ބޮލީވުޑް

"ދާކަޅް"ގެ ފުރަތަމަ ދައްކާލުމުގައި ކަންގަނާ ވަރުގަދަ

ބޮލީވުޑް ތަރި ކަންގަނާ ރަނާއުޓް ފެންނަ އެކްޝަން ތުރިލާ ފިލްމު "ދާކަޅް"ގެ ޓީޒާ އެއް ދައްކާލައިފި އެވެ.

މި ފިލްމުގައި ކަންގަނާ އަށް ދީފައިވާ ރޯލުގެ ތަފާތުކަން ފިލްމުގެ ކުރު ޓިޒާއިން އެނގެ އެވެ. ބޮޑު ބަޑިއެއް ޖަހާ ވަޒަންތައްވެސް ހުސްކޮށްލާއިރު ކަންގަނާ ފެންނަނީ ވަރުގަދަ ލުކް އެއްގަ އެވެ. މި ފިލްމުގެ ޝޫޓިންވެސް އަދި ރަސްމީކޮށް ނުފަށާއިރު، ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނާ ގޮތުން "ދާކަޅް"ގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

ފިލްމުގެ ޓީޒާ --

މި ފިލްމަކީ ރަޒްނީޝް ގާއީ ޑައިރެކްޓް ކޮށް، ސޮހައިލް މަކްލައި ޕްރޮޑިއުސް ކުރާ އެކްޝަން ތުރިލާ ފިލްމެކެވެ. ފިލްމުގައި ކަންގަނާ އާއެކު ކޯ ސްޓާރަކަށް މިމޯހް ޗަކްރަބޯތީ ފެންނާނެކަމަށް ބުނެ އެވެ. އަދި، "ދާކަޅް"ގައި މުހިންމު ރޯލަކުން ތައްބޫ ވެސް ފެންނާނެ ކަމަށް ވަނީ ބުނެފަ އެވެ.

ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

މިދިޔަ މަހު ރިލީޒް ކުރި "ޖަޖްމެންޓަލް ހޭ ކިޔާ" އަށް ފަހު، ކަންގަނާ މިހާރު ތައްޔާރުވަމުން އަންނަނީ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ބައޮޕިކް "ތަލައިވީ" ގެ ޝޫޓިން އޮކްޓޯބަރު މަހުގައި ފަށާށެވެ.

ދެން އެންމެ އަވަހަށް ސްކްރީނަށް އަންނާނެ ކަންގަނާގެ ފިލްމަކީ އަންނަ އަހަރުގެ ޖެނުއަރީ 24 ގައި ރިލީޒް ކުރާ "ޕަންގާ"' އިންނެވެ.