އިލެކްޝަންސް ކޮމިޝަން

ޕާޓީތަކުގެ ފޯމުތައް ކަށަވަރު ކުރަން ވަސީލަތެއް ނެތް: އީސީ

މީހެއްގެ ހުއްދަ ނެތި ސިޔާސީ ޕާޓީތަކަށް މީހުންގެ ސޮއި ގެންދާ މައްސަލަ ހުއްޓުވޭނެ ގޮތެއް ނެތް ކަމަށާއި އެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެކަށީގެންވާ ވަސީލަތްތައް ނެތް ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މަޖިލިސް މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފު ވިދާޅުވީ ދާދި ފަހުން ސިޔާސީ ޕާޓީއެއް އުފައްދަން ކޮމިޝަނުން ހުއްދަ ދިން ބައެއް ޕާޓީތަކުން މެންބަރުން ހަމަ ކުރަން އެ މީހެއްގެ ރުހުމެއް ނެތި ސޮއި ހޯދައި އީސީއަށް ހުށަހެޅި މައްސަލަތަކެއް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ޝަރީފު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުން ހުށަހަޅާ މެންބާޝިޕް ފޯމުތައް ކަށަވަރު ކުރުމަށްޓަކައި އެ ކޮމިޝަންގައި ފިންގަ ޕްރިންޓް ސްކޭން ކުރާނެ ވަސީލަތެއް ގާއިމު ކުރެވިފައި ނުވާ ކަމަށެވެ. މީގެ ކުރިން ވެސް އެފަދަ ވަސީލަތްތައް ގާއިމު ކުރަން އިތުރު ބަޖެޓު ހޯދަން ކޮމިޝަނުން މަސައްކަތް ކުރި ކަމަށެވެ.

"ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް މިހާތަނަށް ވެސް ކޮމިޝަންގައި ފިންގަ ޕްރިންޓް ވެރިފިކޭޝަން ސިސްޓަމެއް ގާއިމެއް ނުކުރެވޭ. ފިންގަ ޕްރިންޓް ޖެހުމާއި ނުޖެހުމެކޭ ހަގީގަތުގައި އެއްވެސް ތަފާތެއް ނެތް. ފިންގަ ޕްރިންޓް ސްކޭން ކުރަން އަޅުގަނޑުމެން ފުލުހަށް ވެސް މި ގެންދަނީ މައްސަލައެއް ދިމާވެއްޖެއްޔާ،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެންބާޝިޕް ބެލެހެއްޓުމަކީ އީސީގެ މެންޑޭޓުގައި އޮންނަ ކަމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ވަސީލަތްތައް ހުރި އިދާރާއެއްގައި އެ ކަން ކުރާ ގޮތަށް ހުށަހެޅުމުގެ ވިސްނުން ކޮމިޝަނުން ގެންގުޅޭ ކަމަށެވެ. އެ ގޮތުން ސިޔާސީ ޕާޓީތައް ހިންގާ ގައުމުތަކުގެ ތެރޭގައި ޕާޓީތަކުގެ މެންބާޝިޕް އީސީން ބަލަހައްޓަނީ ރާއްޖޭގައި އިތުރަށް އެންމެ ގައުމަކުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުން އެބަ އޮތް ހަގީގަތުގައި މެންބާޝިޕް ބެލެހެއްޓުމަކީ އިލެކްޝަންސް ކޮމިޝަންގެ މެންޑޭޓުގައި ނޯންނާ ކަމެއްގެ ގޮތުގައި ހެދުން. އެހެންވިޔަސް ސިޔާސީ ޕާޓީތަކަށް ފަންޑު ދިނުމުގައި އެހެން އުސޫލުތަކެއް ގެނައުމަށް ވެސް މަޝްވަރާ ކުރަމުން މި ދަނީ،" ޝަރީފު ވިދާޅުވި އެވެ.