޔާ އެވެ.