ބޮލީވުޑް

ވިޖޭގެ އާ ފިލްމު ޖާންވީ އާ އެކު

މި އަހަރު ކުރީކޮޅު ނެރުނު ފިލްމު "ގަލީ ބޯއި" އިން މަގުބޫލުކަން ހޯދި ވިޖޭ ޝަރްމާ އާ ފިލްމަކަށް ސޮއި ކޮށްފި އެވެ.

ޑައިރެކްޓަރު ޒޯޔާ އަހްތަރު އުފައްދާ ކުރު ފިލްމު، "ގޯސްޓް ސްޓޯރީސް" އަަށް ވިޖޭ އާއެކު ކޯ ސްޓާރަކަށް ބަތަލާ ޖާންވީ ކަޕޫރު ވެސް ވަނީ ސޮއި ކޮށްފަ އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި ނެޓްފްލިކްސްގައި ސްޓްރީމް ކުރާ މި ފިލްމުގެ ޝޫޓިންވެސް މިހާރު ވަނީ ފަށާފަ އެވެ.

މި ފިލްމުގެ އިތުރުން މި އަހަރު ވިޖޭ ވަނީ އޭނާގެ އިންޓަނޭޝަނަލް ޑެބިއު ފިލްމު "އަ ސޫޓަބަލް ބޯއި" އަށްވެސް ސޮއިކޮށްފައި ކަމަށް ބުނެފަ އެވެ. އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި އިޝާން ހައްތަރު އާއި ތައްބޫ ވެސް ހިމެނެ އެވެ.

"ގޯސްޓް ސްޓޯރީޒް" އަކީ ހަތަރު ބަޔަކަށް ބަހާލައިގެން ގެނެސްދޭ 30 މިނެޓުގެ ކުރު ފިލްމުތަކެކެވެ. މީގެ އަނެއް ތިން ސެގްމަންޓް ޑައިރެކްޓްކުރާނީ އަނޫރާގެ ކެޝަޕާއި ކަރަން ޖޯހަރާއި ދިބާކަރު ބެނަޖީ އެވެ. ކުރު ހަތަރު ފިލްމުވެސް ނިމޭ އިރު ކޮންމެ ފިލްމަކާ ގުޅޭނެ ކަމަށް ވަނީ ހަބަރުތަކުގައި ބުނެފަ އެވެ.

ޒޯޔާ އާއެެކު ވިޖޭ ފިލްމެގައި މަސައްކަތް ކުރާ މިއީ ދެވަނަ ފަހަރު އެވެ.