ހަބަރު

ތަރައްގީ ކުރަނީ ރީޖަނަކުން ރަށެއް ނޫން، ހުރިހާ ރަށެއް ލާމެހޭ ގޮތަށް: އަސްލަމް

ގައުމީ ތަރައްގީގެ މައި ޕްލޭންގެ ދަށުން ތަރައްގީ ކުރާނީ ކޮންމެ ރީޖަނަކުން އެއް ރަށް ނޫން ކަމަށާއި، އެ ރީޖަނެއްގައި ހިމެނޭ އެއް ރަށް އަނެއް ރަށަށް ބަރޯސާވާން ޖެހޭ ގޮތަށް ގުޅި ލާމަހާލައިގެން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާާއަށް މިނިސްޓަރު އަސްލަމް ހާޒިރު ކުރިއިރު، ގިނަ މެންބަރުންގެ އެއް ސުވާލަކަށް އަމާޒު ކުރެއްވީ ސަރުކާރުން އެކުލަވައިލި ތަރައްގީގެ ޕްލޭނާ ގުޅޭ ގޮތުންނެވެ.

އެ ގޮތުން ބައެއް މެންބަރުން ވަނީ އެ މެންބަރެއްގެ ދާއިރާގެ ރަށްރަށާއި މެއިން ރީޖަންގެ ގޮތުގައި ކަނޑައެޅި ފަސް ރަށުން އެ ދާއިރާއެއްގައި އެންމެ ކައިރި ރަށަށް ވެސް ދަތުރު ކުރަން ގިނަ ވަގުތުދާނެ ކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަދި ބައެއް މެންބަރުން ވަނީ އެއްވެސް ރަށަކާ ކައިރި ނޫން ރަށްރަށަށް ސަރުކާރުން ގެންގުޅޭ ވިސްނުމަކާ މެދު މިނިސްޓަރަށް ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ފުރަތަމަ ވިދާޅުވީ ސަރުކާރުން ތަރައްގީ ކުރަން ވިސްނާފައި ވަނީ ހަމައެކަނި މެއިން ރީޖަންތަކުގައި ކަނޑައެޅި މައި ފަސް ރަށަށް އެކަނި ނޫން ކަމަށެވެ. އެ ރަށްރަށުގެ އިތުރަށް ސަބް ރީޖަންތަކުން ނޑައެޅި ރަށްރަށާއި ސެޓެލައިޓް ކްލާސްޓާގެ ގޮތުގައި އޮތް ރަށްރަށަށް ވެސް ތަރައްގީގެ މަޝްރޫއުތަކެއް ހިންގޭނެ ކަމަށެވެ.

"މާ ބޮޑު ތަފާތެއް ނުހުންނާނެ ސަބް ރީޖަނާއި މެއިން ރީޖަންތަކުގައި، ދެން ސަބް ރީޖަނަކަށް، މެއިން ރީޖަނަކަށްވުރެ ކުރިއަރައި ދިއުމަށް އެއްވެސް ހުރަހެއް ވެސް ނެތް. މިއީ ކަމެއް ހުއްޓޭ ހިސާބެއް ނޫން. މިއީ ކަމެއް ފެށޭ ހިސާބު،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މަކުނުދޫ ދާާއިރާގެ މެންބަރު މުހައްމަދު ރާއީ ވަނީ އެ މެންބަރު ތަމްސީލު ކުރައްވާ ދާއިރާގައި ހިމެނޭ މަކުނުދޫއަކީ އެހެން ރަށްރަށާ ދުރުން ގުދުރަތީ ވަކި އަތޮޅަކަށް އޮންނަ ރަށަކަށް ވާތީ އެފަދަ ރަށްރަށަށް ސަރުކާރުން ގެންގުޅޭ ވިސްނުމަކާ މެދު ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަކުނުދޫއަކީ އެއްވެސް ރީޖަނެއްގައި ހިމެނިފައިވާ ރަށެއް ނޫން ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ ގޮތަށް ދިމާވީ ގުދުރަތީ ގޮތުން މަކުނުދޫއަކީ ވަކި ސަރަހައްދަކަށްވެފައި، އެހެން ރަށްރަށާއި ދުރުގައި އެ ރަށް އޮތުމުން ކަމަށެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތަކީ އެއްްވެސް ރަށެއް ބާކީ ނުކުރުން ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

"ހަމައެކަނި އެންމެ ރަށަކަށް ނޫނޭ އެ ސަރަހައްދެއް ނުވަތަ އެ އަތޮޅެއްގެ ރައްޔިތުން ދަތުރު ކުރަން ޖެހޭނީ، ކޮންމެ ރަށަކަށް ވެސް އަޅުގަނޑުމެން ތަރައްގީގެ ކަންކަން ލާނަން، ރައްޔިތުން އެކަމަށް ބަރޯސާވާން ޖެހޭ، ކޮންމެ ރަށަކަށް ވެސް ޕުލް ފެކްޓާއެއް އަޅުގަނޑުމެން ލާނަން. އެހެންކަމުން މަކުނުދޫ ފަދައިން އެހެން ރަށްރަށާ ދުރުގައި އޮންނަ ރަށްރަށް ވެސް ބާކީއެއް ނުވާނެ." އަސްލަމް ވިދާޅުވި އެވެ.