ކުޅިވަރު

ފީފާގެ އެވޯޑްގައިވެސް ފޭވަރިޓަކީ ވެންޑައިކް

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ފީފާއިން ދޭ 'ދަ ބެސްޓް އެވޯޑް' ގައި ވެސް ފޭވަރިޓަކީ، ލިވަޕޫލްގެ ހޮލެންޑްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް އެވެ.

މިދިޔަ ހަފުތާގައި ހޮވި ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އޭނާ އެވެ. ފީފާގެ ދަ ބެސްޓް އެވޯޑްގައިވެސް އޭނާ އާ އެންމެ ގާތުން ވާދަ ކުރަނީ ބާސެލޯނާ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޔުވެންޓަސްގެ ޕޯޗްގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ފީފާގެ ދަ ބެސްޓް އެވޯޑް ވެންޑައިކަށް ލިބޭނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ސަބަބަކީ، މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގް ލިވަޕޫލަށް ހޯދައިދިނުމުގައި އޭނާ އަދާ ކުރި ދައުރާއި، ޕްރިމިއާ ލީގަށް ލިވަޕޫލުން ވަރުގަދަ އަށް ވާދަ ކުރުމުގައި ވެންޑައިކް ދެއްކި މޮޅު ކުޅުމެވެ. މިދިޔަ ސީޒަންގެ ޕްރިމިއާ ލީގް ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ ހޯދީ، ލިވަޕޫލަށް ވުރެ އިތުރަށް އެއް ޕޮއިންޓް ހޯދައިގެންނެވެ.

މިދިޔަ ސީޒަންގެ ޔޫއެފާ ނޭޝަން ލީގްގެ ފައިނަލަށް ހޮލެންޑް ގެންގޮސް ދިނުމުގައިވެސް ވެންޑައިކް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މިދިޔަ ސީޒަންގެ ޕްރިމިއާ ލީގްގެ އެންމެ މޮޅު ކުޅުންތެރިޔާ އަކީ ވެސް އޭނާ އެވެ.

އޭނާ އާ ވާދަ ކުރާ މެސީ، ބާސާ އާއެކު މިދިޔަ ސީޒަންގައި ސްޕެނިޝް ލީގް ޗެމްޕިއަންކަން ހޯދި އެވެ. އަދި ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް ބަސާ ދަތުރު ކުރި އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުވެންޓަސް އާއެކު އިޓާލިއަން ލީގް ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި ޔޫއެފާ ނޭޝަން ލީގް ޕޯޗްގަލް އާއެކު ކާމިޔާބު ކުރި އެވެ.

ފީފާއިން އިއުޅާން ކުރި ގަދަ 10 ކުޅުންތެރިންގެ ލިސްޓްގައި ދެން ހިމެނެނީ، މިދިޔަ ސީޒަންގައި އަޔެކްސް އާއެކު ޑަޗް ލީގާއި ޑަޗު ކަޕް އަދި ޗެމްޕިއަންސް ލީގް ސެމީ ފައިނަލަށް ދަތުރު ކުރި ފްރޭންކް ޑި ޔޯންގް އާއި ހަމަ އެ ޓީމުގައި މިދިޔަ އަހަރު ކުޅުނު މެތިސް ޑިލްޓް އާއި ޗެމްޕިއަންސް ލީގް ފައިނަލަށް ދަތުރު ކުރި ޓޮޓެންހަމްގެ ފޯވަޑް ހެރީ ކޭން، ޗެލްސީ އާއެކު ޔޫރޮޕާ ލީގް ކާމިޔާބު ކުރި އެޑެން ހަޒާޑް، ލިވަޕޫލްގެ ސެޑިއޯ މާނޭ އާއި އެ ޓީމުގެ މުހައްމަދު ސަލްހް އެވެ.

މޮޅު ކީޕަރުގެ އެވޯޑަށް ނޮމިނެޓް ވެފައި ވަނީ، ލިވަޕޫލްގެ ކީޕަރު އަލިސްން ބެކާ، ބާސެލޯނާގެ އަންޑްރޭ ޓާ ސްޓެގަން، އަދި ސިޓީގެ އެޑާސަން އެވެ.