މިފެށުނު 2015 ވަނަ އަހަރަކީ ތަރައްގީ އާ ހަރުފަތްތަކެއް ހާސިލް ކުރެވޭނެ އަހަރެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ޔާމީން މިރޭ ފޮނުއްވި ޚިތާބެއްގައި ވަނީ މިފެށުނު އަހަރުގައި ރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތައް ފެށިގެންދާނެ ކަމަށެވެ. އަދި މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުން އެފަދަ މަޝްރޫއުތަކަށް ފުރުސަތުތައް ލިބި ރައްޔިތުންނަށް އެތައް ލުޔެއް ލިބިގެންދާނެ ކަމަށް އެ ޚިތާބުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
"މި މަގުން އަޅުގަނޑުމެން ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި އެވެ! ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވާށި އެވެ! އަދި ރާއްޖެ އަށް އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ލިބިގެން ދާނެ އަހަރެއް ކަމުގައި މި އަހަރު ލައްވާށި އެވެ،" އެ ހިތާބުގައިވެ އެވެ.
އެ ޚިތާބުގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު ރާއްޖެ އޮތީ އިގްތިސާދީ ގޮތުން ވަރަށް ނާޒުކު ހާލަތެއްގައި ނަމަވެސް މިދިޔަ އަހަރު ހަރުދަނާ ފިޔަވަޅުތަކެއް އެޅި، އެކަމުގެ ސަބަބުން ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި އިޖްތިމާއީ ގޮތުން ވެސް މިދިޔަ އަހަރަކީ ރަނގަޅު ނަތީޖާތަކެއް ނެރެދެވުނު އަހަރެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ރައްޔިތުން ބުރަ އާއި ތަކުލީފު އުފުލަން ޖެހިފައި އޮތް އެތައް ކަމަކަށް ލުއި ފަސޭހަތަކެއް ހޯދައިދެވިފައިވާ ކަމަށް ވެސް އެ ޚިތާބުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރުގެ މެނިފެސްޓޯގެ އެއް އަމާޒަކީ ޒުވާނުން ކަމަށް ވާއިރު ޒުވާނުންގެ ހުނަރާއި ގާބިލްކަން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެކަމަށް ބޮޑެތި ޚަރަދުތަކެއް ކުރެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.