ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޖޭއެސްސީގެ ގާނޫނަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި އިސްލާހަށް މަޖިލީހުން މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 62 މެންބަރުން ތާއީދު ކުރެއްވި އެވެ. އަދި ވަކި ގޮތަކަށް ނުފެންނަ ކަމަށް ހަތަރު މެންބަރަކު ވޯޓު ދެއްވި އެވެ.
ބިލުގައިވާ ގޮތުން ޖޭއެސްސީގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ނަމުގައި އާ އިދާރާއެއް އުފައްދައި، މިހާރު ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑީޖޭއޭ އުވޭނެ އެވެ. އަދި އެ އިދާރާގެ އެންމެ އިސް ފަރާތުގެ ގޮތުގައި ޗީފް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރަން ޖެހޭނެ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންކަމުން އެ އިސްލާހު ފާސްވާ ހިސާބުން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރުމާއެކު، މިހާރު އެ މަގާމުގައި ހުންނެވި ނަޒީރުގެ މަގާމު ގެއްލޭނެ އެވެ.
ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކަށް މީހަކު އައްޔަން ކުރުމާއި އެ މަގާމުގައި ހުންނަ މީހަކު މަގާމުން ވަކިކުރުމުގެ ބާރު އެ ބިލުން ދީފައި ވަނީ ވެސް ޖޭއެސްސީއަށެވެ.
އޭގެ އިތުރުން ޖުޑިޝަލް އެކަޑަމީގެ އިދާރީ މުވައްޒިފުންނާއި މަސައްކަތާއި ވަސީލަތްތަކާއި ޒިންމާތައް ޑީޖޭއޭއަށް ބަދަލު ވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ. އަދި އެ އެކަޑަމީގެ އެންމެ އިސް ފަރާތަކަށް ވާނީ ވެސް ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ކޮމިޓީ ރިޕޯޓުގައިވެ އެވެ. އެހެންކަމުން ބިލުގައިވާ ގޮތުން، ޖުޑިޝަލް އެކަޑަމީގެ ޗާންސެލާ މާޖިދުގެ މަގާމު ވެސް ގެއްލޭނެ އެވެ.
އެ ގާނޫނަށް އިތުރަށް ގެންނަ ބިބަދަލުތަކަކީ އެގޮތުން ޖޭއެސްސީގެ މެންބަރެއްގެ އެންމެ ދަށް އުމުރަކީ 30 އަހަރު ކަމަށް ކަނޑައެޅުމެވެ. ބިލުގައި ކުރިން އޮތް ގޮތުންނަމަ، އެންމެ ދަށް އުމުރަކީ 40 އަހަރެވެ.