ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ރިޔާސީ ދެވަނަ ދައުރެއް ދީފިނަމަ ވައްކަންކުރުން އިތުރު ހަރުފަތަކަށް ގެންދާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ތަރުޖަމާން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ އިމްތިޔާޒު ވިދާޅުވީ ކޮވިޑް 19ގެ ދުވަސް ވަރު ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގެންނަން ނިންމި ވެންޓިލޭޓަރު ތަކަށް ހިޔާނާތްތެރިވި ބަޔަކު ދެންވެސް ހިޔާނާތްތެރިވާނެ ކަމަށެވެ. ވެންޓިލޭޓަރު މައްސަލަ ނުނިމި އުޅެނިކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ 13 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ފެންމަތިވެފައިވާ ކަމަށްވެސް އިމްތިޔާޒު ވަނީ ފާހަގަކުރައްވާފަ އެވެ. ނަމަވެސް މިއީ ރިޔާސީ އިންތިހާބުގެ ދުވަސްވަރަށް ވާތީ މައްސަލަ އޮއްބާލީ ރައީސް ސޯލިހް އަންގަވައިގެން ކަމަށްވެސް އިމްތިޔާޒު ވަނީ ތުހުމަތުކުރައްވާފަ އެވެ.
ވެންޓިލޭޓަރުގެ ބޮޑު ހިޔާނާތުގެ މައްސަލަ ދައުރު ނިމިގެންދާއިރުވެސް ނުބެލި އޮތުމަކިީ ރައްޔިތުންނަށް ލިބިގެންދާ ބޮޑު ގެއްލުމެއް ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
އިމްތިޔާޒް ވިދާޅުވި މާލޭގައި މީހަކު ބަރަހަނާކޮށްގެން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އެއްވެސް ދާދިފަހުން އާންމުވުމާ އެކު އެ މައްސަލަ ފުލުހަށް ރިޕޯޓް ކުރި ނަމަވެސް ތުހުމަތުކުރެވޭ މީހުންނަކީ ރައީސް ސޯލިހްގެ ކެމްޕޭންގައި އުޅޭ މީހުންނަށް ވާތީ އެ މައްސަލަ ވެސް އޮއްބާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހުންނަނީ ރައީސް ސޯލިހް ދެވަނަ ދައުރެއް ދީފި ކަމަށްވާނަމަ އިތުރު ހަރުފަތަކަށް ގެންދާނެ ކަންކަން،" އިމްތިޔާޒް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށްޓަކައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ދަ ޑިމޮކްރަޓްސްގެ ފަރާތުން ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.
"ރައީސް ސޯލިހް އަށް އެންގިވަޑައިގެން ކުރަމުންދާ ކޮރަޕްސަންގެ އަމަލުތަކެއް ހިނގަމުން މިދަނީ،" އިމްތިޔާޒު ވިދާޅުވި އެވެ.