ހަބަރު

ގަން އެއާޕޯޓުގައި ޑޮކިއުމަންޓް އެގްޒަމިނޭޝަން ލެބެއް ހުޅުވައިފި

މޯލްޑިވްސް އިމިގްރޭޝަން އިން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮކިއުމަންޓް އެގްޒަމިނޭޝަން ލެބެއް ގާއިމްކޮށްފި އެވެ.

ރާއްޖެއަށް ތަކެތި އެތެރެވުމަށާއި ބޭރުވާން ބޭނުން ކުރާ ދޮރާށިތަކަކީ ސަލާމަތީ ގޮތުން ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި އިމިގްރޭޝަން އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގަން އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑޮކިއުމަންޓް އެގްޒަމިނޭޝަން ލެބް އިފްތިތާހުކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަބުދުﷲ ސާދިގު އެވެ.

ޑޮކިއުމަންޓް އެގްޒަމިނޭޝަން ލެބްގެ ބޭނުމަކީ ޕާސްޕޯޓް ފަދަ ލިޔުންތައް ތަހުލީލުކޮށް، އެތަކެތި ބޭނުން ކުރަނީ ސައްހަ ގޮތުގައި ކަން ޔަގީން ކުރުމުގައި ޒަމާނީ ވަސީލަތްތައް ބޭނުން ކުރުން ކަމަށް އިމިގްރޭޝަން އިން ބުންޏެވެ. އަދި އޭގެ ސަބަބުން ސައްހަ ނޫން ޕާސްޕޯޓް ބޭނުންކުރާ ފަރާތްތައް ފަސޭހައިން ދެނެގަނެވޭނެ ކަމަށް ވެސް އިމިގްރޭޝަން އިން ބުންޏެވެ.

މިއީ މިފަދަ ލެބްއެއް ރާއްޖޭގެ އެއާޕޯޓުގައި ގާއިމް ކުރާ ދެވަނަ ފަހަރެވެ. ޑޮކިއުމަންޓް އެގްޒަމިނޭޝަންގެ ފުރަތަމަ ލެބް ގާއިމް ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 2015 ވަނަ އަހަރުގަ އެވެ.