ހޮލީވުޑް

"ހޯމް އަލޯން"ގެ ރީމޭކް އެއް ޑިޒްނީ އިން ހަދަނީ

ނަވާރަސްތޭކަ ނުވަދިހާގައި ނިކުތް ކޮމެޑީ ފިލްމު "ހޯމް އަލޯން" އަކީ މިހާރުވެސް ގިނަ ބައެއްގެ ކުޑައިރުގެ ފޭވަރިޓް ފިލްމެވެ. މި ފިލްމަކީ ޓުވެންޓިއެތު ސެންޗުރީ ފޮކްސްއިން ގެނެސްދިން އެންމެ ކާމިޔާބު ކޮމެޑީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެވެ. އަދި ބޮކްސް އޮފީހުގައިވެސް ވަނީ ރަނގަޅު ކާމިޔާބީއެއް ހޯދާފަ އެވެ.

ކާމިޔާބު މި ފިލްމުގެ ރީމޭކް އެއް އުފައްދަން އުޅޭ ކަމަށް ޑިޒްނީގެ ސީއީއޯ ބޮބް އިގާ ބުނެފި އެވެ. ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބޮބް ބުނެފައިވަނީ، އެމީހުންގެ ޕްލެޓްފޯމްތަކުގައި ގެނެސްދޭ ކޮންޓެންޓު ވަރުގަދަ ކުރުމުގެ ގޮތުން ފޮކްސް ފިލްމްސް އިން އުފައްދާފައިވާ ކުރީގެ ގިނަ ފިލްމުތަކެއް ގެނެސްދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން، ހޯމް އެލޯން، ނައިޓް އެޓް ދަ މިއުޒިއަމް، ޑައިރީ އޮފް އަ ވިމްޕީ ކިޑް އަދި ޗީޕާ ބައި ދަ ޑަޒަން ފޮ އާ ޖެނެރޭޝަންއަށް ދައްކާލަން ބޭނުންވާ ކަަމަށް ބުންޏެވެ.

ޑިޒްނީ އިން މި ފިލްމުގެ ކާސްޓުންނަށް ނަގާނެ ބަޔަކާއި ފިލްމު ނެރޭނެ އިތުރު ތަފްސީލެއް ހިއްސާއެއް ނުކުރެ އެވެ.

ފިލްމުގެ ޓްރެއިލާ --

މި ފިލްމުގެ ރީމޭކް އެއް އުފައްދަން އުޅޭ ހަބަރާއެކު، ޓްވިޓާގައި ވަނީ ގިނަ ބަޔަކު މިކަމާ ދެކޮޅު ހަދާފަ އެވެ. ކުރީގެ ކްލެސިކް ފިލްމުތަކުގެ އަސްލު ގެއްލުވާލާ އަލުން ހަދާ ރީމޭކް ތަކުގައި ހިތްދަމައިގަންނަ ގޮތެއް ނުހުންނަކަމަށް ދަނީ ބުނަމުންނެވެ. އަދި، ޑިޒްނީ އިން މިހާރު އާ ހިޔާލުތަކަށް ފިލްމު ހެދުމުގެ ބަދަލުގައި ރީމޭކްތައް ހަދައިގެން ކުރީގެ ފިލްމުތައް ހަޑި ކުރަނީ ކީއްވެތޯވެސް ވަނީ ސުވާލު އުފައްދާފަ އެވެ.

މި ފިލްމަށް އައިއެމްޑީބީ އިން ވަނީ 7.5ގެ ރޭޓިން އެއް ދީފަ އެވެ. އަދި، ރޮޓެން ޓޮމާޓޯސް އިން 80 ޕަސެންޓުގެ ރޭޓިން އެއް ލިބި ބޮކްސް އޮފީހުގައިވެސް 476 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދި އެވެ.

"ހޯމް އެލޯން" ގައި ގެނެސްދިނީ އަށް އަހަރުގެ ފިރިހެން ކުއްޖެއްގެ އާއިލާގެ މީހުން ހަނދާނެތިގެން އެ ކުއްޖާ ނުލާ، ގޭގައި ބަހައްޓާފައި ޗުއްޓީއަށް ދިއުމުން އެ ކުއްޖާއަށް ދިމާވި ކަންތައްތަކެއް މައްޗަށެވެ. އެ ފިލްމުގައިވެސް އެގެއަށް ވަގުންތަކެއް ވަދެ އެ މީހުންގެ ކިބައިން ސަލާމަތްވުމަށް ކުރާ ތަފާތު މަޖާ ކަންކަން ދައްކުވައިދެ އެވެ.