ރިޕޯޓް

ރިލްވާން ރިޕޯޓް ބޭރުވުން: މައްސަލަ މަރާލުން!

މާޒީގެ ބޮޑު ބައި ބާއްވާފައި ވޭތިވެދިޔަ އަށެއްކަ އަހަރު ދުވަހަށް އެކަނި ބަލައިލިއަސް ރާއްޖޭގައި އަނިޔާވެރި އެތައް އަަމަލުތަކެއް ވަނީ ހިންގާފަ އެވެ. ރަހުމްކުޑަ ގޮތްގޮތަށް އެތައް ބަޔަކު މަރާލާފައި ވެއެވެ. މި މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި، ގާނޫނީ ވަކީލަކާއި، ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރަމުންދިޔަ ފުލުހަކު މަރާލާފައި ވެއެވެ. އޮކްޓޫބަރު 1، 2012 ގައި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުން ވެގެން ދިޔައީ މުޅި ގައުމު ހިމޭންކުރި އަދި ނުރައްކާތެރިކަން އޮތް މިންވަރު ވެސް ފެނިގެން ދިޔަ ކަމަކަށެވެ.

ރާއްޖޭގައި މީހުން މެރުން ސިލްސިލާއަކަށްވެ ރަހުމްކުޑަ ގޮތްގޮތަށް ކޮންމެ އަހަރަކުވެސް ބަޔަކު މަރައެވެ. ބްލޮގާ ޔާމީން ރަޝީދުގެ މަރާއި، ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގުން ވެސް ހިމެނެނީ އެ ސިލްސިލާގަ އެވެ. އެ މައްސަލަތަކުގެ ހަގީގަތް އޮތީ ވަރަށް ބޮޑަށް ފޮރުވިފައެވެ. އެއިން އެއްވެސް މައްސަލައެއްގައި އިންސާފާ ހަމައަށް ދެވޭނެ މަގެއް ނުފެނެ އެވެ. ކޮންމެވެސް ސަބަބަކާ ހުރެ ހަގީގަތް "މަރުވަނީ" އެވެ.

ނޮބެމްބަރު 17، 2018 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ، ރައީސް އިބްރާހިމް މުހައްމަދު ސާލިހް ހަވާލުވެވަޑައިގެންނެވީ މި ދެންނެވި މަރުތަކާ ގުޅިގެން އިންސާފު ހޯއްދަވައި ދެއްވުމުގެ ވައުދަކާ އެކުއެވެ. އެކަންކަން ހާސިލު ކުރަން ބޭނުންވާ މުއްދަތެއް ވެސް ރައީސް ކަނޑައެޅުއްވި އެވެ. ވެރިކަމުގެ ފުރަތަމަ ދުވަހާ ހަމައިން އެ ވައުދު ފުއްދެވުމުގެ މަސައްކަތް ވެސް ރައީސް ވަނީ ފައްޓަވާފަ އެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވި އެވެ.

އެ ކޮމިޝަންގެ މަސައްކަތް ފެށި ގޮންޖެހުންތަކާއެކު، މަޖިލީސް މެދުވެރިކޮށް ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ވެސް ލިބުނެވެ. އެއާއެކު ކޮމިޝަންގެ މަސައްކަތްތައް ރަނގަޅަށް ހިނގައިގަނެ، ރިލްވާންގެ މައްސަލައިގައި "}ތަހުގީގު ރިޕޯޓެއް" ތައްޔާރުކުރި އެވެ. އެ ރިޕޯޓާއި ގުޅޭ ތަފްސީލް ހާމަ ކުރުމުގެ ކުރިން، ރިލްވާން ގެއްލުމުގެ ހާދިސާގެ ބޮޑެތި ތަފްސީލުތަކެއް ލިބިފައިވާ ކަމަށް މަރު ކޮމިޝަނުން ބުންޏެވެ. އެންމެ ފަހުގެ އަޕްޑޭޓް އައީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ ދުވަހު ރިލްވާން ގެއްލުވާލި ހާދިސާގެ ތަހުގީގު ރިޕޯޓާއި ގުޅޭ މައުލޫމާތު ހިއްސާ ކުރަން ބޭއްވީ ނޫސް ކޮންފަރެންސެކެވެ.

އޭގެ ފަހުން އެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެރުވި އެވެ. އަދި މަޖިލީހުގެ ރައީސް ވަނީ އެ ރިޕޯޓް ހަމަ އެދުވަހު ޕާޓީތަކުގެ ޕީޖީ ލީޑަރުންނަށް ދެއްވާފަ އެވެ. ނަމަވެސް އޭގެ ފަހުން ކުއްލި ގޮތަކަށް ރިޕޯޓްގައި ސިއްރު މައުލޫމާތުތަކެއް ހުރެގެން ރިޕޯޓް އަތުލީ އެވެ. އެކަމަކު އޭރު ރިޕޯޓްގަައި ހިމެނޭ ހުރިހާ ވާހަކައެއް ބޭރުވެއްޖެ އެވެ.

އެހާ ހިސާބުން ފެށިގެން ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން ކޮމިޝަނުން ކުރި ތަހުގީގުގެ ބޭނުމާއި، އެ ތަހުގީގަށްފަހު ލިބުނު މައުލޫމާތުތައް ހިއްސާ ކުރުމުގައި އަމަލުކުރި ގޮތާއިމެދު ވަނީ ސުވާލު އުފައްދާ ވާހަކަ ދައްކަން ފަށާފަ އެވެ.

އެ ސުވާލުތައް އުފެދި "ހޫނުވެފައި" ވަނިކޮށް ނުކުމެއްގެ އުޅެނީ ރިޕޯޓެއްތޯވެސް ސުވާލު އުފެދިއްޖެ އެވެ. އާންމުވެގެން އުޅޭ ވާހަކަތަކާ ގުޅުވައި ރައީސް ކުރެއްވި ޓްވީޓެއްގައި އޮންނަނީ ކޮމިޝަންގެ "ދެވަނަ ޑްރާފްޓް" ކަމަށްވާތީ އެވެ. ކޮމިޝަނަކީ ރައީސްގެ ރިޔާސީ ކޮމިޝަނެކެވެ. ވީމާ ރައީސް އެއީ ޑްރާފްޓެއް ކަމަށް ވިދާޅުވާ ނަމަ އަދި ރިޕޯޓެއް ނުނިމެ އެވެ. -- އެހެން ވިޔަސް ރިިޕޯޓެއް ބޭރުވެގެން އެބަ އުޅެ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި ރިލްވާންގެ މައްސަލާގައި ކޮމިޝަނުން އަމަލު ކޮށްފައި ވަނީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެފަދަ ކޮމިޝަނަކުން އަމަލު ކުރާނެ ގޮތަކަށް ނޫނެވެ. އޭނާ ފާހަގަ ކުރެއްވި އެއް ކަމަކީ ސައްތައިން ސައްތައަށް ސާފު ނުވާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ރިލްވާން މަރުވެފައިވާ ކަމަށް ކަނޑައެޅުމެވެ.

ދުނިޔޭގެ ހުރިހާ ގައުމެއްވެސް އެފަދަ ހާދިސާތަކުގައި، މީހަކު މަރުވެއްޖެ ކަމަށް ކަނޑައަޅަނީ އޭނާގެ ހަށިގަނޑު ފެނުމުން ނުވަތަ އެފަދަ މީހަކާމެދު ކޯޓުން ގޮތްތަކެއް ކަނޑައެޅުމުންނެވެ. ކޮމިޝަނުން އަމަލު ކޮށްފައި ވަނީ އިސްލާމްދީނުގައި ވެސް ކަން އޮންނަގޮތާއި ޚިލާފަށް ކަމަށް އޭނާ ވިދާޅުވެ އެވެ.

"ފުރަތަމަ ކަމަކަށް އެ ވިދާޅުވާ ރިޕޯޓްގައި ރިލްވާންވަނީ މަރާލާފައި ކަމަށް ވަނީ ކަނޑައަޅާފައި. ކިހިނެތްތޯ އެކަން އެގޮތަށް ކަނޑަ އަޅާނީ. ރިލްވާންގެ ހަށިގަނޑު ފެނުނީއެއް ނޫން. ނުވަތަ މި މައްސަލާގައި ކޯޓަކުން ވަކި ގޮތެއް ނިންމީއެއް ނޫން. އަނެއް ކޮޅުން މުޅި ރިޕޯޓްގައި ހިމެނެނީ ބުންޏޭ ބުންޏޭ ވާހަކަތައް. ހަގީގަތުގައި ސައްތައިން ސައްތަ ސާބިތުވާ އެއްވެސް ވާހަކައެއް ނެތް. އެހެން ކަމުން މިވަރުގެ ސީރިއަސް އިންކުއަރީއެއްގައި ޕަބްލިކަށް ގެންނަންވާނީ މި ފެންވަރުގެ ވާހަކަތަކެއް ނޫން." އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި ކޮމިޝަނުން ރިލްވާންގެ މައްސަލާގައި ހަދާފައިވަނީ ވަރަށް ބޮޑު ގޯހެކެވެ. ރިލްވާންގެ ކަރު ބުރިކޮށްލާ ކަނޑުފައްތާފައިވާ ކަމަށް އާންމުންނަށް ހާމަ ކުރުމުން އެ މައްސަލައާއި ގުޅިގެން ކޯޓްގައި އެކަން ސާބިތު ކޮށްދިނުމަކީ މަރު ކޮމިޝަނުން ކުރަންޖެހޭނެ ކަމެކެވެ. އަދި އެކަން ސާބިތުކޮށް ނުދެވިއްޖެނަމަ ދައުލަތް ފެއިލްވާނެ އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ފުރިހަމަ ރިޕޯޓެއް އެކުލަވައި ނުލެވެނީސް އެ މައުލޫމާތު ހިފައިގެން ކޮމިޝަނުން ބޭރަށް ނުކުމެއް އާންމު ކޮށްލި ކޮށްލުމަކީ ހެދި އެންމެ ބޮޑު ގޯހެވެ.

އުމަރު ވެސް ހުންނެވި ކުރީގެ ސަރުކާރުން ރިލްވާންގެ މައްސަލައާއި ގުޅިގެން އެފަދަ މައުލޫމާތުތަކެއް ހާމަނުކުރީ ސާބިތު ހިފޭ މިންވަރަށް ހެކި ނެތިގެނެވެ. އަދި ރިލްވާންގެ މައްސަލައާއި ގުޅިގެން ފަސް ގޮތަކަށް ވާހަކަ ދެކެވުނެވެ. އެއިން ކޮންމެކަމެއް ތަހުގީގުކޮށް މައްސަލައިގެ ހަގީގަތަށް ވާސިލްވާން މަސައްކަތް ކުރެވުނެވެ.

"ޚިޔާލީ ވާހަކަތަކެއް ދެއްކިދާނެ. ނަމަވެސް އަޅުގަނޑު ހުރިިއިރު ބޭނުންވީ މައްސަލައިގެ އަސްލު ހަގީގަތާއި ހަމައަށް ވާސިލްވާށް. ހަގީގަތުގައި ރިލްވާންގެ މައްސަލާގައި ފަސް ވާޝަންއެއް އެބައޮތް. ކަރު ބުރިކޮށްލާ ކަނޑަށް ފެއްތިކަމާ، ކުދިކުދިކޮށް ކޮށާލާފައި ކަނޑައަޅާލީކަމާ މިހެން ގޮސް އެތައް ވާހަކަތަކެއް. ނަމަވެސް އަޅުގަނޑު މިދަންނަވަނީ އެއީ މިފަދަ އިންކުއަރީއެއްގައި ހިމެނޭނެ ފަދަ ފެކްޓް ބޭސް ވާހަކަތަކެއް ނޫނޭ. ދެން ކިހިނެތްތޯ އެފަދަ ވާހަކަތަކެއް އަމުދުން ފަބްލިކް ކުރެވޭނީ،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސްގެ ރިޔާސީ ވައުދެއް ފުއްދަން އުފެއްދި ރިޔާސީ ކޮމިޝަނުން ބެއްލެވި ފުރަތަމަ މައްސަލާގައި އަމަލު ކޮށްފައިވާ ގޮތާއިމެދު ވެސް ސުވާލު އުފެދެ އެވެ. އެ މައްސަލައިގެ ތަހުގީގު ނިމުމުން ފުރަތަމަ ރިޕޯޓް އަރުވަން ޖެހޭނީ ރައީސްގެ އަތްޕުޅަށެވެ. އެކަމަކު ފެނުނީ އަވަސް އަވަހަށް އެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަތްޕުޅަށް އެރުވި މަންޒަރެވެ. އަދި އޭގެ ފަހަށް ކޮޕީ ހަދައިގެން އެ ރިޕޯޓް މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނަށް ދިނުުން އޭގެ ފަހަތުގައި ކަމެއް ފޮރުވިފައިވެ އެވެ. އުމަރު ވިދާޅުވި ގޮތުގައި ބައެއް މީހުން މިހާރު އެ ކުރަނީ ވެސް އެ ސުވާލެވެ.

ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ކަން ހިނގައި ދިޔަ ގޮތުން ރިލްވާންގެ މައްސަލާގައި އާއިލާއަށް ހަމަޖެހުމެއް ހޯދައި ދިނުމުގެ ބަދަލުގައި އިންސާފަށް ވާސިލްވުމަށް އޮތް މަގަށް ހުރަސް އެޅެ އެވެ. އަދި އޭގެ ސަބަނުން ގައުމީ ސަލާާމަތަށް ގެއްލުންވެ އެވެ. ރާއްޖެއަށް ގެއްލުންވެ އެވެ.

"މިއޮތީ ހައިރާކީ އޮޅިފައިހެން ހީވަނީ... ރިޕޯޓް އަރުވަން މިޖެހެނީ ރައީސުލްޖުމްހޫރިއްޔާއަށް. ނަމަވެސް ރިޕޯޓް ހަވާލު މިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް. އެހެންވީމަ މި ދަންނަވަނީ މަރު ކޮމިޝަނުން މި އޮތީ ވަރަށް ބޮޑު ގޯހެކޭ ހަދާފައި. އަޅުގަނޑު ދެކޭގޮތުގައި މިއީ ރައީސް ސޯލިހްގެ ހުއްދަވެސް ނުހޯދާ ކޮމިޝަނުން ކޮށްފައިވާ ކަމެއް،" ބޭފުޅަކު ވިދާޅުވި އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ކޮމިޝަނުން ކޮށްފައިވަނީ ޖިނާއީ ތަހުގީގެއް ނޫނެވެ. އެއީ ކޮމިޝަނުން ހޯދި ހޯދުންތަކެކެވެ. އެ ހޯދުންތަކުގެ އަލީގައި މައުލޫމާތުތަކެއް ހާމަ ކުރުމަކީ މައްސަލައެއް ނޫނެވެ. އަދި ޝަމީމް ވިދާޅުވި ގޮތުގައި މިފަދަ ސީރިއަސް މައްސަލައެއްގައި ކޮމިޝަނުން އެއްވެސް ފިޔަވަޅެއް ގޯސްކޮށް އަޅާނެ ކަމަށް ގަބޫލެއް ނުކުރެއްވެ އެވެ.

އޭނާ ގަބޫލު ކުރައްވާ ގޮތުގައި ދައުލަތުގެ ރަސްމީ ހައިސިއްޔަތެއް އޮތް ކޮންމެ ފަރާތަކަށް މިފަދަ ހޯދުންތަކެއްގެ މައުލޫމާތު ހިއްސާކުރެވިދާނެ އެވެ. ސަބަބަކީ ރަސްމީ ހައިސިއްޔަތެއް އޮތް ކޮންމެ ބޭފުޅެއްގެ އެންމެ އިސް މަސްއޫލިއްޔަތަކަށް ވާނީ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް ހޯދައި ދިނުމެވެ.

"އަޅުގަނޑަށް ޔަގީން މިކަމުގައި ކޮމިޝަން ގޯހެއް ނަހަދާނެ އެއީ މިފަދަ އެއްވެސް މައުލޫމާތެއް ހިއްސާ ކުރަން ނުޖެހޭ ފަރާތަކަށް ހިއްސާއެއް ނުކުރައްވާނެ. އަދި މައުލޫމާތެއް ހިއްސާ ކުރައްވާނަމަ އަޅުއްވަންޖެހޭ ފިޔަވަޅެއް ދުރާލާ އަޅުއްވާނެ ކަމަށް އަޅުގަނޑު ދެކެނީ،" ޝަމީމް ވިދާޅުވި އެވެ.

މަރު ކޮމިޝަންގެ ތަހުގީގަށް ލިބެންހުރި މައުލޫމާތެއް ލިބުމުން އެކަން ހާމަ ކުރުމަކީ މައްސަލައެއް ކަމަކަށް ޝަމީމް ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ރިލްވާންގެ މައްސަލާގައި ކޮމިޝަނަށް ދެވޭނެ އެންމެ ދުރަކަށް މަސައްކަތް ގެންގޮސްފައި ވެއެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި ކޮމިޝަންގެ ރިޕޯޓް އާންމުވުމަކީ ވަރަށް ބޮޑު ގޯހެކެވެ. މި މަރުހަލާގައި އެއީ ސިޔާސީ ބޭފުޅުންނާ ހިއްސާ ކުރަންޖެހޭ މައުލޫމާތުތަކެއްތޯ އޭނާ ސުވާލު އުފައްދަވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިލްވާން ގެއްލުވާލި ހާދިސާއަކީ ސިޔާސީ ވާހަކައަކަށް ހައްދައިގެން ދައްކަންޖެހޭ ވާހަކައެއް ނޫނެވެ. އެއީ އެއަށްވުރެ މާ އިމޯޝަނަލް އަދި ނާޒުކު މައްސަލައެކެވެ. އެކަމަކު ކޮމިޝަނުން އަމަލު ކުރި ގޮތުގެ ސަބަބުން ރިލްވާންގެ މައްސަލައަށް އިންސާފު ލިބެން އޮތް މަގު އަނދިރިވެ އެވެ. ރައީސްގެ ވައުދު ފުއްދައި ދިނުން ލަސްވެ އެވެ.

"މި ރިޕޯޓް ކީއްވެގެންތޯ މި މަރުހަލާގައި މަޖިލީހުގެ ރައީސްގެ އަތްޕުޅަށް އަރުވަންވީ. ކީއްވެގެންތޯ ޕީޖީ ލީޑަރުންނަށް ދެއްވަންވީ. މިއީ ސިޔާސީ ބޭފުޅުންނަށް ބަހުސް ކުރެވޭނެ މައްސަލައެއްތޯ. މި އުޅެނީ ދިވެހި ރައްޔިތަކު ވީނުވީއެއް ނޭނގި ގެއްލިގެން. އަޅުގަނޑުމެންގެ އިންޓްރެސްޓް ހުންނަންވީ އެ އާއިލާއަށް އިންސާފު ހޯދައިދިިނުމަށް. ސިޔާސީ ވާހަކަ މި މައުލޫއާ ގުޅުވައިގެން ދައްކާކަށް ނޫން. ނަމަވެސް އަމަލު މިކުރީ އެގޮތަށް ނޫންތޯ؟" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ އެހެން މެންބަަރަކު ވިދާޅުވި ގޮތުގައި ރިޕޯޓާމެދު ކޮމިޝަނުން އަމަލު ކޮށްފައިވަނީ ރައީސް ސޯލިހުގެ ވިސްނުންފުޅާ އެއްގޮތަށް ނޫނެވެ. ކޮމިޝަން އުފެއްދީ މި މައްސަލާގައި އިންސާފު ގާއިމް ކުރާށެވެ. ރައީސްގެ އެ އިޚްލާސްތެރިކަން އެބައޮތެވެ. ނަމަވެސް ކޮމިޝަނުން އަމަލު ކުރި ގޮތުން އަވަހަށް ރިލްވާންގެ އާއިލާއަށް އިންސާފު ލިބިގެން ހިނގައިދާނެތޯ މިހާރު ސުވާލު އުފެދެ އެވެ. އަދި މީގެ ސަބަބުން ސަރުކާރަށް ވާނީ ގެއްލުންތޯ ނޫނީ ފައިދާތޯ ވެސް މިހާރު ސުވާލު އުފެދެ އެވެ.

އިދިކޮޅު މެންބަރު ޝިޔާމް ވިދާޅުވި ގޮތުގައި މީގެ ކުރިން ބަޔަކު މަސައްކަތް ކުރީ ރިލްވާންގެ މައްސަލަ ރައީސް ޔާމީންގެ އިސްތަށިފުޅުގައި އަޅުވާށެވެ. އެކަމަކު ކޮމިޝަންގެ ތަހުގީގުން މިއީ ރައީސް ޔާމީނާ ވެސް އަދި ސިޔާސީ ބަޔަކާ ވެސް ގުޅުން އޮތް މައްސަލައެއް ނޫންކަން އެނގުނެވެ. އެހެންކަމުން ތަހުގީގީ އިދާރާތައް މެދުވެރިކޮށް އިތުރު ތަހުގީގު ހިންގާ، ކޯޓް މެދުވެރިކޮށް އިންސާފު ގާއިިމް ކުރުމުގެ ބަދަލުގައި އެހެން މަގެއް އިޚުތިޔާރު ކުރުމުގެ ފަހަތުގައި އިޚްލާސްތެރި ނޫން ނިޔަތެއް އެބައޮތެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު، އަހުމަދު ފާއިޒް ހުސައިން ވިދާޅުވި ގޮތުގައި މަރު ކޮމިޝަންގެ ރިޕޯޓް މި މަރުހަލާގައި ރައްޔިތުންގެ މަޖިލީހާއި ހިއްސާ ކުރުމަކީ ގޯހެކެވެ. އޭނާ ވިދާޅުވި ގޮތުގައި ރިލްވާންގެ ތަހުގީގު ރިޕޯޓްގައި ނުރައްކާތެރި ޖަމާއަތްތަކާއި، ޖަރީމާގައި ބައިވެރިވި ކަމަށް ބުނާ އެތައް ބައެއްގެ ނަންތައް ހުރިއިރު، އެފަދަ މައުލޫމާތުތަކެއް އާންމު ވެގެނެއް ނުވާނެ އެވެ. އަދި އެފަދަ މައުލޫމާތުތަކެއް އާންމުވުމުން އިންސާފަށް ވާސިލްވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ އެވެ.

ކަން ހިނގައި ދިޔަ ގޮތުން ދެން ތަހުގީގަށް އެއްބާރުލުންދީ، ހެކިންގެ ގޮތުގައި ތިބި ފަރާތްތަކުގެ އެއްބާރުލުން، ކުރިއަށް އޮތް މަރުހަލާތަކުގައި ލިބުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެކަން ފާއިޒު ގަބޫލު ކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންސާފު ގާއިމްކުރުމުގެ ކުރިން ތަހުގީގުގެ މައުލޫމާތު މިފަދަ ގޮތަކަށް އާންމުވުމުން މައްސަލައާ ގުޅުންހުރި މުހިންމު ހެކިތައްވެސް ނައްތާލުމުގެ ފުރުސަތު އޮޮންނާނެ އެވެ.

"ރިޕޯޓްގައި ފާހަގަކޮށްފައިވާ ޖަމާއަތްތަކުން ނުވަތަ އެ ޖަމާއަތްތަކަށް ނިސްބަތްވާ މީހުން ބަލާނެ ތަހުގީގުގައި ބަޔާންދީފައި ވަނީ ކޮންކޮން ބައެއްތޯ. އެހެންވީމަ އެއީ ވަރަށް ބޮޑު ނުރައްކަލެއް. ވީމަ ފަހުން އެފަދަ މީހުން ހެކިބަސް ދިނުމަށް ދެކޮޅުވެސް ހަދާފާނެ. މީގެ ކުރިންވެސް މިފަދަ ކަންކަން ކުރިމަތިވެފައި އެބަހުރި. އެހެންވީމަ ކުރެވިފައި މިއޮތީ ކޮންގެން ނުވާނެ ކަމެއް،" ފާއިޒު ވިދާޅުވި އެވެ.

ކޮމިޝަންގެ ރައީސް ހުއްސުނުއް ސުއޫދު ވިދާޅުވާ ގޮތުގައި ކޮމިޝަންގެ ރިޕޯޓް އާންމު ކުރުމުން ލިބޭ ގެއްލުމަށް ވުރެ ވާ ފައިދާ ބޮޑެވެ. އޭނާ ވިދާޅުވާ ގޮތުގައި އާންމުންނަށް ސާފުވި މައުލޫމާތުތަކުގެ އަލީގައި އިތުރު އެތައް މައުލޫމާތެއް އާންމުންގެ ފަރާތުން ކޮމިޝަނަށް ލިބެމުން ދާނެ އެވެ. އަދި އިތުރު އެތައް ބައެއްގެ ވާހަކަތައް އަޑުއެހުމުގެ ފުރުސަތު ކޮމިޝަނަށް ލިބޭނެ އެވެ. އެއީ ފަހަރުގައި ރަނގަޅު ވާހަކައަކަށް ވެސް ވެދާނެ އެވެ. އަދި އެއީ ގޯހަކަށް ވެސް ވެދާނެ އެވެ. އެކަމަކު އެނގޭ ކަމަކީ "ރިލްވާން ރިޕޯޓް" ބޭރުވިފަހުން އެކަމާ ދެކޮޅަށް ދެކެވޭ ވާހަކައިގެ އަޑު ގަދަ ކަމެވެ.