މިދިޔަ އަހަރުގެ ފަހުކޮޅު، ކ. ހުރާގައި ކުޑަ ކުއްޖަކާ ބެހުނު މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.
އުމުރުން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ދޫކޮށްލީ ކ. ހުރާ މެޖިސްޓްރޭޓް ކޯޓުންނެވެ. އެ މީހާ ކޯޓުން ދޫކޮށްލާފައިވަނީ އިއްޔެ އެވެ. ނަމަވެސް، ކޯޓުން އެމީހާ ދޫކޮށްލަންޖެހުނު ސަބަބެއް އަދި ސާފެއްނުވެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު 16 ގަ އެވެ. ތަހުގީގުކޮށް މައްސަލަ ނިންމާ ޕީޖީ އަށް ފޮނުވީ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.
މި މައްސަލައިގައި މީގެ ކުރިން އަވަސް އަށް މައުލޫމާތު ދެމުން، ކުއްޖާގެ އާއިލާއިން ބުނީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް އަންހެން ކުއްޖާއާ ބެހިފައިވަނީ އެރަށު މީހަކާ އިނދެގެން ކައިރި ރިސޯޓެއްގައި މަސައްކަތް ކުރާ ފިރިހެނެއް ކަމަށެވެ. އެ ކުއްޖާއަކީ އުމުރުން 12 އަހަރުގެ ކުއްޖެއް ކަމަށާއި ކިވަމުންދަނީ ގްރޭޑް ހައެއްގައި ކަމަށް ވެސް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުނެފައި ވެ އެވެ.
ކުޑަކުއްޖަކާ ބެހުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ދޫކޮށްލުމުން، އާއިލާ އިން އަވަސް އާ ވާހަކަ ދެއްކި ފަރާތުން ބުނެފައިވަނީ އެ ކުއްޖާގެ މެޑިކަލް ރިޕޯޓުތަކަށް ބަލާފައި ދޫކޮށްނުލެވޭނެ ކަމަށް ދައުލަތުން ހަމަޖައްސާފައި ހުރި ވަކީލު ބުނި ކަމަށެވެ. އަދި މިހާރު ދޫކޮށްލާފައި ރަށު ތެރޭ އުޅުމުން އާއިލާ އިން ތިބީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށާއި އަނިޔާ ލިބުނު ކުޑަ ކުއްޖާ އަށް އަދިވެސް އަސަރު ކުރާ ކަމަށް ބުންޏެވެ.
އާއިލާ އިން އިތުރަށް ބުނީ، އެ މައްސަލަ ޖެންޑާ މިނިސްޓްރީ އަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގައި ޕީޖީގެ ބަހެއް ނުލިބެ އެވެ.