ހަބަރު

އެމްއާރްއެމް އުފައްދަން އީސީއަށް ފޯމް ހުށަހަޅައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފައްދާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އުފައްދަން މިއަދު އިލެކްޝަން ކޮމިޝަން (އީސީ) އަށް ފޯމް ހުށަހަޅައިފި އެވެ.

އެމްއާރްއެމް އުފައްދަން އީސީއަށް ފޯމް ހުށަހެޅީ 3،313 މީހުންގެ ސޮޔާއެކު ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ. އެމްއާރްއެމް އުފައްދަން އެންމެ ފުރަތަމަ ހުއްދަ ދޫކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަނަށެވެ. ނަމަވެސް ފަހުން އެ ހުއްދަ ދީފައިވަނީ ޔުމްނާ އަށެވެ.

ކުރިން މިނިސްޓަރު އިބްރާހިމް ހަސަނަށް ދީފައިވާ ހުއްދަ ބާތިލު ކުރުމަށް އިލެކްޝަން ކޮމިޝަނުގައި އެދުނީ މި އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ، އެ ދުވަހަކީ އެމްއާރްއެމް އުފެއްދުމަށް ސޮއި ހަމަކުރުމަށް އޭނާއަށް ދީފައިވާ މުއްދަތު ހަމަވި ދުވަސް ވެސް މެއެވެ.

ސިޔާސީ ޕާޓީގެ ގަވައިދުގައިވާ ގޮތުން ހުއްދަ ދޫކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ތިން ހާސް މީހުންގެ ސޮޔާއެކު ހުށަހަޅަން ޖެހޭނެ އެވެ. ނޫންނަމަ ހުއްދަ ބާތިލްވާނެ އެވެ.

އެމްއާރްއެމް ޕާޓީ ހެދުމަށްޓަކައި އެހީތެރިވި ހުރިހާ މީހުނަށް މައުމޫން ވަނީ ޝުކުރު އަދާކޮށްފަ އެވެ.