މަޝްހޫރު އާރްއެންބީ/ހިޕްހޮޕް ލަވަކިޔުންތެރިޔާ، އޭކަންގެ ހާއްސަ ޝޯއެއް އަންނަ ހަފުތާގައި ގަލޮޅު ރަސްމީ ދަނޑުގައި އޮންނާނެކަން ދެންމެ އިއުލާނުކޮށްފި އެވެ.
މިކަން އިއުލާނުކުރީ ޓޫރިސްޓް ކައުންޓް ޑައުންގެ ގޮތުގައި ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުރިއަށް ގެންދާ ކުލަގަދަ ޝޯގެ ތެރެއިން އާ އަހަރު ފާހަގަކުރުމަށް ނެގި ހަވާ ކުޅިވަރުގެ ބްރޭކާ އެކު އާންމުކުރި އޭކަންގެ ހާއްސަ ވީޑިއޯ މެސެޖަކުންނެވެ.
އޭކަން ގެނެސް މި ޝޯގެ ދެ ވަނަ އެޕިސޯޑް މި މަހުގެ އަށް ވަނަ ދުވަހު ފަށާއިރު ރެޕާ ޝޯން ޕޯލް މި ޝޯ އަށް ގެންނަން އުޅެގެން ވެސް އޮތީ މައްސަލަ ނިކަން ބޮޑަށް ހޫނުވެފަ އެވެ. ޝޯން ޕޯލް އެންމެފަހުން މި ޝޯގައި ބައިވެރިނުވީ އޭނާ އަށް މަރުގެ އިންޒާރު ދީ ދިވެހިންގެ ބަޔަކު ވީޑިއޯއެއް އާންމުކުރުމުންނެވެ.
އޭކަން ގެންނަން އިއުލާނުކޮށްފައިވާއިރު 2010 ވަނަ އަހަރު ވެސް އޭނާ ރާއްޖެ ގެނެސް ޝޯއެއް ދޭން މަސައްކަތްކުރި އެވެ. އެންމެފަހުން އެ ޝޯ ކެންސަލްވެގެން ދިޔައިރު އެ ޝޯއާ ދެކޮޅަށް ވެސް ޝޯން ޕޯލްއާ ދެކޮޅަށް ފާޅުކުރި ފަދަ ހިޔާލުތަކެއް ސިޔާސީ ފަރާތްތަކާއި ދީނީ އިލްމުވެރިންނާއި ޕާޓީތަކުން ފާޅުކޮށްފައިވެ އެވެ.
އެމެރިކާ އަށް ނިސްބަތްވާ އޭކަން އަކީ ހިޕްހޮޕް ދުނިޔޭގެ އެންމެ ބޮޑު އެއް ސްޓާރެވެ. އޭނާ މިއުޒިކް ދުނިޔޭގެ ސަމާލުކަން ހޯދީ 2004 ވަނަ އަހަރު ނެރުނު އަލަތު އަލްބަމްގެ ސިންގަލް "ލޮކްޑް އަޕް" އިންނެވެ.
އޭކަން އަކީ ޝޯން ޕޯލަށް ވުރެ ދިވެހި ޒުވާނުންގެ މެދުގައި މަގްބޫލު ފަންނާނެކެވެ.