ހަބަރު

ނަޝީދު ހުށަހެޅުއްވި ސުޕަ ކޮމިޓީއަށް ތާއީދެއް ނުލިބުނު

Aug 19, 2019
7

މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުން ކަނޑައެޅުމާއި ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ސުޕަ ކޮމިޓީއެއް ހަދަން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރުހުންދޭން ދެކޮޅު ހަދައިފި އެވެ.

މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުންނަށް ބޭފުޅުން އައްޔަނުކުރުމާއި ވަކިކުރުމާގުޅޭ ކަންކަން ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމުގެ ޒިންމާ އަދާކުރަނީ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކުންނެވެ.

ނަމަވެސް، އު އުސޫލު ބަދަލުކޮށް މަޖިލިހުގެ ގަވައިދަށް ނަޝީދު އިސްވެ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މުސްތަގިއްލު ކޮމިޝަންތަކާއި އެކިއެކި މަގާމުތަކަށް ބޭފުޅުން ކަނޑައަޅައި ވަކި ކުރާނީ އެކަމަށް އެކުލަވާލެވޭ ސުޕަ ކޮމިޓީއަކުންނެވެ.

ނަޒާހަތްތެރި ބޭފުޅުން އެފަދަ މަގާމުތަކަށް ގެނައުމުގައި މަޖިލީސް ތަމްސީލުކުރާ ހުރިހާ ޕާޓީތަކެއްގެ ވީހާވެސް ގިނަ މެންބަރުން ޝާމިލުކުރަންޖެހޭކަމަށް ވިދާޅުވެ ނަޝީދު ހުށަހެޅުއްވި ސުޕާ ކޮމިޓީގައި ހިމެނެނީ މަޖިލިހުގެ ހުރިހާ ކޮމިޓީތަކުގެ މުގައްރިރުންނާއި، މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނެވެ.

އިސްލާހުގައިވާ ގޮތުން ކޮމިޓީ ޗެއާ ކުރައްވާނީ ވެސް ނަޝީދެވެ. އަދި ސަރުކާރުން ފޮނުވާ ނަތްތަކާމެދު ގޮތެއް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާނީ އެ ސުޕާ ކޮމިޓީންނެވެ.

ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި އެ ކޮމިޓީ ހަދަން ނަޝީދުގެ ހުށަހެޅުއްވުމަކަށް އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ތާއީދެއް ނުލިބުނެވެ. އެނގިފައިވާ ގޮތުގައި ސުޕަ ކޮމިޓީން ނަޝީދުގެ ނަން އުނިކޮށްގެން ހުށަހެޅި ނަމަވެސް، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީ މެންބަރުންގެ އަގުލަބިއްޔަތުން ނިންމާފައިވަނީ ސުޕަ ކޮމިޓީ ހަދަން ނުފެންނަ ކަމަށެވެ.

ބޮޑަށް ބެލެވޭ ގޮތުގައި ކޮމިޓީން ނަޝީދުގެ ނަން އުނިކޮށްފައިވަނީ، މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަނުކުރުމުގައި އެމަނިކުފާނު އަތްގަދަކުރަން އުޅުއްވާކަމަށް ބުނެ އެމްޑީޕީ މެންބަރުންގެ މެދުގައި ކަންބޮޑުވުންތައް ފާޅުކުރަމުންދިޔުމާ ގުޅިގެންނެވެ.