ހަބަރު

ތިމާވެށީގެ މަސައްކަތަށް ރައީސް ނަޝީދު ޖަމިއްޔާއެއް އުފައްދަވައިފި

ތިމާވެށި ހިމާޔަތް ކުރުމާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަމިއްޔާއެއް އުފައްދަވައިފި އެވެ.

"މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް" ގެ ނަމުގައި ރައީސް ނަޝީދު އުފެއްދެވި އެ ޖަމިއްޔާ މިއަދު ވަނީ ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް މިނިސްޓްރީގެ ޖަމިއްޔާތަކުގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފަ އެވެ.

އެ ޖަމިއްޔާގެ އިދާރާގެ ގޮތުގައި ޖަމިއްޔާގެ މަސައްކަތްތައް ކުރާނީ ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގަ އެވެ. އަދި ޖަމިއްޔާގެ މުއައްސިސުންގެ ގޮތުގައި ތިއްބެވީ ރައީސް ނަޝީދާއި ގ. އާނޫރާނީ މަރްޔަމް ރާހިލް ނަސީމް އެވެ.

ޖަމިއްޔާގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެންނާއި ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރާނެ ގޮތްތަކެއް ހޯދުމެވެ. އެ ޖަމިއްޔާއިން ރަށްތައް ތަރައްގީ ކުރުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަކޮށް މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުމަކީ އެ ޖަމިއްޔާާގެ މަގްސަދެކެވެ.

ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތަށް ރައީސް ނަޝީދު ޖަމިއްޔާއެއް އުފެއްދެވިއިރު، މިދިޔަ އަހަރުގެ ފަހުކޮޅު އެމަނިކުފާނު ވަނީ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް އައްޑޫ ސިޓީ ހިތަދޫގައި އެމަނިކުފާނުގެ އޮފީހެއް ހުޅުއްވައިފަ އެވެ.