ބޮލީވުޑް

ފިލްމު "ކޫލީ ނަންބަރު 1"ގެ ޝޫޓިން ފަށައިފި

ބޮލީވުޑްގެ ހެއްވާ މަޖާ ފިލްމުތަކުގެ ރަސްކަން ކުރަމުންދިޔަ ގޯވިންދާގެ މަޝްހޫރު ފިލްމު "ކޫލީ ނަންބަރު ވަން" ގެ ރީމޭކްގެ ޝޫޓިން ބެންކޮކްގައި ފަށައިފި އެވެ.

ޑޭވިޑް ދަވަން އޭނާގެ ދެ ދަރިން، އެކްޓަރު ވަރުން ދަވަން އަދި ޑައިރެކްޓަރު ރޯހިތު ދަވަން އާއެކު އަމިއްލަ ޕްރޮޑަކްޝަން އެއްގެ ގޮތުގައި ހެއްވާ މަޖާ ފިލްމު "ކޫލީ ނަންބަރު ވަން" ހަދާނެކަން މީގެ ކުރިން ވަނީ ޔަގީން ކޮށްދީފަ އެވެ. ތިން ބެއިން އެކުގައި އެންމެ ފުރަތަމަ ހަދަން އުޅުނީ "ބީވީ ނަމްބަރު ވަން"ގެ ރީމޭކް އެކެވެ. އެހެންނަމަވެސް އެތައް މަޝްވަރާތަކަކަށްފަހު އެންމެ ފަހުން ނިންމީ ގޯވިންދާ އާއި ކަރިޝްމާގެ ފިލްމު ކޫލީ ނަމްބަރު ވަން އަލުން ހަދާށެވެ.

ރީ މޭކްގައި ގޯވިންދާގެ ރޯލުން ފެންނާނީ "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ވަރުން ދަވަން އެވެ. އޭނާ އާއެކު، ލީޑު ރޯލުން ކަރިޝްމާގެ ގޮތުގައި ފެންނާނީ ސާރާ އަލީ ޚާން އެވެ.

"ކޫލީ ނަމްބަރު 1" ވެގެން ދާނީ ސާރާ އާއި ވަރުންގެ ޖޯޑު އެކީގައި ސްކްރީނަށް އަންނަ ފުރަތަމަ ފިލްމަށެވެ. މި ފިލްމު ސިނަމާތަކަށް ގެންނަނީ އަންނަ އަހަރުގެ މެއި އެކެއްގަ އެވެ.