ހަބަރު

ސިއްހަތު ޖަމިއްޔާގެ ރީޖަނަލް ކޮމިޓީގެ ބަައްދަލުވުން ފަށައިފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ކޮމެޓީގެ 72 ވަނަ ބައްދަލުވުން އިންޑިއާގެ ނިއުދިއްލީގައި މިއަދު ފަށައިފި އެވެ.

ސިއްހަތާ ގުޅޭ ނިންމުންތައް ކަނޑައަޅާ، ސަރަހައްދުގެ ސިއްހީ ކުރިއެރުމަށް މަޝްވަރާ ކުރުމަށް އަހަރަކު އެއް ފަހަރު ބާއްވާ މި ބައްދަލުވުމުގައި 11 ގައުމެއްގެ ވަޒީރުންނާއި ސިއްހީ ދާއިރާގެ އިސްވެރިންނާއި ބައިވެރި ވެއެވެ.

މިއަދު ފެށި މި ބައްދަލުވުން ކުރިއަށްދާނީ މި ހަފުތާގެ ހުކުރު ދުވަހުގެ ނިޔަލަށެވެ. ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އިންޑިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު އައިޝަތު މުހައްމަދު ދީދީ ބައިވެރިވެ ވަޑައިގަންނަވަ އެވެ.

މި އަހަރުގެ ބައްދަލުވުމުގައި ސިއްހީ ދާއިރާއަށް ކުރިމަތިވާ އިމަޖެންސީ ހާލަތްތަކާއި އެކަން ކަމަށް ދުރާލާ ތައްޔާރުވެ ތިބުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާ ކުރުމުގެ އިތުރުން ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރުމަށްޓަކައި "ދިއްލީ ޑެކްލަރޭޝަން އޮން އިމަޖެންސީ ޕްރިޕެއާޑްނަސް އިން ދި ސައުތު އީސްޓް އޭޝިޔާ ރީޖަން" ގެ ނަމުގައި ގަރާރެއް ފާސް ކުރާނެ އެވެ.

އަދި ސަރަޙައްދުގެ ސިއްހީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރާއިރު ޓީބީ ނައްތާލަން ގައުމުތަކުގެ މެދުގައި ކުރާ މަސައްކަތާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅިގެން ސިއްހަތަށް ކުރާ އަސަރުތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ފެންވަރުގައި ހަދާފައިވާ އެކްޝަންޕްލޭންތަކާމެދު ވެސް ވާހަކަ ދައްކާނެ އެވެ.