ޣައްސާން މައުމޫން

އެމްއާރުއެމް އުފައްދައިގެން ޕީޕީއެމް ހީނަރެއް ނުވާނެ: ޣައްސާން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވި ނަމަވެސް އޭގެ ސަބަބުން ޕީޕީއެމަށް އެއްވެސް ހީނަރުކަމެއް އައިސް ގެއްލުން ނުވާނެ ކަމަށް އެމަނިކުފާނުގެ ދަރިކަލުން، ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ. -- ޕީޕީއެމަކީ ވެސް ރައީސް މައުމޫން އިސްވެ އުފެއްދެވި އަދި ރައީސްކަން ކުރެއްވި ޕާޓީއެކެވެ.

ޗެނަލް 13 އިގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން މިރޭ ވިދާޅުވީ އޭނާގެ ބައްޕާފުޅު މައުމޫން އިސްވެ ހުންނަވާ އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދި ނަމަވެސް އޭނާ މަސައްކަތް ކުރައްވާނީ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ޕީޕީއެމްގައި ކަމަށެވެ. އަދި ވިދާޅުވީ އެމްއާރުއެމް އުފެއްދުމަކީ ޕީޕީއެމަށް އެއްވެސް ހީނަރު ކަމެއް އަންނާނެ ކަމެއް ނޫން ކަމަށެވެ.

އަދި ރައީސް ޔާމީނަށް ތައުރީފު ކުރައްވައި ޣައްސާން ވިދާޅުވީ "ރައީސް ޔާމީނަކީ އާދަޔާ ހިލާފު ބޭފުޅެއް" ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހިންގެވި ހަލުވި މިނުގައި ދެން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެކަން ކުރެވިދާނެ ކަމަށް ވިސްނުމަކީ ވެސް އެ ބޭފުޅުންނާ މެދު ކުރެވޭ ބޭއިންސާފެއް ކަމަށެވެ. އެހެން ކަމުން ސިޔާސީ ކުރިމަގު އޮތީ ރައީސް ޔާމީނާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވި ގޮތުގައި އޭނާ އަދިވެސް އެދިވަޑައިގަންނަވަނީ ބައްޕާފުޅު މައުމޫނާއި އާއިލާގެ އެހެން ބޭފުޅުން ވެސް އެކުގައި މަސައްކަތް ކުރެއްވުމަށެވެ. އެ ގޮތުން އޭނާ ހުންނެވީ އާއިލާގެ ދެ ފަރާތުގައި ޖެހިފައިވާ މައްސަލަތަކުގައި ދެ ފަރާތާއެކު ވެސް ވާހަކަ ދެކެވޭ މީހެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސް ޔާމީންގެ އަރިހުގައި މި ހުރީ އާއިލާގެ ދެ ފަރާތާވެސް ވާހަކަ ދެކެވޭ މީހެއްގެ ހައިސިއްޔަތުން. މައްސަލަތައް ހައްލުކޮށް އާއިލާގެ އެންމެން އެއްކޮށް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް." ޣައްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމަކީ ވަކި މީހެއްގެ މައްޗަށް ބިނާވެފައިވާ ޕާޓީއެއް ނޫން ކަން ރައްޔިތުންނަށް މިހާރު ޔަގީންވެފައި ވާނެ ކަމަށާއި ވަކި ބޭފުޅަކު ޕީޕީއެމްގައި ނެތް ނަމަވެސް ސިޔާސީ މައިދާނުގައި ޕީޕީއެމްގެ ކުރިމަގު އަލި ކަމަށެވެ.