ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އޯއައިސީގެ ވިމެން ޑިވެލޮޕްމަންޓް މުއާހަދާގައި ސޮއިކުރުގެ ލަފަަޔަކަށް ރައީސް އެދިވަޑައިގެންފި

Aug 27, 2019

އިސްލާމީ ދައުލަތްތަކުގެ އަންހެނުންގެ ހުނަރުވެރިކަމާއި ބާރުވެރިކަން އިތުރު ކުރުމާބެހޭ މުއާހަދާގައި ރާއްޖެއިން ސޮއި ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ އޯއައިސީގެ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން މުއާހަދާގައި ރާއްޖެއިން ސޮއި ކުރަން މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ރައީސް ސޯލިހު މިއަދު އެދިވަޑައިގެންފައިވާ ކަމަށެވެ.

އޯއައިސީން 2013 ވަނަ އަހަރު އެކުލަވާލި "ޓެން އިޔާ ޕްލޭން އޮފް އެކްޝަން" ގެ ދަށުން އުފެއްދި ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަނަކީ، އޯއައިސީގެ މެމްބަރު ގައުމުތަކުގައި، އަންހެނުންގެ ހުނަރުވެރިކަމާއި ބާރުވެރިކަން އިތުރުކުރަން އެކުލަވާފައިވާ ސްޓެޓިއުޓެކެވެ. އޯއައިސީގެ މެމްބަރު ގައުމުތަކުގެ ތެރެއިން ގެމްބިއާ އާއި ސައުދީ އަރަބިއްޔާ، އާއި ތުރުކީ އާއި ލީބިއާ އަދި މިސްރު ފަދަ ގައުމުތަކުން މި ސްޓެޓިއުޓްގައި ވަނީ ސޮއިކޮށްފަ އެވެ.

މި މުއާހަދާއާ ބެހޭގޮތުން ވަޒީޒުންގެ މަޖިލީހުގައި ކުރެއްވި މަޝްވަރާގައި، މި ސްޓެޓިއުޓްގައި ބައިވެރިވުމުން ސިޔާސީ، އިޖުތިމާޢީ އަދި އިގްތިސޯދީ ގޮތުން، އަންހެނުން ކުރިއަރުވައި، އެމީހުންނަކީ ހުރިހާ ގޮތަކުން މުޖުތަމައަށް ފައިދާ ހޯދައިދޭ، ކުރިއަރަމުންދާ ބަޔަކަށް ހެދުމަށް ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ފުޅާވެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަން ވަޒީރު ވިދާޅުވި އެވެ.