ނަވާރަ ސަތޭކަ ނުވަދިހަ ނުވަވަނަ އަހަރު ނެރުނު ސައިންސް ފިކްޝަން ފިލްމު "ދަ މެޓްރިކްސް" ގެ ތިން ވަނަ ބަޔަށްފަހު ސީކުއެލް އަކަށް ތައްޔާރު ވާން ފަށައިފި އެވެ. ފިލްމުގެ އެންމެ މަގުބޫލުވި ތަރި ކިއާނޫ ރީވްސް އާއެކު މެޓްރިކްސް 4 އުފައްދަން ނިންމާފައިވާ ކަމަށް ފިލްމުގެ ޓީމުން ވަނީ ޔަގީން ކޮށްދީފަ އެވެ.
ގިނަ ބަޔެއްގެ މެދުގައި މަގުބޫލުވި މި ސީރީޒްގެ ތިން ފިލްމު، "ދަ މެޓްރިކްސް" އާއި "މެޓްރިކްސް ރީލޯޑެޑް" އަދި "މެޓްރިކްސް ރިވޮލިއުޝަންސް" އަށްފަހު އާ ފިލްމެއް އުފައްދާނެ ކަމުގެ ހަބަރު ދިނަސް ހަތަރުވަނަ ފިލްމަށް ކިޔާނެ ނަމެއް އަދި ހާމަ އެއް ނުކުރެ އެވެ. އަންނަ އަހަރު ޕްރޮޑަކްޝަންގެ މަސައްކަތް ފަށާ މި ފިލްމުގައި، ކިއާނޫ އާއެކު މެޓްރިކްސްގެ ޓްރިއޮލޮޖީ އިން ފެނުނު ކެރީއޭން ވެސް އެނބުރި އަންނާނެ އެވެ.
މި ތަރިން އެނބުރި އަންނަ އިރު، ފިލްމުގެ މަަސައްކަތް ކުރާނީ ކުރީގެ ތިން ފިލްމުގައި ވެސް މަސައްކަތް ކުރި ޑައިރެކްޓަރުން ކަމުގައިވާ، ލަނަ ވަޗޯސްކީ އާއި އޭނާގެ ދައްތަ ލިލީ އެވެ.
"މެޓްރިކްސް" ގެ ފިލްމުތަކުން މަގުބޫލުވި ތަރި ކިއާނޫ ފަހުން ކުޅުނު ގިނަ ފިލްމުތަކަށް ނުލިބުނު ސަޕޯޓު މި ފަހުން އާއްމުންގެ ފަރާތުން ވަނީ ފެންނަން ފަށާފަ އެވެ. ކިއާނޫ މި އަހަރު ކުޅުނު ތިން ފިލްމު "ޖޯން ވިކް-ޗެޕްޓާ ތްރީ"، އޯލްވޭސް ބީ މައި މޭބީ" އަދި ޕިކްސާގެ "ޓޯއި ސްޓޯރީ ފޯ" އިން ބޮޑު ކާމިޔާބެއް ހޯދި އެވެ.
ޕްރޮޑަކްޝަންގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ މި ފިލްމުގެ ރިލީޒް ޑޭޓެއް އަދި ހާމަ އެއް ނުކުރެ އެެވެ.