ރައްޔިތުންގެ މަޖިލިސް

ބޮޑެތި ކުށްތަކާ ގުޅޭ ސާކްގެ އެއްބަސްވުމަށް މަޖިލީހުން ރުހުންދީފި

ގައުމުތަކުގެ މެދުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އެކުލަވާލާ އެއްބަސްވުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

"ސައުތު އޭޝިއަން ރީޖަނަލް އިންޓެލިޖެންސް އެންޑް ކޯޑިނޭޝަން ސެންޓާ އޮން ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް" ގެ ނަމުގައި ގާއިމު ކުރާ އެއްބަސްވުމަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް އިން އިސްނަގައިގެން ގާއިމްކުރަން ހުށަހަޅާފައިވާ އެއްބަސްވުމުގެ މަގުސަދަކީ، ދެކުނު އޭޝިއާ ސަރަހައްދުގެ އެކި ގައުމުތަކުގެ މެދުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ ސަބަބުން އެ ގައުމުތަކަށް ލިބޭ އިޖުތިމާއީ، އިގްތިސާދީ އަދި ސިޔާސީ ގެއްލުންތައް އިތުރުވަމުންދާތީ އެފަދަ ގެއްލުންތަކުން ރައްޔިތުންގެ ފުރާނައާއި އެހެނިހެން ހައްގުތަކާއި ގައުމީ ބޮޑެތި މަސްލަހަތުތައް ހިމާޔަތްކުރުމުގެ މުހިންމުކަން ދެނެގަތުމެވެ.

ކުށް ކުރުން ހުއްޓުމަށް އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރާނީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރެވޭ އުސޫލުތަކާއި އެ އެއްބަސްވުމުގައި ބައިވެރިވާ ގައުމުތަކުގެ ގާނޫނުތަކުގެ އަލީގައި އެއް ގައުމުން އަނެއް ގައުމުގެ އަމިއްލަވަންތަކަމާއި މިނިވަންކަމާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް އިހުތިރާމްކޮށް ގައުމުތަކުގެ ދާހިލީ ކަންތައްތަކަށް ބުރޫނާރާނެހެން ކަމަށް އެއްބަސްވުމުގައިވެ އެވެ.

އެ އެއްބަސްވުމުގެ ދަށުން "ސައުތު އޭޝިއަން ރީޖަނަލް އިންޓެލިޖެންސް އެންޑް ކޯޑިނޭޝަން ސެންޓަރ އޮން ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް" ގެ ނަމުގައި ސްރީލަންކާގައި ސެންޓަރެއް ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށާއި، އެފަދަ ކުށްތަކާގުޅޭ މައުލޫމާތު އެއްކޮށް، ރައްކާތެރިކޮށް ބަލަހައްޓާ، އަދި ބޭނުންޖެހިއްޖެ ހިނދެއްގައި އެފަދަ މައުލޫމާތު އެއް ގައުމުން އަނެއް ގައުމާ ހިއްސާކުރެވޭކަން ސެންޓަރުން ކަށަވަރުކުރުކުރާނެ ކަމަށް އެއްބަސްވުމުގައިވެ އެވެ.

ހޯމް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ އެ އެއްބަސްވުމުގެ ދަށުން ސެންޓަރެއް ގާއިމުކޮށް ހިންގަން ފެށުމަކީ، ދިވެހިރާއްޖޭގައި ފުޅާވަމުން އަންނަ ކުށުގެ ވެށި ކޮންޓްރޯލްކޮށް، ދިވެހިރާއްޖޭގެ ސަރަހައްދުގައި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް، އިންސާފު ގާއިމު ކުރެވޭނެ ކަމަށެވެ. އަދި އެފަދަ ކުށްތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ އިޖުތިމާއީ، އިގްތިސާދީ އަދި އެހެނިހެން ގެއްލުންތައް ކުޑަކޮށް، ރައްޔިތުންގެ ފުރާނައާއި މުދާލާއި އެހެނިހެން ހައްގުތަކާއި މަސްލަހަތުތައް ހިމާޔަތް ކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން އޭރު ބުނެފައިވެ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރާނީ ރާއްޖޭގެ އިތުރުން ބަނގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް އަދި ސްރީލަންކާ ސަރުކާރުގެ މެދުގަ އެވެ.