ވިޔަފާރި

ޕީކް ސީޒަންގައި ރާއްޖެ-ލަންކާ ޓިކެޓުގެ އަގު ބޮޑު ކުރޭ: ސާވޭ

Aug 9, 2019
1

ދިވެހިން އެންމެ ގިނަ އިން ދަތުރުކުރާ "ޕީކް ސީޒަން" ގައި ޓިކެޓުގެ އަގު އެންމެ ބޮޑުވަނީ ސްރީލަންކާ އަށް ކަމަށް ސާވޭ އިން ދައްކައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކޮށްފައިވާ ދިވެހިން ބޭރުގައި ކުރާ ހަރަދުގެ ސާވޭ ދައްކާ ގޮތުގައި 2015 އިން 2018 އަށް ބަލާއިރު ދިވެހިން އެންމެ ގިނައިން ދަތުރު ކުރާ "ޕީކް ސީޒަން" ގައި ސްރީލަންކާ އަށް ޓިކެޓުގެ އަގުތައް ވަނީ 21 ޕަސެންޓް އިތުރުވެފަ އެވެ. ދިވެހިން ދަތުރުކުރާ ޕީކް ސީޒަންއަކީ ބޮޑު ޗުއްޓީ އާއި އީދުގެ ބަންދުތަކުގެ އިތުރުން ޓާމް ބަންދު ތަކެވެ.

މި ސާވޭގައިވާ ގޮތުން ސްރީ ލަންކާގެ ޓިކެޓުގެ އަގުތައް 2018 ވަނަ އަހަރު 300 އެމެރިކާ ޑޮލަރުގައި ހުރިއިރު، މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު 21 ޕަސެންޓުގެ ގެ އިތުރުވުމެކެވެ. ނަމަވެސް، ފާއިތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު 2018 ވަނަ އަހަރުގެ ޕީކް ސީޒަން ސާވޭގައި އިންޑިއާ، މެލޭޝިއާ އަދި ސިންގަޕޫރުގެ ޓިކެޓް
ހަރަދު ވަނީ ދަށްވެފަ އެވެ.

އެމްއެމްއޭއިން ބުނީ އިންޑިއާ އަށް ދަތުރުކުރުމަށް ޓިކެޓަށް ހަރަދުކުރިވަރު 2015 އިން 2017 ވަނަ އަހަރަށް އިތުރުވީ ނަމަވެސް، 2018 ވަނަ އަހަރު މި އަދަދު ވަނީ 301 ޑޮލަރަށް ދަށްވެފަ އެވެ. އަދި މެލޭޝިއާ އަށް ދަތުރުކުރުމަށް 2015 ވަނަ އަހަރު 405 ޑޮލަރު ހޭދަކުރިއިރު، 2018 ވަނަ އަހަރު މި އަދަދު ވަނީ 11 ޕަސެންޓް ދަށްވެ، 360 ޔޫއެސް ޑޮލަރަށް ވެއްޓިފައެވެ.

ސިންގަޕޫރަށް ދަތުރުކުރުމަށް 2018 ވަނަ އަހަރު 480 ޔޫއެސް ޑޮލަރު ހޭދަވިއިރު، މިއީ ފާއިތުވެ ދިޔަ
ތިން އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށް އަދަދެކެވެ. ތައިލެންޑަށް ދަތުރުކުރި ދިވެހީންގެ ޓިކެޓްގެ ހަރަދު 2015 އަދި 2016 ވަނަ އަހަރާ ބަލާއިރު 2017 ދަށްވިކަމުގައިވީ ނަމަވެސް 2018 ވަނަ އަހަރު މި އަދަދު ވަނީ 434 ޔޫއެސް ޑޮލަރަށް އިތުރުވެފައެވެ.