ދުނިޔެ

ޕާކިސްތާނުން އިންޑިއާ އަށް ފޮނުވާ އަނބު ފޮށިގަނޑު: ދެ ގައުމުގެ ގުޅުމުގައި ފޮނިކަމެއް ނެތް!

Aug 2, 2015

މީހުން، އެހެން މީހުން ރުއްސަން ހަދިޔާ ފޮނުވައި އުޅެއެއް ނޫން ހެއްޔެވެ؟ މިއީ ހަމަ އެކަހަލަ ކަމެކެވެ. ނަމަވެސް އިންޑިއާއާ ގުޅުން ބަދަހިކުރުމަށް ޕާކިސްތާނުން ގެންގުޅޭ "ދޮން އަނބު" ގެ ސިޔާސަތުން ދެ ގައުމުގެ ގުޅުމުގައި އަދިވެސް ފޮނިރަހައެއް ނުދެ އެވެ.

ނިމިގެން އެ ދިޔަ އީދުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފް ވަނީ އާދައިގެ މަތިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އަށް އަނބު ފޮށިގަނޑެއް ފޮނުއްވައިފަ އެވެ. ޕާކިސްތާނުގެ މި ސަގާފަތެއްގެ ދަށުން ކޮންމެ އަހަރަކު ވެސް އެގައުމުގެ ވެރި މީހާ އިންޑިއާގެ ވެރި މީހާ އަށް މިގޮތަށް އަނބުފޮށިގަނޑެއް ފޮނުއްވަ އެވެ.

ނަމަވެސް މިހާތަނަށް މި ސިލްސިލާ އިން އެއްވެސް ފޮނިމީރުކަމެއް ހާސިލުވެފައެއް ނެތެވެ.

ސަބަބަކީ ޕާކިސްތާނުން ކިތަންމެ ވަރަކަށް މިގޮތަށް ދޮން އަނބު ހަދިޔާކުރިޔަސް އިންޑިއާ އިން އޭގެ ބަދަލުގައި އަނބެއް އަދި އެހެން ކަހަލަ މޭވާއެއް ވެސް ޕާކިސްތާނުގެ ލީޑަރަށް ނުފޮނުއްވާތީ އެވެ.

ނަވާޒް ޝަރީފު މިފަހަރު މޯދީ އަށް ފޮނުއްވީ 10 ކިލޯގެ އަނބެވެ. އަދި އިންޑިއާގެ ރައީސް ޕްރަނާބް މުކަރްޖީ އަށް 15 ކިލޯގެ ދޮން އަނބު ފޮނުއްވިއިރު ކުރީގެ ދެ ބޮޑުވަޒީރުން ކަމުގައިވާ އަތަލް ބިހާރީ ވަޖުޕާއީ އާއި މަންމޯހަން ސިންގަށް ވެސް 10 ކިލޯގެ އަނބު ފޮނުއްވި އެވެ.

ދޮން އަނބުން ދެ ގައުމުގެ ގުޅުން "ފޮނިކުރުމަށް" ޕާކިސްތާނުން މަސައްކަތްކުރިޔަސް މިއީ އިންޑިއާ އިން އެހާ ޝައުގުވެރިވާ ކަމެއް ނޫނެވެ. އަދި އެކަމަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ވެސް އިންޑިއާ އިން ބޭނުމެއް ނުވެ އެވެ.

ޕާކިސްތާނުން ފޮނުވާ އަނބަށް ހަދާ ގޮތެއް އަދި އެއާ ބެހޭ އެއްވެސް ތަފްސީލެއް ވެސް އިންޑިއާގެ ޚާރިޖިއްޔާ އަކުން ނުދެ އެވެ.

ޕާކިސްތާނަކީ ފަސް ވަނަ އަށް އެންމެ ގިނައިން އަނބު ބާޒާރަށް ނެރޭ ގައުމެވެ. އިންޑިއާ އަކީ އަނބުގެ ރަސްގެފާނެވެ. އެންމެ ގިނައިން އަނބު އުފައްދާ ގައުމަކީ އިންޑިއާ އެވެ.

ދެކުނު އޭޝިއާގެ މި ގައުމުތަކުގެ މެދުގައި މިގޮތަށް އަނބު ހަދިޔާކުރުމަކީ ސުލްހައިގެ އިޝާރާތެކެވެ. އަނބަކީ އިންޑިއާ އާއި ޕާކިސްތާނުގެ ވެސް ރަސްމީ މޭވާ އެވެ.

ޕާކިސްތާނުގެ ސުލްހައިގެ މަސައްކަތް މަޑުޖެހިފައި އޮންނައިރު އަނބާއި ކްރިކެޓްގެ ދަޅަ ދައްކައިގެން ސުލްހަޔަށް މަސައްކަތްކުރުމަކީ ދެ ގައުމުން ވެސް ބައެއް ފަހަރަށް ކޮށް އުޅޭ ކަމެކެވެ.