ހަބަރު

އިންޑިއާ-ޕާކިސްތާނު މައްސަލަ ފިނިކުރަން ސައުދީ ވަލީއަހުދު

Feb 19, 2019

ކަޝްމީރު ހަމަލާއަށްފަހު އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ފިނިކުރަން ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި މަސައްކަތް ކުރައްވާނެކަމަށް ސައުދީން ބުނެފި އެވެ.

އޭޝިއާގެ ތިން ގައުމަކަށް ވަލީއަހުދު ފަށްޓަވާފައިވާ ދަތުރުފުޅުތަކުގައި، ޕާކިސްތާނަށްފަހު ދެން ވަޑައިގަންނަވާނީ އަވަށްޓެރި އިންޑިއާ އަށެވެ. އެއަށްފަހު، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހާއި ހަމައަށް ޗައިނާއަށް ވަޑައިގަންނަވާނެ އެވެ.

އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ބޮމެއް ގޮއްވާލައިގެން އެތަކެއް އިންޑިއާ ސިފައިންނެއް މަރާލުމާއެކު ޕާކިސްތާނާއި ދެމެދު ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން ވަނީ ހޫނުވެފަ އެވެ.

އެ ހާދިސާގައި 42 އިންޑިއާ ސިފައިން މަރުވެފައިވާއިރު، ފަހުގެ ތާރީހެއްގައި އިންޑިއާ ސިފައިންނަށް ދިން އެންމެ ނުރައްކާތެރި ހަމަލާގެ ފަހަތުގައިވާ ޖަމާއަތަށް ވާގި ދޭ ކަމަށް ބުނެ އިންޑިއާ ސަރުކާރުން ވަނީ އަވަށްޓެރި ޕާކިސްތާނު "މުޅީން އެކަހެރިކޮށްލާނެ" ކަމުގެ އިންޒާރު ދީފަ އެވެ.

އިންޑިއާ ސިފައިން ގޮވައިގެން ދަތުރުކުރި ބަހަކަށް އަމާޒު ކޮށްގެން ދިން ހަމަލާގެ ޒިންމާ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ޖައިޝޭ މުހައްމަދު ވަނީ ނަގާފަ އެވެ.

އެ ހަމާލާގައި ބައިވެރިވި ކަމުގެ ތުހުމަތު އިންޑިއާ އިން ކުރާއިރު، ޕާކިސްތާނުން ވަނީ އެކަން ދޮގު ކޮށްފަ އެވެ. ނަމަވެސް، އެ ހަމަލާގައި ޕާކިސްތާނު ސަރުކާރުގެ އަތެއް ވާ ކަމުގެ "ސާފު ހެކި" ލިބިފައިވާ ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ.

ވަލީއަހުދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން، ސައުދީގެ ފޮރިން މިނިސްޓަރު އާދިލް އަލް ޖުބައިރު ވިދާޅުވީ ސައުދީގެ އަމާޒަކީ އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަށް ސުލްހަވެރި ހައްލެއް ހޯދުމަށް އެހީތެރިވެދިނުން ކަމަށެވެ.