ހަބަރު

އާ ބިލުން ބިދޭސީން ވިޔަފާރީ ކުރާ މައްސަލައަށް ބަދަލެއް ނާދޭ: ފައްޔާޒު

Aug 21, 2019

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އަލަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުމާ ގުޅޭ އިސްލާހުތަކެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ސަރުކާާރު ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލާ ގުޅޭ ގޮތުން އިދިކޮޅު މެންބަރުންނާއި އެމްޑީޕީގެ ގިނަ މެންބަރުންގެ ވެސް ކަންބޮޑުވުމަކީ އެ ބިލުގެ ސަބަބުން ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ބިދޭސީން ވަނުމަށް މަގުފަހި ވުމެވެ. މެންބަރުން އެގޮތަށް ދެކިވަޑައިގަންނަވަނީ އާ ބިލުގެ ހަ ވަނަ މާއްދާއާ ހަވާލީދީ އެވެ. އެ މާއްދާގައިވާ ގޮތުން ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނުގެ ހުއްދަ ނަގައިގެން ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ހިންގޭނެ އެވެ.

އެ ބިލާ ގުޅޭ ގޮތުން އިތުރު މައުލޫމާތުތައް މެންބަރުންނާ ހިއްސާ ކުރެއްވުމަށް މަޖިލީހުގެ ފްލޯއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި ނަމަވެސް އާ ބިލުގައިވާ އިސްލާހެއްގެ ސަބަބުން އެ މައްސަލައަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. މިހާރު ވެސް ބިދޭސީން ކުދި ވިޔަފާރިތައް ކުރަމުން ދަނީ ދިވެއްސެއްގެ ނަމުގައި ގާނޫނާ ހިލާފަށް ކަމަށާއި އެކަންކަން މޮނިޓާ އެކަން ހައްލު ކުރެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލުގެ ހަވަނަ މާއްދާއިން އެކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ބިދޭސީން ވިޔަފާރި ކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ދިވެހިން. ދިވެއްސެއްގެ ނަމުގައި ވިޔަފާރި މި އޮންނަނީ. ދިވެއްސެއްގެ ނަމުގައި އެ ހިންގާ ވޯކް ޕާމިޓު މި އޮންނަނީ. އަޅުގަނޑުމެން އެއަށް ހެދޭނެ ގޮތެއް އެބަ ބަލަން ޓްރެކް ކުރެވޭނެ ގޮތެއް އެބަ ބަލަން،" ފައްޔާޒު ވިދާޅުވި އެވެ.

ރާޢްޖޭގައި މިހާރު ވެސް ފޮރިން އިންވެސްޓްމަންޓާ ބެހޭ ވަކި ގާނޫނެއް އޮންނަކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ދިވެހި ފޮޓޯގްރަފަރުންނަށް މިހާރު ވެސް ފުރުސަތު ނުލިބެނީ އެ ގާނޫނުގެ ދަށުން ހަދާ ސިޔާސަތުތަކާ ހެދި ކަމަށެވެ.

"އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ މި ގާނޫނަކީ ފޮރިން އިންވެސްޓުމަންޓު ނޫނީ ބިދޭސީ ވިޔަފާރި ރެގިއުލޭޓު ކުރަން ހެދި ގާނޫނެއް ނޫން، މިއީ ވިޔަފާރިތަކަށް ފަސޭހަ ކުރާ ގާނޫނެއް،" ފައްޔާޒު އިތުރަށް ވިދާޅުވި އެވެ.

ވިޔަފާރި ރަޖިސްޓާ ކުރުމުގެ ގާނޫނަށް ގެންނަ އިސްލާހުގައި މައިގަނޑު ގޮތެއްގައި ހުރީ ވިޔަފާރި ރަޖިސްޓާ ކުރަމުން އަންނަ އުސޫލުތައް ބަދަލު ކުރުމަށް ހުށަހަޅާފަ އެވެ. އެގޮތުން ވިޔަފާރިތައް ރަޖިސްޓާ ކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ބިލުގައިވެ އެވެ.