ހަބަރު

ޕީޖީގެ އަމަލުތައް ހުރީ ޔާމީނަށް މަންފާވާ ގޮތަށް: ސިރާޖު

ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގައި ހުޅުވާލައިގެން ބާއްވާ ޝަރީއަތުގައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން އަމަލު ކުރަމުންދަނީ ޔާމީންއަށް މަންފާވާ ގޮތަށް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ސިރާޖު ވިދާޅުވީ ޕީޖީ އައިޝަތު ބިޝާމް އެ މަގާމްގައި ހުންނަވައިގެން ގާނޫނާ ހިލާފަށް ގިނަ ކަންކަން ކުރަމުންދާ ކަމަށާއި ރައީސް ޔާމީންގެ ޝަރީއަތް ހިނގާތީވެ ބިޝާމް އެ މަގާމްގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ސިރާޖު ވިދާޅުވީ ސިއްރު ހެކިތައް ހާމަ ކުރުން ފަދަ ކަންކަމަކީ ގަސްތުގައި ކުރައްވާ ކަންކަން ކަމަށާއި އިޖުރާއަތްތަކާ ހިލާފަށް ވެސް އެތަށް ކަމެއް ކުރަމުންދާ ކަމަށެވެ. އެކަންކަން ކުރަމުން ދަނީ ރައީސް ޔާމީންއަށް މަންފާވާ ގޮތަށް ކަމަށް ސިރާޖު ވިދާޅުވި އެވެ.

"އިއްޔެވެސްް ސިއްރު ހެކިންތަކެއް ހާމަވީ އެއީ އޯޅިގެން ވާ ކަމެއް ނޫން. އެއީ ގަސްތުގައި ކުރަމުންދާ ކަމެއް. މިހާރުން މިހާރަށް ވަކި ކުރަން ޖެހޭ ކަމެއް. ރައީސް ޔާމީންގެ ޝަރީއަތެއް ހިނގާތީ ޕީޖީ ވަކި ކުރަން ނުޖެހޭނެ ކަމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެ. އެ ޝަރިއަތްތައް ވެސް އެ ގެންދަނީ ރައީސް ޔާމީންއަށް އޭގެ މަންފާނާވެ ގޮތަށް އެތަށް އިޖުރާއީ ކަންކަމެއް ގޯސްކޮށް،" ސިރާޖު ވިދާޅުވި އެވެ.

ޕީޖީގެ މަގާމުން ބިޝާމް ވަކި ކުރަން ޖެހޭ ކަން ޖުޑީޝަލް ކޮމިޓީއަށް ހާޒިރު ކުރުމަށް ފަހު ހާމަވި ކަންކަމުން ވެސް އެނގިގެންދާ ކަމަށް ސިރާޖު ވިދާޅުވި އެވެ. އެގޮތުން ޕްރޮސެކިއުޓަލް ގައިޑްލައިންއާ ހިލާފަށް މިހާރު ވެސް އަމަލު ކުރަމުންދާ ކަމަށާއި ގެއްލުނު ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި އެ ކޮމީޓީއަށް ދޮގު މައުލޫމާތު ދީފައިވާ ކަން ވެސް ހާމަވެފައިވާ ކަމަށް ސިރާޖު ވިދާޅުވި އެވެ. އޭގެ އިތުރުން 1 ފެބްރުއަރީ އަމުރުގެ މައްސަލާގައި ކުރި ސުވާލަަށް ވެސް ދޮގު މައުލޫމާތު ދީފައިވާ ކަން ހާމަވެފައިވާ ކަމަށާއި އެހެންކަމުން އޭނާ އަދިވެސް އެ މާގާމްގައި ހުރީ ކީއްވެ ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުވިސްނޭ މިކަންކަން މިހެން ހުރި އިރު އަދި މި ރާއްޖޭގެ އެތަށް ފަރާތެއްގެ މައްޗަށް ނުހައްގުން ދައުވާތަކެއްކޮށް ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ އިރު ވެސް ބިޝާމް މަގާމުން ވަކި ނުކުރެވިގެން އުޅެނީ ކޮން ބޭނުމަކަށްޓަކައި ކަން،" ޖުޑީޝަލް ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމް ވެސް އަދާ ކުރައްވާ ސިރާޖު ވިދާޅުވި އެވެ.

ސިރާޖު އިތުރަށް ވިދާޅުވީ ރާއްޖޭގައި އަދދުލު އިންސާފު ގާއިމް ކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭނެ މަސައްކަތަކީ އިހުލާސްތެރިކަމާއެކު މަސައްކަތް ކުރާނެ ޕީޖީއެއް އައްޔަން ކުުރުން ކަމަށެވެ. އޭގެ ސަބަބުން ފަނޑިޔާރުންގެ މައްސަލަތައް ވެސް އެހެން މައްސަލަތައް ވެސް ރަނގަޅަށް ދައުވާ ކުރެވި ޝަރުއީ ދާއިރާގެ ގިނަކަންކަން ހައްލުވެގެން ދާނެ ކަމަށް ސިރާޖު ވިދާޅުވި އެވެ.

ބިޝާމް ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަ ކޮމިޓީއަކުން ބެލުމަށް ފަހު ކުރިއަކަށް ނުދެ އެވެ. އޭގެ ފަހުން ސިރާޖު ވަނީ ބިޝާމް ވަކި ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލާގައި އެ ޕާޓީ އިން ވެސް ވަކި ގޮތެއް ނިންމާފައި ނުވެ އެވެ.