ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ސީޝެލްސް އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.
ސީޝެލްސްގެ ރައީސް ޑެނީ ފޯގެ ދައުވަތަކަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލައްވާ ރައީސްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނު އެވެ.
މި ދަތުރުފުޅުގައި ވަނީ ސީޝެލްސް އާއެކު ހަތް އެއްބަސްވުމަކަށް އައިސްފަ އެވެ. ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި މަސްވެރިކަމާއި ޓޫރިޒަމާއި، ނޫ އިގްތިސާދުގެ ދާއިރާއާއި ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި ކުޅިވަރުގެ ދާއިރާއާއި ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާގެ އިތުރުން ޔޫތު ޑިވެލޮޕްމަންޓް ދާއިރާ ހިމެނެ އެވެ.
އަދި، ސީޝެލްސްގެ ރައީސް ވަނީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު މެރިޓައިމް ދާއިރާއިން ސީޝެލްސްގައި މަތީ ތައުލީމު ހާސިލުކުރުމަށް ހަތަރު ސްކޯލަރޝިޕްގެ ފުރުސަތު ރާއްޖެއަށް ދެއްވާނެކަންވެސް ހާމަކުރައްވާފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސީޝެލްސްގެ ސަރުކާރާއެކު ކުޅިވަރުގެ ދާއިރާއިން ވެވުނު އެއްބަސްވުމަކީ އެ ދާއިރާއިން ރާއްޖެއަށް ފަހި ފުރުސަތުތަކެއް ފަހިވެގެންދާނެ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން ދެގައުމުގެ މެދުގައި ކުޅިވަރުގެ ތަޖްރިބާކާރު ފަންނުވެރިންނާއި ކުޅިވަރުގެ ސިޔާސަތު އެކަށައެޅުމުގެ ތަޖުރިބާކާރު ފަރާތްތަކާއި ކޯޗުންގެ އެހީތެރިކަން އެއް ގައުމުން އަނެއް ގައުމަށް ދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުން ފަދަ ކަންކަން ހިމެނުމަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ލިބިގެންދާ ފުރުސަތެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ހިމެނޭ ވަފުދެއްވެސް މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.