ގާސިމް އިބްރާހިމް

ގާނޫނުތައް ބަދަލުކޮށް މީހުން މަގާމުން ވަކިކޮށްގެން ނުވާނެ: ގާސިމް

ގާނޫނުތަކަށް ބަދަލުތައް ގެނެސްގެން ބައެއް މުއައްސަސާތަކުގެ ތިބި އިސް ބޭފުޅުން މަގާމުން ވަކިކޮށްފައިވާ ކަމަށާއި އެއީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް މަޖިލީހުން ފަހުން ގެނައި އިސްލާހުގައިވާ ގޮތުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހައްމަދުގެ މަގާމު ގެއްލެ އެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގެނައި އިސްލާހާއެކު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލެ އެވެ.

އޭސީސީގެ ގާނޫނަށް މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ހުށަހެޅުއްްވި އިސްލާހަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ ކޮންމެ މުއައްސަސާއެއްގެ ގާނޫނަށް ކޮންމެ އިސްލާހެއް ގެނައި ނަމަވެސް އެ ގެންނަ އިސްލާހެއްގެ ސަބަބުން އެ މުއައްސަސާއެއްގައި ތިބޭ ބޭފުޅުން މަގާމުތަކުން ވަކިވެގެން ގޮސްގެން ނުވާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ މުއައްސަސާއެއްގައި ތިއްބެވި އިސް ބޭފުޅުންތަކެއް ގޯސްކޮށް ނުވަތަ ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފައިވާނަމަ، އެ އޮންނަ އުސޫލުތަކުގެ ތެރެއިން އެ މައްސަލައެއް ބަލައި މަގާމުން ވަކިކުރެވިދާނެ ކަމަށެވެ. ނަމަވެސް ގާނޫނުތަކަށް ބަދަލު ގެނެސްގެން ބައެއް މީހުން މަގާމުން މަޖިލީހުން ވަކި ކުރި ގޮތަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.

"ގާނޫނުތަކަށް ބަދަލު ގެނެގެސްގެން މީހުންގެ ވަޒީފާ ގެއްްލިގެންދާ ގޮތަށް ކަންތައްތައް ކުރުމުގެ އުސޫލު އޮންނަންޏާ ގާނޫނު އަސާސީ ވެސް ބަދަލު ކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު ވެސް ދުއްވާލަންވީ ނޫންތޯ؟ މަޖިލީހުގެ މެންބަރުންގެ ދައުރު ފަސް އަހަރަށް އޮތް ތަން ތިން އަހަރަށް ދެ އަހަރަށް ވެސް ހަދާލަންވީ ނޫންތޯ؟ ނަމަވެސް އެއީ ހަމަޖެހޭ އުސޫލެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

ޔަޒީދުގެ މަގާމު ގެއްލޭ ގޮތަށް މީރާގެ ގާނޫނު އިސްލާހު ކުރީ، މީގެ ކުރިން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އޭނާ މަޖިލީހަށް ހާޒިރުކުރި ކޮމިޓީގައި އޭނާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައި ވަނި ކޮށެވެ. އެ ގޮތުން ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައުލޫމާތު ފޮރުވަން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ޔަޒީދާ ދެމެދު ވާހަކަތަކެއް ދެކެވިފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އެކަމަކު ޔަޒީދު އެ ކަން ދޮގު ކުރެއްވި އެވެ.