ވިޔަފާރި

ޓޫރިޒަމް އިޝްތިހާރު ކުރަން އެމެރިކާގެ ނޫސްވެރިން ރާއްޖެއަށް

Aug 14, 2019
1

ނިއުޔޯކް ޓައިމްސް އާއި ނެޝެނަލް ޖިއޮގްރެފިކް ޓްރެވަލް އަދި ޔޫއެސްއޭ ޓުޑޭ ހިމެނޭ ގޮތަށް އެމެރިކާގެ ނޫސްވެރިން ގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ރާއްޖޭގެ ޓޫރިޒަމް އަމިއްލަ އަށް ތަޖުރިބާކޮށް އިޝްތިހާރު ކުރުމުގެ ގޮތުން އެމެރިކާގެ ނޫސްވެރިން ހިމެނޭ ޓީމެއް މި މަހުގެ 13 އިން 18 އަށް ރާއްޖެ އަށް އައިސްފައިވާ ކަމަށެވެ. މި ޓީމުގައި ދުނިޔޭގެ މަޝްހޫރު ނޫސްތަކުގައި މަސައްކަތް ކުރާ ތަޖުރިބާކާރު ޓްރެވަލް ރައިޓަރުން ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ އެމެރިކާގެ ނޫސްވެރިންގެ ޓީމުގައި ނިއުޔޯކް ޓައިމްސް އާއި ނޭޝަނަލް ޖިއޮގްރޮފިކް ޓްރެވަލް އަދި ޔޫއެސްއޭ ޓުޑޭގެ އިތުރުން ޓްރެވަލް އަދި ލެޝާ އާއި ޓްރިޕް ސެވީގެ ނޫސްވެރިން ހިމެނޭ ކަމަށެވެ.

އެކި ގައުމުތަކުގެ ނޫސްވެރިން ގެނެސް ރާއްޖެ ތަޖުރިބާ ކުރަން އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ ސިލްސިލާ "ފޭމް ޓްރިޕް" ތަކުގެ ތެރެއިން މި ފަހަރު އައި އެމެރިކާގެ ނޫސްވެރިންގެ ޓީމު ތިބޭނީ ހެރިޓަންސް އާރަށް ރިސޯޓާއި މާކިއޯ ކޫއްޑޫގަ އެވެ. މި ދަތުރުގައި އެ ޓީމުން ރާއްޖޭގެ ޓޫރިޒަމްގެ އެކި ޕްރޮޑަކްޓްތަކާއި ރާއްޖޭގެ ހިތްގައިމު މާހައުލާއި ރާއްޖޭގެ ކަނޑުއަޑި ތަޖުރިބާ ކުރާނެ އެވެ. އަދި މި ތަޖުރިބާގެ މައްޗަށް ލިޔެފައިވާ އާޓިކަލްތަކާއި ވީޑިއޯ އާއި ފޮޓޯ ހިމެނޭ ކޮންޓެންޓު އެ ގައުމުގެ ނޫސްތަކުގައި ޖަހާނެ އެވެ.

ޓޫރިޒަމް ބަޖެޓު ބޮޑުކޮށް އެމްއެމްޕީއާރުސީ އިން ރާއްޖެ އިޝްތިހާރު ކުރަން ފެށި މަސައްކަތުގެ ދަށުން މިހާތަނަށް އިންޑިއާ އާއި އިނގިރޭސިވިލާތް އަދި ޗައިނާގެ ނޫސްވެރިން ހިމެނޭ ޓީމުތައް ރާއްޖެ ގެނެސްފައިވެ އެވެ. އަދި މި ދަތުރުތައް ރޭވުމަށްޓަކައި އެމްއެމްޕީއާރުސީއިން ވަނީ ސިންގަޕޯ އެއާލައިންސް އާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ.

އެމެރިކާއަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ އުންމީދީ އެއް މާކެޓެކެވެ. އެ ގައުމުން މި އަހަރު ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް 68،421 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 34 ޕަސެންޓުގެ އިތުރުވުމެކެވެ.