ހަބަރު

ސީޝެލްސް އާއެކު ހަތް އެއްބަސްވުމަކަށް

ދިވެހި ސަރުކާރާ ސީޝެލްްސް އާ ދެމެދު ހަތް އެއްބަސްވުމެއްގައިި ސޮއި ކޮށްފި އެވެ

އެ އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ސީޝެލްސްއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސްގެ މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޯގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ކުޅިވަރާއި ފަތުރުވެރިކަމާއި ހާރިޖީ ދާއިރާއާއި އިގްތިސާދީ ދާއިރާގެ އިތުރުން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެކެވެ.

އެއްބަސްވުންތަކުގައި ރާއްޖޭގެ ފަަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ އިތުރުން ދެގައުމުންވަނީ ރަސްމީ މަޝްވަރާތަކެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.

ރައީސްގެ ދެކަނބަލުންނާ މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާ ވަފުދުގެ ޝަރަފުގައި ސީޝެލްސްގެ ރައީސް ދެއްވާ ރަސްމީ މެންދުރުގެ ފަރިއްކޮޅެއްވެސް އޮންނާނެ އެވެ. މި ދަތުރުފުޅުގައި ސީޝެލްސްގެ މަޝްހޫރު ބައެއް ސަރަޙައްދުތަކަށް ޒިޔާރަތްކުރެއްވުމަށް ވެސް ހަމަޖެހިފައި ވެ އެވެ.

ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއްވެސް މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.