ލައިފްސްޓައިލް

ޝަކުވާއާ ނުލާ އޮފީހުގެ މަސައްކަތް ކުރެވޭނެތަ؟

އޮފީހެއްގައި ދުވާލަކު މަދުވެގެން އަށް ގަޑިއިރު ހޭދަކުރާ އިރު އޭގެ ތެރެއިން ބޮޑު ބައެއް ހޭދަ ކުރަނީ ޝަކުވާ ކުރުމުގައި ކަމުގައި ވާނަމަ، އެކުގައި މަސައްކަތް ކުރާ މީހުންނަށް ވެސް އޭގެ އަސަރުކުރާ ކަމަށް ކެރިއާ ކޯޗުން ވިދާޅުވެ އެވެ. ކޮންމެ ދުވަހަކު އޮފީހާ މެދު ހުންނަ ހިތްހަމަ ނުޖެހުންތައް ނުވަތަ، ޝަކުވާ ބޮނޑި ހެނދުނު ހެނދުނާ އޮއްސާލުމުން އެ ދުވަހެއްގެ އުފެއްދުންތެރިކަން ދާނީ ސުމަކަށެވެ. އަމިއްލަ މީހާގެ މަސައްކަތަށް އޭގެ އަސަރު ކުރުމާއެކު އެކުގައި މަސައްކަތް ކުރާ މީހުންނަށް ވެސް މެ އެވެ. ޝަކުވާ މަދުކޮށް އޮފީހުގައި ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ގޮތެއް ހޯދަން ޖެހެ އެވެ.

މައްސަލަތައް ހުންނާނެ، ލިސްޓު ކުރޭ

ކޮންމެ އޮފީހެއް ނުވަތަ މަސައްކަތް ކުރާ ތަނެއްގައި ވެސް އެކި ކަހަލަ މައްސަލަތައް ހުންނާނެ އެވެ. އެކި މިޒާޖުގެ އެކި އުމުރުގެ މީހުންނާއެކު އުޅޭ އިރު އެންމެން އެއް ކަމަކަށް އެއްބަހެއް ނުވެވޭނެ އެވެ. އަދި އެހެން އެންމެން އެއް ހިޔާލެއްގައި އެއްކަން ކަމަށް އެއްބަސްވުމަކީ ވެސް މާ ރަަނގަޅު ގޮތެއް ނޫނެވެ. ތަފާތު ހިޔާލުގެ ވިސްނުން ގެންގުޅޭ މީހުންނާއެކު މަސައްކަތް ކުރުމުން ތަނަށް ކުރިއެރުން ލިބޭނެ އެވެ. ނަމަވެސް، މަސައްކަތުގައި މި ދިމާވާ ކަންކަމާއި ރަނގަޅު ކުރަންޖެހޭ ކަންކަމުގެ މައްސަލަތައް ލިސްޓު ކުރުން މުހިއްމެވެ. ކޮންމެ ދުވަހަކު އޮފީހަށް ގޮސް ކައިރީ އިންނަަ މީހާ ގާތުގައި ޝަކުވާ ކުރުމުގެ ބަދަލުގައި ޕްރޮފެޝަނަލްވެ، ލިސްޓެއް ހަދާށެވެ. ދެން ހަދަންވީ ގޮތް ވެސް ކިޔައިިދޭ ނަަމެވެ.

ފުރުސަތު ލިބުމުން މީޓިންތަކުގައި ބުނޭ

މި ކަހަލަ ކަންކަމަށް އެންމެ ފަސޭހައިން ހަަައްލު ލިބޭނީ އެ ކަމެއްގެ ހައްލުު ހޯދޭނެ ފަރާތާ ހިއްސާ ކުރުމުންނެވެ. މުވައްޒަފުންގެ ޝަކުވާއެއް ނަަމަ ސްޓާފް މީޓިން އެއް އޮންނަ ދުވަހަކު އޮފީހުގެ ވެރިންނާ ހިއްސާ ކުރާށެވެ. އެއްކަލަ ލިސްޓު ނަގާ ދިމާވާ މައްސަލަތައް ހިއްސާ ކުރާށެވެ. އެއާއެކު އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތައް ވެސް ބުނެވިދާނެ އެވެ. އަަޑު އަހާނެ ކަން ޔަގީނެވެ.

ކޮފީއެއްގައި ވެސް މި ވާހަކަ ދެއްކިދާނެ؟

ގިނަ އޮފީސް ތަކަކީ މިހާރު ޒަމާނީ ފަހުގެ ހިޔާލުތައް ބަލައިގަންނަ ތަންތަނެވެ. އޮފީސް މީޓިންތައް ކޮފީ މޭޒުތަކުގައި ބާއްވާއިރު ވަގުތާ ހާލަަތަށް ބެލުމަށްފަހު ފާހަގަވާ މައްސަލައެއް އޮތް ނަމަ ބުނެވިދާނެ އެވެ. މީޓިންގައި އެންމެން ކުރިމަތީ ބުނަން ނުކެރި ލަދުގަންނަ ކަމުގައިވާ ނަމަ މިވެސް ގޮތެކެވެ.

އަމިއްލަ އަށް ހައްލެއް ހޯދުން މުހިއްމު

އޮފީހުގައި ޖެހޭ މައްސަލަތަކަކީ އާއްމު ގޮތެއްގައި ކުދި ކަންކަމެވެ. އެއީ އޮފީހުގެ މެނޭޖްމަންޓުގެ ސަބަބުން އަަންނަ ކަމެއް ކަމުގައިވެސް ވެދާނެ އެވެ. ނޫނީ އެކުގައި މަސައްކަތް ކުރާ ޓީމުގެ މީހެއްގެ މައްސަލަ އަކަށްވެސް ވެދާނެ އެވެ. ތަން ދެކެ ރުޅި އައިސް ހިތްހަމަ ނުޖެހި އޮފީހަށް ނުގޮޮސް އެންމެ ފަަހުން އޮފީހުން ކެނޑުމުގެ ބަދަލުގައި މައްސަލައަށް އޮތީ ކޮން ހައްލެއްތޯ ވިސްނާށެވެ. ހައްލު ކުރުމަށް އެންމެ ފުރަތަމަ އަޅާނެ ފިޔަވަޅަށް ރަައްޓެއްސެއްގެ ހިޔާލެއް ވެސް ހޯދިިދާނެ އެވެ. އަދި މައްސަލައަށް ހައްލެއް ގެނަައުމަށް އެމީހަކާ ކުރިމަތިލާށެވެ. ވާހަކަ ދަައްކާ މައްސަލަ ހައްލުކޮށް ހިތުގައި އެއްޗެއް ނުބާއްވާ އެނބުރި މަސައްކަތަށް ދާންވީ އެވެ.

ތިންކް ޕޮސިޓިވް!

ދިރިއުޅުމުގައި ވެސް މިކަން ދިމާވާނެ އެވެ. ނުބައިކަންކަމަށް ނުވަތަ ނެގަޓިވިޓީއަށް ފޯކަސް ކުރުމުގެ ސަަބަބުން ރަނގަޅު އެއް ކަމެއްވެސް ނުފެންނާނެ އެވެ. ވޯކްޕްްލޭސް ބެލެންސް އެކްސްޕާޓުން ވިދާޅުވަނީ އަހަރުމެންނަކީ ކުދި ކުދި ކަންކަމުގައި ވިސްނާ މީހުނެވެ. އެކަން ހައްލު ކުރުމަށް ނިދުމުގެ ކުރިން އެ ދުވަހެއްގެ ހިނގި ރަނގަޅު ތިން ކަމެއް ލިސްޓު ކުރަން އެކްސްޕާޓުން ވިދާޅުވެ އެވެ.

އެއީ ރީތި އިރުއޮއްސޭ މަންޒަރެއް ފެނުން، ހެއްވާ މަޖާ ޖޯޖެއް ބުނުން، ނުވަތަ މަސައްކަތް ރަަނގަޅުވެ ބޮސްގެ ފަރާތުން ތައުރީފަކަށް ވިޔަސް މެ އެވެ. ކުދި ކުދި ރަނގަޅު ކަންތައް ހިތުގައި ލިސްޓު ކުރުމުގެ ސިކުނޑިގައި އަބަދު އެނބުރޭ ނެގަޓިވިޓީ ފިލައިފާނެ އެވެ.

މީގެ އިތުރުން، އެކުގައި މަސައްކަތް ކުރާ މީހުންނާއެކު "ޕޮސިިިޓިވް ވައިބް" ޝެއާ ކުރުން ވެސް މުހިއްމު ކަމަށް ފާހަގަ ކުރެ އެވެ. ކަލަންޑަރުގައި ޖަހައިގެން ނަމަވެސް ހަފުތާ ފަށަމުން ކޮންމެ އާދިއްތަ އެއްގައި ޕޮސިޓިވް ވާހަކަ އެއް އެކުގައި މަސައްކަތް ކުރާ މީހުންނާއެކު ދައްކާލާށެވެ. ދެވަނަ ފަހަރަށް ޝަކުވާ ކުރުމުގެ ކުރިން މިކަމާމެދު ވިސްނޭނެ އެވެ.