އިސްލާމިކް ބޭންކް

އެމްއައިބީން އިތުރު އޭޓީއެމް މެޝިނެއް ބަހައްޓައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާލޭގައި އާ އޭޓީއެމް އެއް ބަހައްޓައި ހިދުމަތް ފަށައިފި އެވެ.

އެ ބޭންކުގެ އާ އޭޓީއެމް މިއަދު ހުޅުވައި ދެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުހައިމިނެވެ. މި އޭޓީއެމް ސެންޓަރު ހުންނާނީ މ. ފާމުދޭރިގޭގެ ގްރައުންޑް ފްލޯގައި، ބަންޑާރަ މިސްކިތް ކުރިމަތްޗަށްވާ ގޮތަށް އޯކިޑް މަގުގައެވެ.

އަލަށް ހުޅުވި މި އޭޓީއެމް ސެންޓަރުން ފައިސާ ނެގުމާއި އަމިއްލަ އެކައުންޓްތަކުގައި ފައިސާ ޓްރާންސްފާ ކުރުމާއި ބެލެންސް ބެލުމާއި މިނީ ސްޓޭޓްމެންޓް ނެގުމުގެ އިތުރުން ފައިސާ ކާޑުގެ ޕިން ބަދަލު ކުރުމުގެ ހިދުމަތް ލިބޭނެ އެވެ. އަދި މުސްތަގުބަލުގައި ފައިސާ ޖަމާ ކުރުމުގެ ހިދުމަތްވެސް ހަމަޖައްސާނެ އެވެ.

މުހައިމިނު ވިދާޅުވީ މުސްތަގުބަލުގައި އެ ކުންފުނިން ހިދުމަތްތައް ފުޅާކޮށް އޭޓީއެމަށް ފައިސާ ނަގަން ދިއުމުގެ ބަދަލުގައި މޯބައިލް ޕޭ ފަދަ ހިދުމަތްތައް ވެސް ފަށާނެ ކަމަށެވެ.

މިއީ އިސްލާމިކް ބޭންކުން ހުޅުވި 13 ވަނަ އޭޓީއެމެވެ. އެ ބޭންކުގެ އޭޓީއެމް ހިދުމަތްތައް ހުޅުމާލެ އާއި އައްޑޫ އަދި ގދ. ތިނަދޫ، ހދ. ކުޅުދުއްފުށްޓާއި ފުވައްމުލަކުގައި ވެސް ލިބެ އެވެ.