ހަބަރު

އަޒްމިރަލްޑާ އާއި ސުޖޫން ސްޕްރީމް ކޯޓަށް އައްޔަންކުރަން ލަފާއަކަށް އެދިއްޖެ

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު އާއި، ސުވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ސުޖޫން ސްޕްރީމް ކޯޓަށް އައްޔަން ކުރުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަންގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 148ވަނަ މާއްދާގެ ހ ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މ.ސީނާ ޑރ.އަޒްމިރަލްޑާ ޒާހިރު އަދި މ.ކޮކާހަނދުވަރު އައިޝާ ސުޖޫން މުހައްމަދު އައްޔަންކުރުމާމެދު ޖުޑީޝަލް ސާވިސް ކޮމިޝަންގެ ލަފައަކަށް އެދި މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

ޑރ. އަޒްމިރަލްޑާ ޒާހިރު ހައިކޯޓުން 2016 ގައި އިސްތިއުފާދެއްވި އިރު، އެކަމަނާއަކީ ހައިކޯޓުގެ ބެންޗުގައި މިހާތަނަށް އިންނެވި ހަމަ އެކަނި އަންހެންބޭފުޅާއެވެ. އަދި ސުޖޫން 2014 ގައި ސިވިލް ކޯޓުން އިސްތިއުފާދެއްވި އިރު، އޭނާ އަކީ ރާއްޖޭގައި ފަނޑިޔާރުކަން ކުރުމުގެ ފުުރުސަތު އެންމެ ފުރަތަމަ ލިބިވަޑައިގަތް އަންހެން ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ. ސުޖޫން ވަނީ ދާދި ފަހުން ބޭއްވި ބާ ކައުންސިލް އިންތިހާބުގައިވާދަކޮށް، އެކައުންސިލަށްވެސް ހޮވިވަޑައިގެންފަ އެވެ.

ރައީސް ސޯލިހު ކުރެއްވު ޓުވީޓް

ސްޕްރީމް ކޯޓު އާ ގާނޫނު އަސާސީން ވުޖޫދު ކުރި ފަހުން އަންހެން ބޭފުޅުން އެކޯޓުގެ ބެންޗަށް ނޮމިނޭޓްކުރި މިއީ ފުރަތަމަ ފަހަރެވެ. ސްޕްރީމް ކޯޓަށް ދެ ފަނޑިޔާރަކު އައްޔަން ކުރަން ނިންމާފައިވަނީ އެކޯޓުގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ.