އިސްލާމިކް ބޭންކް

އެމްއައިބީގެ ހިއްސާ ފޯމް ހެޑް އޮފީހުން ވެސް ބަލައިގަންނާނެ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހެޑް އޮފީހުން ވެސް ހިއްސާގެ ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސައިފި އެވެ.

މިއަދުން ފެށިގެން ހ. މެދުޒިޔާރަށްދޮށުގައި ހުންނަ އެ ބޭންކުގެ ހެޑް އޮފީހުން ހިއްސާގެ ފޯމް ބަލައިގަންނާނެ އެވެ. ހިއްސާގެ ފޯމް ބަލައިގަތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ކުރިއަށް ދާނެ އެވެ. އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ފޯމް ބަލައިގަންނަ ގަޑި ތަކަކީ މެންދުރު ފަހު 3:00 އިން އިރު އޮއްސި 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

ހޮނިހިރު ދުވަހު ފޯމް ބަލައިގަންނާނީ ހެނދުނު 9:00 އިން ހަވީރު 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

އެމްއައިބީގެ ހެޑް އޮފީހުން ހިއްސާ ގަންނަން ފައިސާ ދެއްކުން ނަގުދު ފައިސާ އާއި ކޭޝް ކާޑު އަދި މޯބައިލް ޓްރާންސްފާ މެދުވެރިކޮށް ދެއްކޭނެ އެވެ.

މީގެ އިތުރުން ހިއްސާގެ ފޯމް ބަލައިގަންނަން އެ ބޭންކުން ގާއިމްކުރި ކަލެކްޝަން ސެންޓަރުން ވެސް ފޯމް ބަލައިގަންނާނެ އެެވެ. އެ ސެންޓަރު ހުންނާނީ މެޑިކާ ހޮސްޕިޓަލު ކުރިމަތީގައި ހުންނަ މ. ފާމުދޭރި ބިލްޑިންގް ގައެވެ.

އެމްއައިބީއިން ބުނީ ހިއްސާއަށް ބޮޑު ތަރުހީބު ލިބެމުން އަންނަ ކަމަށެވެ. އެ ބޭންކުގެ 1.5 މިލިއަންގެ ހިއްސާ ބ. އެޓޯލް ރެޒިޑެންޝަލް ލާނިން ސެންޓަރުން ވަނީ ގަނެފަ އެވެ.

އެމްއައިބީގެ ހިއްސާއެއް ވިއްކަނީ 35ރ. އަށެވެ. އަދި އެންމެ މަދުން ގަނެވޭނީ 20 ހިއްސާ އެވެ. އެއީ 35ރ. އަށް ހިއްސާއެއްގެ މަގުން ބަލާނަމަ 700ރ. ގެ ހިއްސާ އެވެ. އަދި 10 ހިއްސާ އިން އަދަދު އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އެ ކުންފުނި ވަނީ ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފަ އެވެ. ހިއްސާ ވިއްކަން ހުޅުވާލިއިރު ހިއްސާ ބެހިގެން ދާނީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވްލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އެވެ. އެމްއައިބީގެ ޖުމްލަ ހިއްސާގެ 31 ޕަސެންޓް ވިއްކާއިރު، ވިއްކާ ހިއްސާގެ ޖުމްލަ އަދަދަކީ 6،975،000 އެވެ.