ފިނިޕޭޖް

ވަން ޑައިރެކްޝަންގެ އާ ލަވަ ޒޭން އަށް ކަމުދިޔަތަ؟ ފޭނުންނަށް ކަމުދާވަރެއް ނުވި!

Aug 1, 2015

ޒޭން މަލިކް ވަން ޑައިރެކްޝަން އިން ވަކިވިތާ ދެ މަސްވީއިރު މި ބޭންޑެއްގެ ފޭނުން އެ އުޅެނީ ޒޭން މަތިން ހަނދާން ނައްތައިނުލެވިގެންނެވެ. ޒޭންއާ ނުލައި ވަން ޑައިރެކްޝަން އިން ރިކޯޑްކުރި ފުރަތަމަ ލަވަ "ޑްރެގް މީ ޑައުން" އިއްޔެ އާންމުކުރުމާ އެކު އެއަށް އޮހުނު ހިޔާލުތަކާއި ފާޑުކިޔުމަކީ ޒޭންއާ ނުލައި ވަން ޑައިރެކްޝަން، ވަން ޑައިރެކްޝަނަކަށް ވެސް ނުވާ ކަމުގެ ހެއްކެކެވެ.

މި ލަވައެއް ނެރުމާ އެކު ސޯޝަލް މީޑިއާގައި ވަން ޑައިރެކްޝަންގެ ފޭނުން ލަވަ އަށް ގޮތްކިޔަން ފަށާފައިވާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޒޭން މިސްވެގެން ކޮށްފައިވާ ކޮމެންޓްތަކެވެ. އެގޮތުން ވަރަށް ގިނަ ފޭނުން ބުނެފައި ވަނީ ޒޭންއާ ނުލައި ވަން ޑައިރެކްޝަން އިން އާންމުކުރި ފުރަތަމަ ލަވަ ވަން ޑައިރެކްޝަންގެ ލަވައަކަށް ނުވާ ކަމަށެވެ.

"މި ލަވައިން ޒޭންގެ އަޑު ނީވުމަކީ ވަރަށް އާދަޔާހިލާފު އިހްސާސްތަކެއް ކުރެވުނު ކަމެއް. ދެރަވި ކަމެއް."

މި ލަވައެއް އަޑުއަހަމުން ދިޔައިރު ޒޭންގެ ސޯލޯއެއް އިވޭނެ ކަމަށް މަޑުކޮށްލައިގެން އިނދެވުނު ސަބަބެއް ނޭނގުނު."

މިފަދަ ކޮމެންޓްތަކެއް ވަން ޑައިރެކްޝަންގެ އާ ލަވަ އަށް އޮހެމުންދާއިރު އެމީހުންގެ ހުރިހައި ފޭނުން ވެސް ތިބީ ޒޭން މި ބޭންޑެއް ދޫކޮށް ދިޔަ ހިސާބުން ހިތްހަލާކުވެފައި ކަމަށް ނިންމިދާނެ އެވެ. އެއީ މި ލަވައެއް އަޑުއެހި ބައެއް ފޭނުން ބުނާ ގޮތުން ލަވައިގެ ވަކި ހިސާބަކުން ޒޭންގެ އަޑުއިވޭހެން ވެސް ހީވެފައިވެ އެވެ.

އުމުރުން 22 އަހަރުގެ ޒޭން މި ލަވައާ މެދު ދެކޭ ގޮތެއް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް ހޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން ޒޭން އަށް މި އާ ލަވަ ވަރަށް ވެސް ކަމުދެ އެވެ. ނަމަވެސް އެ ލަވަ ޕްރޮމޯޓްކުރުމަށް ޒޭން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ވެސް ޒޭންއާ ގާތް ފަރާތްތަކުން ބުނެ އެވެ.

އެކްސް ފެކްޓާ މުބާރާތުން ހޮވާލެވުނު ލަވަކިޔުންތެރިންތަކެއް ހިމަނައިގެން 2010 ވަނަ އަހަރު އުފެއްދި ވަން ޑައިރެކްޝަން ބޭންޑް މިދިޔަ މާޗް މަހު ދޫކޮށްލުމަށް ފަހު ޒޭން މިހާރު ތައްޔާރުވަމުން ދަނީ ސޯލޯ ކެރިއަރެއް ފައްކާކުރުމަށެވެ. އެގޮތުން އޭނާގެ ފުރަތަމަ ސޯލޯ އަލްބަމް އަންނަ އަހަރު ނެރޭނެކަން ވަނީ އިއުލާނު ވެސްކޮށްފަ އެވެ.