ދުނިޔެ

ބިން ލާދިންގެ ދަރިފުޅު މަރުވެއްޖެ ކަމަށް އެމެރިކާ ބުނެފި

ނުރައްކާތެރި ޓެރަރިސްޓެއް ކަމަށް އެމެރިކާއިން ކަނޑައަޅާފައިވާ އޮސާމާ ބިން ލާދިން ގެ ދަރިފުޅު ހަމްޒާ ބިން ލާދިން މަރުވެފައިވާ ކަމަށް އެމެރިކާގެ ޖަސޫސީ އިދާރާތަކުން ބުނެފި އެވެ.

އެމެރިކާގެ ޖާސޫސީ އިދާރަތަކާ ހަވާލާދީ އެމެރިކާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، ހަމްޒާ މަރުވެފައިވަނީ އެމެރިކާ ބައިވެރިވެގެން މީގެ ދެ އަހަރު ކުރިން ދިން ހަމަލާތަކެއްގަ އެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، ހަމްޒާ މަރުވެފައިވާކަން ނުވަތަ ހަމްޒާ މަރާލަން އޮޕަރޭޝަނެއް ހިންގިކަން ކަށަވަރު ކޮށްދެއްވާފަފައެއް ނުވެ އެވެ.

މިއަހަރުގެ ފެބްރުއަރީ މަހު އެމެރިކާއިން ވަނީ ހަމްޒާ ދިރި އުޅޭތަނެއްގެ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް އެއް މިލިއަން ޑޮލަރު ދޭން ހުށަހަޅާފަ އެވެ. އެމެރިކާއިން ހަމްޒާ ޓެރަރިސްޓެއް ގޮތުގައި ކަނޑައަޅައި ހޯދުމުގެ މަސައްކަތް ފެށީ، އޭނާގެ ބައްފަ އޮސާމާ މަރާލުމުގެ ބަދަލުގެ ހިފުމުގެ ގޮތުން އެމެރިކާ ސިފައިން މަރާލުމަށް އަލް ގައިދާއަށް އަމުރު ކުރުމުންނެވެ.

އެމެރިކާގެ ސިފައިން އޮސާމާ މަރާލުމަށް ހިންގި އޮޕަރޭޝަންތަކުގައި ހަމްޒާ އަލް ގައީދާގެ ލީޑަރު ކަމަށް ހަމަޖައްސަން އުޅޭ ކަމުގެ ލިޔެކިޔުންތަކެއް ވަނީ ފެނިފަ އެވެ. ހަމްޒާ ހޯދުމުގެ މަސައްކަތް އެމެރިކާއިން ކުރި ނަމަވެސް އޭނާ ފެނިފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ހަމްޒާ ފިލައިގެން އެންމެ ފުރަތަމަ އުޅުނީ އިރާނު އެވެ. އެއަށްފަހު ޕާކިސްތާނައި އަފްގާނިސްތާނުގެ ބޯޑަރު ސަރަހައްދުގެ އިތުރުން ސީރިއާގަ އެވެ.

ދެ އަހަރު ފަހުން ޖާސޫސީ އިދާރާތަކުން ހަމްޒާ މަރުވެފައިވާކަމަށް ބުނި ނަމަވެސް އޭނާ މަރުވެފައިވަނީ ކޮން ގައުމެއްގައި ކަމެއް އަދި ކޮން ދުވަހަކު ކަމެއް ބުނެދީފައެއް ނުވެ އެވެ.