މި ސަރުކާރުގެ އަމާޒަކީ ކުށުގެ ވެށީގެ ޝިކާރައަށްވެ އިޖުމާއީ ބޭއިންސާފު ލިބިފައިވާ ޒުވާނުންނާއި ކުދިންނަށް އިންސާފު ހޯދައި ދީ ހާލަތު ބަދަލު ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޔޫތް ކޮންގްރެސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް މިއަދު ވިދާޅުވީ ދިވެހި ޒުވާނުންގެ އާބާދީގެ ބޮޑު ބައެއް މަސްތުވާތަކެއްޗާއި ކުށުގެ ވެށީގެ ޝިކާއަރަކަށް ވެގެން ގޮސްފައިވާ ކަމަށެވެ. އެ ގޮތުން މަސްތުވާތަކެތީގެ ޝިކާރައަކަށް ވެގެން ފަރުވާ ދޭން ޖެހިފައިވާ 800 އަށްވުރެ ގިނަ ޒުވާނުން ތިބިކަކަން ރައީސް ފާހަގަ ކުރާއްވާ އަދަދު ހާމަ ކުރެއްވި އެވެ.
"ބޯ ހިޔާވަހި ކަމަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް. މި ކަމުގައި އެންމެ ނޭދެވޭ އެންމެ ބޮޑުު އަސަރެއް ކުރާ ބަޔަކީ ޒުވާނުން. ކަންމަތީ ގްރޫޕްތަކުގައި އެކީ އުޅެ ބޮޑުވަމުންދާ ޒުވާނުން އަޅުގަނޑުމެން ދެކެން. ސްކޫލަށް ކިޔަވަން ދާން ނުދެވި އާއިލާގެ އަޅާލުން ނުލިބި ޒުވާން އުމުރު ހޭދަކުރަން ޖެހެނީ މަގުތަައް މަތީގައި." ރައީސް ވިދާޅުވި އެވެ.
ގޭންގްތަކުގެ ޝިކާރައަކަށްވެ ކުށުގެ ވެށީގައި އުޅެމުންދާ ޒުވާނުން އަނބުރާ މުޖުތަމައަށް ގެންނަން ޖެހޭ ކަމަށާއި އެ ކަމަށް އޮތް ހައްލަކީ އެ ކުދިން އުމުރު ދުވަހު ޖަލުގައި ބަންދު ކުރުން ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ ކަމަށް ޖަލުތަކުގެ ނިޒާމަށް ވެސް ރިހެބިލިޓޭޝަން ތައާރަފުކޮށް، ޒުވާނުން މުޖުތަމައަށް ބޭނުން ހުރި ބަޔަކަށް ހަދަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ޖަލުތަކުގެ ނިޒާމަށް ވެސް ރިހެބިލިޓޭޝަން ތައާރަފު ކުރުން. މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައި ވަނީ މި ހާލަތު މުޅިން ބަދަލު ކުރަން. އެމްޑީޕީ އާއި ސަރުކާރުގެ އަމާޒަކީ އިޖްތިމާއީ ބޭއިންސާފު ވެފައިވާ ކުދީންނަށް އިންސާފު ހޯދައިދިނުން، އެމްޑީޕީން މި ކުރާ މަސައްކަތަކީ މުސްތަގުބަލަށް ހީވާގި ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމުގެ މަސައްކަތް،" ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި ކޮންގްރެސްގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޒުވާނުންނަށް ދެން ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވަޒީފާގެ ބާޒާރުގަ އާއި ތައުލީމާއި ތަމްރީންތަކުގައި ޝާމިލުވާ ޒުވާނުންގެ އަދަދު މަދުވުމެވެ. އެ ގޮތުން ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރާނީ ބެލެނިވެރިންނާއި ޒުވާނުން ދަރަނިވެރި ނުވެ ތައުލީމު ހާސިލުކޮށްގެން އަމިއްލައަށް ކުރިއަރައި ދާން މަގު ފަހިކޮށްދޭ ގޮތަށެވެ.
ވަޒީފާ ހޯދަން އުޅެ ވަޒީފާ ނުލިބޭ ފަރާތްތައް މަދު ނަމަވެސް އެކި ސަބަބުތަކާ ހުރެ ވަޒީފާގެ ބާޒާރަށް ނުކުމެވިފައި ނުވާ އަދި އެއް ގޮތަކަށް ވެސް އެ ކަމުގައި ޝާމިލުވާ ޒުވާނުންގެ އަދަދު ގިނަ ކަމަށާއި އެފަދަ ފިރިހެނުންނަށްވުރެ އަންހެނުންގެ އަދަދު ގިނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން އަންހެނުން ވަޒީފާގެ ބާޒާރަށް ނެރެވޭނެ މަގުތަށް ކޮށައި ދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އަދި ވިދާޅުވީ އެމްޑީޕީއަކީ ޒުވާނުންނަށް ޑިމޮކްރަސީ ދަސްކޮށްދީ ހައްގުވާ މިންވަރު ހޯދަން ވަކާލާތުކޮށް އަޑު އުފުލާން ދަސްކޮށްދިން ޕާޓީ ކަމަށެވެ.
"މި ބައްދަލުވުމުން މި ފެންނަ މަންޒަރަކީ އަޅުގަނޑުމެން މި ކުރާ ޑިމޮކްރަސީގެ ދަތުރުގައި ގައުމުގެ ޒުވާނުންނަށް ފުރުސަތު ދީގެން އަންނަން އޮތް ޖީލުތަކުގެ މި ގައުމު ހިންގާނެ ޒުވާން ލީޑަރުން އުފައްދައި ސިޔާސީ މައިދާނުން ޖާގަ ހޯދައި ދިނުމަށް [އެމްޑީޕީން] ކޮށްފައިވާ މަސައްކަތުގެ ނަތީޖާ." އެމްޑީޕީގެ އެންމެ އިސް ލީޑަރު ވިދާޅުވި އެވެ.