ހަބަރު

ސިއްޙީ ނިޒާމުގެ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަނާއި ފަސާދަ ވަނުން: ރައީސް

ސިއްޙީ ނިޒާމުގެ އެންމެ ބޮޑު މައްސަލައަކީ، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ރާވާފައި ހުރި ކަންކަމުގެ ތެރެއަށްވެސް ކޮރަޕްޝަނާއި ފަސާދަ ވަނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ސޯލިހު ވިދާޅުވީ، ސިއްހީ ހިދުމަތަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހަރުދަނާ ކުރަންޖެހިފައިވާ ކަމެއް ކަމަށާއި، އިމާރާތުގެ ދަތިކަމާ، އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާ ނަރުހުން އަދި ސިއްހީ އެހީތެރިން ނެތުމަކީ، ކޮންމެ ރަށަކަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، ރަށްރަށުން އެކަށީގެންވާ ސިއްޙީ ހިދުމަތްތައް ލިބެން ނެތުމަކީ، މިއަދުވެސް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ ކަމަށާއި، މާލެއަށް ދިޔަޔަށް ވަކި ބައްޔަކަށް ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް އެތައް ދުވަހަކު އިންތިޒާރުގައި ތިބެން އެބަޖެހޭ ކަމަށެވެ. އަދި ސިއްޙީ ނިޒާމުގެ އެންމެ ބޮޑު މައްސަލައަކީ، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ރާވާފައި ހުރި ކަންކަމުގެ ތެރެއަށްވެސް ކޮރަޕްޝަނާއި ފަސާދަ ވަނުން ކަމަށާއި، އާސަންދަ ފަދަ ނިޒާމުތައް އޭގެ ހަގީގީ މަގުސަދު ހާސިލްނުވެ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވަނީވެސް ކޮރަޕްޝަންގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެންގެ ސިއްހީ ހިދުމަތުގެ ސިޔާސަތަކީ ރައްޔިތުންނާ ވީހާ ގާތުން، އެމީހަކު ހުރި ރަށަކުން ނުވަތަ އެމީހަކު ހުރި އަތޮޅަކުން އެކަށޭނަ ސިއްހީ ފަރުވާ ފޯރުކޮށްދިނުން. އެކަން ކުރެވޭނީ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ސިއްހީ ނިޒާމަށް ބަދަލުތަކެއް ގެނެސްގެން." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ބ. އަތޮޅު ހޮސްޕިޓަލުގެ ތާރީހަށް ބަލާއިރު، އެ ހޮސްޕިޓަލަކީ، މާލޭގައި އޮންނަ މަރުކަޒީ ސަރުކާރުން ކަންކަން ކޮށްދޭނެ ވަގުތަކަށް އިންތިޒާރު ކުރުމުގެ ބަދަލުގައި، އަމިއްލައަށް ކަންކަން ރާވައިގެން، ސިއްހީ ހޭލުންތެރިކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރި ތަނެއް ކަމަށެވެ.

މީގެ އިތުރުން، ބ.އަތޮޅުގައި ފަތުވެރިކަން ފުޅާވަމުން އަންނަ ނިސްބަތަށް ބަލާއިރު، ސިއްހީ ހިދުމަތްތައް ހަރުދަނާ ކުރުމަކީ، ތަރައްގީއަށްޓަކައި ވެސް ވަރަށް މުހިންމު ކަމެއް ކަމަށާއި، މާލެ އަތޮޅާއި އަރިއަތޮޅު ފިޔަވައި ދެން އެންމެ ގިނަ ރިސޯރޓް ހިންގަނީ، އެ އަތޮޅުގައިކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.