ހަބަރު

އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަނުކުރަން ޖޭއެސްސީން ލަފާ ދީފި

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު އާއި، ސުވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ސުޖޫން ސްޕްރީމް ކޯޓަށް އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަޝްވަރާ އަރުވައިފި އެވެ.

ސްޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއެކު، އެ ދެ ބޭފުޅުން އައްޔަނުކުރުމާމެދު ރައީސް ސޯލިހު ވަނީ ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެންފަ އެވެ.

އޭގެ ފަހުން އެ ކޯޓަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުމުން ހައި ކޯޓުގެ ހަތަރު ފަނޑިޔާރަކު ވަނީ އެ ދެ މަގާމަށް ކުރިމަތިލައްވައިފަ އެވެ.

މިގޮތުން އެންމެ މަތީ ކޯޓުގެ ބެންޗަށް ކުރިމަތިލައްވާފައި ވަނީ މީގެ ކުރިން ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި ފަނޑިޔާރު އަލީ ސަމީރާއި ވަރަށް ފަހުން ހައިކޯޓަށް ވަޑައިގެންނެވި މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

ޖޭއެސްސީން ބުނީ ރައީސް ސޯލިހު ހުށަހެޅުއްވި ދެ ބޭފުޅުންގެ އިތުރުން، ސުޕްރީމް ކޯޓަށް ކުރިމަތިލި ފަރާތްތަކުގެ ޝަރުތު ފުރިހަމަވޭތޯ ބެލުމަށް އެކުލަވާލި ކޮމިޓީން ތައްޔާރުކުރި ރިޕޯޓް ބަލައިގަތުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން އެ ކޮމިޓީން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަޒްމިރަލްދާ ގެ އިތުރުން ޝުޖޫން އައްޔަނުކުރަން ފެންނަ ކަމަށެވެ.

އެހެން ކަމުން އެ ދެ ބޭފުޅުން އެންމެ މަތީ ކޯޓުގެ ބެންޗަށް އައްޔަނުކުރުމަށް ރައީސް ސޯލިހަށް މިހާރު މަޝްވަރާ އަރުވާފައިވާކަމަށް ޖޭއެސްސީން އިތުރަށް ބުނެފައިވެ އެވެ.

ޖޭއެސްސީން މި ގޮތަށް ނިންމާފައިވަނީ ފަނޑިޔާރު ކަމަށް އަންހެނުން އައްޔަނުކުރުމާމެދު ވަރަށް ބޮޑަށް ބަހުސް ކުރެވެމުންދާ ދަނޑިވަޅެއްގަ އެވެ. އެކަމާ ގުޅިގެން ރާއްޖޭގެ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެ، ބައެއް އިލްމުވެރިން ދަނީ އިސްލާމް ދީނުގައި އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫން ކަމަށް ބުނަމުންނެވެ. އެއީ ހުއްދަ ކަމެއް ނޫން ކަމަށް ބުނެ ފަތުވާ މަޖިލީހުގެ އިތުރުން ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީންވެސް ވަނީ ބަޔާނެއް ނެރެފަ އެވެ.

އަދި އެކަމާ ދެކޮޅަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އެ މައްސަލައާ ގުޅިގެން މިއަދު ކުރިއަށް ދިޔަ ބަހުސްގައި، ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ހުރިހާ މެންބަރުން ވަނީ ފަނޑިޔާރުކަމަށް އަންހެނުން އައްޔަނުކުރުމަކީ އިސްލާމް ދީނުގެ އަސްލުތަކާ ހިލާފުކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަނުކުރަން ޖޭއެސްސީން ލަފާދީފައިވާ ޑރ. އަޒްމިރަލްޑާ ޒާހިރު ހައިކޯޓުން 2016 ގައި އިސްތިއުފާދެއްވި އިރު، އެކަމަނާއަކީ ހައިކޯޓުގެ ބެންޗުގައި މިހާތަނަށް އިންނެވި ހަމަ އެކަނި އަންހެންބޭފުޅާއެވެ. އަދި ސުޖޫން 2014 ގައި ސިވިލް ކޯޓުން އިސްތިއުފާދެއްވި އިރު، އޭނާ އަކީ ރާއްޖޭގައި ފަނޑިޔާރުކަން ކުރުމުގެ ފުުރުސަތު އެންމެ ފުރަތަމަ ލިބިވަޑައިގަތް އަންހެން ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ. ސުޖޫން ވަނީ ދާދި ފަހުން ބޭއްވި ބާ ކައުންސިލް އިންތިހާބުގައިވާދަކޮށް، އެކައުންސިލަށްވެސް ހޮވިވަޑައިގެންފަ އެވެ.