ހަބަރު

ޝުޖޫން އާއި އަޒްމިރަލްދާ އައްޔަންކުރަން މަޖިލީހަށް ފޮނުވައިފި

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި، ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ސުޖޫން ސުޕްރީމް ކޯޓަށް އައްޔަންކޮށް ދިނުމަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވާފައިވަނީ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއެކު، އެ ދެ ބޭފުޅުން އައްޔަނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ރައީސަށް ލަފާ އަރުވާފައިވަނިކޮށެވެ.

އެ ކޯޓަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުމުން ހައި ކޯޓުގެ ހަތަރު ފަނޑިޔާރަކު ވަނީ އެ ދެ މަގާމަށް ކުރިމަތިލައްވައިފަ އެވެ.

މިގޮތުން އެންމެ މަތީ ކޯޓުގެ ބެންޗަށް ކުރިމަތިލައްވާފައި ވަނީ މީގެ ކުރިން ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި ފަނޑިޔާރު އަލީ ސަމީރާއި ވަރަށް ފަހުން ހައިކޯޓަށް ވަޑައިގެންނެވި މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

ޖޭއެސްސީން ބުނީ ރައީސް ސޯލިހު ހުށަހެޅުއްވި ދެ ބޭފުޅުންގެ އިތުރުން، ސުޕްރީމް ކޯޓަށް ކުރިމަތިލި ފަރާތްތަކުގެ ޝަރުތު ފުރިހަމަވޭތޯ ބެލުމަށް އެކުލަވާލި ކޮމިޓީން ތައްޔާރުކުރި ރިޕޯޓް ބަލައިގަތުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން އެ ކޮމިޓީން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަޒްމިރަލްދާ ގެ އިތުރުން ޝުޖޫން އައްޔަނުކުރަން ފެންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓަށް އައްޔަން ކުރާ ދެ ފަނޑިޔާރުންނަށް ރުހުން ދިނުމުގެ ކަންކަން މަޖިލީހުން މާދަމާ ނިންމާނެ އެވެ.

އަންހެން ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަންކުރުމާމެދު ގިނަ އިލްމުވެރިންގެ މެދުގައި ވެސް ވަނީ ދެ ބަސްވުންތަކެއް އުފެދިފަ އެވެ. ބައެއް އިލްމުވެރިން ދަނީ އިސްލާމް ދީނުގައި އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫން ކަމަށް ބުނަމުންނެވެ.

މިކަމާ ގުޅިގެން މިއަދުގެ މަޖިލީހުގެ ޖަލްސާގައި އަދި އެކަމާ ދެކޮޅަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފަ އެވެ. އެ މައްސަލައާ ގުޅިގެން މިއަދު ކުރިއަށް ދިޔަ ބަހުސްގައި އެމްޑީޕީގެ ގިނަ މެމްބަރުން ވިދާޅުވީ ފަނޑިޔާރު ކަމަކީ ވަކި ޖިންސަކަށް ވީތީ ކުރާ ކަމެއް ނޫން ކަމަށާއި އެއީ ދީނުގެ އަސްލުތަކާ ހިލާފު ނޫން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަނުކުރަން ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވާފައިވާ ޑރ. އަޒްމިރަލްޑާ ޒާހިރު ހައިކޯޓުން 2016 ގައި އިސްތިއުފާދެއްވި އިރު، އެކަމަނާއަކީ ހައިކޯޓުގެ ބެންޗުގައި މިހާތަނަށް އިންނެވި ހަމަ އެކަނި އަންހެންބޭފުޅާއެވެ. އަދި ސުޖޫން 2014 ގައި ސިވިލް ކޯޓުން އިސްތިއުފާދެއްވި އިރު، އޭނާ އަކީ ރާއްޖޭގައި ފަނޑިޔާރުކަން ކުރުމުގެ ފުުރުސަތު އެންމެ ފުރަތަމަ ލިބިވަޑައިގަތް އަންހެން ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ. ސުޖޫން ވަނީ ދާދި ފަހުން ބޭއްވި ބާ ކައުންސިލް އިންތިހާބުގައިވާދަކޮށް، އެކައުންސިލަށްވެސް ހޮވިވަޑައިގެންފަ އެވެ.