ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސުންގެ ސަމިޓްގައި، ކަޝްމީރު މައްސަލައާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކައް ރައްދުކޮށްފި އެވެ.
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ގޮތުން ދެންމެ ކުރިއަށް ގެންދިޔަ ސެޝަންގައި ޕާކިސްތާނުގެ މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ގާސިމް ޚާން ސޫރީ ތަގުރީރު ދެއްވަމުން ދަނިކޮށް، އިންޑިއާގެ ފަރާތުން ނިޒާމީ ނުކުތާއެއް ނަގައި ކަޝްމީރާ ގުޅުވައި ޕާކިސްތާނުގެ މަޖިލީހުގެ ނައިބު ރައީސް ދެއްކި ވާހަކައަށް ރައްދު ދޭން ފެއްޓެވި އެވެ.
އެ ގޮތުން އޭނާ ވިދާޅުވީ "ހައްދެއް ނެތް އަނިޔާގެ ޝިކާރަޔަކަށް ކަޝްމީރުގެ މުސްލިމް ރައްޔިތުން ވެފައިވާ" ކަމަށެވެ.
އެކަމާ ގުޅިގެން އިންޑިއާގެ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ ރައީސް އޯމް ބިރުލާ ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. އިންޑިއާގެ ފަރާތުން ނިޒާމީ ނުކުތާއެއް ނެގި ނަމަވެސް ޕާކިސްތާނުގެ މަޖިލީހުގެ ނައިބު ރައީސް ވާހަކަ ދެއްކެވުން ހުއްޓައެއް ނުލެއްވި އެވެ. އޭނާ ފަހުން ވާހަކަފުޅު ދެއްކުން ހުއްޓަވާ ލެއްވީ ރިޔާސަތުގައި އިންނެވި ރާއްޖޭގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުއްޓާލަން ތަކުރާރުކޮށް އެދިވަޑައިގަތުމުން،ނެވެ.
އިންޑިއާއިން ނިޒާމީ ނުކުތާއެއް ނަގައި އެ ގައުމުގެ މަޖިލީހުގެ ރައީސް ވަނީ ކަޝްމީރާ ގުޅުވައި ޕާކިސްތާނުގެ ނައިބު ރައީސް ދެއްކި ވާހަކައަށް ރައްދު ދޭން ފެއްޓެވި އެވެ. އެ ގޮތުން ޓެރަރިޒަމްގެ ކަންކަމަށް ފުރުސަތު ނުދެވޭނެ ކަމަށް އިންޑިއާގެ މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވި އެވެ. އެހެންކަމުން މަޖިލީހުގައި ކަންކަން ވަމުން ދަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި އެވެ.
އިންޑިއާގެ މަޖިލީހުގެ ރައީސް ނިޒާމީ ނުކުތާއެއް ނަންގަވައި ދެއްކެވި ވާހަކައާ ގުޅިގެން ޕާކިސްތާނުން ވެސް ނިޒާމީ ނުކުތާއެއް ނެގިއެވެ. ޕާކިސްތާނުގެ ފަރާތުން ވާހަކަ ދެއްކެވި އަންހެން އޮފިޝަލް ވަނީ އެ ގައުމުގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސް ދައްކަވަމުން ގެންދެވީ އެ ގައުމުގެ މަސްލަހަތާ ގުޅުން ހުރި ކަންކަން ކަމަށެވެ. އޭނާގެ ވާހަކަ އިތުރަށް ސާފެއް ނުވި އެވެ.
ދެ ފަރާތުން ނިޒާމީ ނުކުތާއެއް ނެގިއިރު، މަޖިލީހުގެ ރިޔާސަތުގައި އިންނެވި އިންޓަ ޕާލިމެންޓަރީ ޔުނިއަން (އައިޕީޔޫ) ގެ ސެކްރެޓަރީ ޖެނެރަލް މާޓީން ޗޮންގޮން އާއި ރާއްޖޭގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެ ގައުމުން ވެސް ފާހަގަކުރީ ނިޒާމީ ނުކުތާއެއް ނޫން ކަމަށް ބަލައި ޕާކިސްތާނުގެ ނައިބު ރައީސްގެ ތަގުރީރު ކުރިއަށް ގެންދަން ނިންމެވި އެވެ.
ނަމަވެސް ފަހުން ވެސް ދެ ގައުމުގެ ފަރާތުން ވެސް ނިޒާމީ ނުކުތާ ނަންގަވައި އެއް ގައުމު އަނެއް ގައުމަށް ބަހުގެ ހަމަލާތައް ބަދަލު ކުރި އެވެ. ދެ ގައުމުގެ ބަހުގެ ހަމަލާތައް ހުއްޓުވުމަށް ރިޔާސަތުން ތަކުރާރުކޮށް އިލްތިމާސް ކުރަމުން ގެންދިޔަ ނަމަވެސް ދެ ގައުމުގެ ފަރާތުން ބަހުގެ ހަމަލާތައް ބަދަލުކުރުން ހުއްޓައެއް ނުލިއެވެ.
ދެ ގައުމުގެ މަޖިލީހުގެ އިސްވެރިންތައް ބަހުގެ ހަމަލާތައް ބަދަލު ކުރަމުންދަނިކޮށް، މެންދުރުގެ ކެއުމަށް އެ ސެޝަން މެދުކަނޑާލިކަމަށް ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު އިއުލާން ކުރެއްވި އެވެ.