މަރުތައް ތަހުގީގު ކުރާ ކޮމިޝަން

މަރު ކޮމިޝަން: އިންސާފަށް ވާސިލްނުވެވި "މަރުވަނީ"؟

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދާދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެއީ މިހާރު އޮތް އިއްތިހާދު، ވެރިކަމަށް އައުމަށް ރައްޔިތުންގެ ކައިރީ އެންމެ ހަރު އަޑުންވީ ވައުދެވެ. ވައުދު ފުއްދެވުމުގެ މަސައްކަތް ރައީސް ސޯލިހް ވެރިކަމުގެ ފުރަތަމަ ދުވަހު ވަނީ ފައްޓަވާފައެވެ. އެގޮތުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ހާއްސަ ރިޔާސީ ކޮމިޝަނެއް އުފެއްދެވި އެވެ. އަދި އެ ކޮމިޝަނަށް ރައީސަކާއި، ހަތަރު މެންބަރުން އައްޔަން ކުރެއްވި އެވެ. ބޮޑެތި ބާރުތައް ކޮމިޝަނަށް ލިބޭ ގޮތަށް މަޖިލީހުން ބިލެއް ފާސްކުރި އެވެ.

މަރު ކޮމިޝަނަށް އަހަރު ދުވަސް ވެގެންދިޔައިރު، އެ ކޮމިޝަނުން ބަލަން ފެށި އެއްވެސް މައްސަލައެއްގައި މިހާތަނަށް އިންސާފާ ހަމައަށް ދެވިފައެއް ނުވެ އެވެ. ނަމަވެސް ކޮމިޝަނުން ވަނީ ރައްޔިތުންގެ ކަންބޮޑުވުން އިއްތިހާއަށް އޮތް ތިން މައްސަލައާއި ގުޅޭގޮތުން ހާއްސަ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. އެއީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލައާއި، ރަހުމްކުޑަ އަނިޔާވެރި ހަމަލާތަކެއްގައި ޔާމީން ރަޝީދު މަރާލި މައްސަލައިގެ އިތުރުން ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައެވެ. މީގެ އިތުރުން ބަގްލަދޭޝްގައި ކިޔަވަމުންދިޔަ ރައުދާ އާތިފްގެ މަރާއި ގުޅޭ ރިޕޯޓެއްވެސް މަރު ކޮމިޝަނުން ވަނީ ތަހުގީގުކޮށް ނިންމާފަ އެވެ.

މި ނޫންވެސް އެތައް މައްސަލަތަކެއްގެ ފުންމިނަށް ވާސިލްވެ އެ މަރުތަކަށް އިންސާފު ހޯދާދިނުމަކީ ރިޔާސީ ކޮމިޝަންގެ މެންޑޭޑްގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެހެން ނަމަވެސް އެއިން އެއްވެސް މަރަކާއި ގުޅިގެން މިހާތަނަށް ލިބުނު ކުރިއެރުމެއް އަދި ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކެއް ހާމަކޮށްފައެއް ނުވެ އެވެ. ރިޔާސީ ކޮމިޝަނުން ފެށި ބޮޑު އަދި ބުރަ މަސައްކަތް ނުނިމެނީސް އެ ކޮމިޝަންގެ ކުރިމަގާމެދު ބައެއް ފަރާތްތަކުން މިދަނީ ސުވާލު އުފައްދަމުންނެވެ. މިއީ އިންތިހާއަށް ބޮޑު ކަންބޮޑުވުމެކެވެ.

ފުރަތަމަ ކަމަކީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އަދި އެ ކޮމިޝަން މިހާތަނަށް ލީޑްކުރައްވަމުން ގެންދެވި ކުޅަދާނަ ވަކީލް ހުސްނުއް ސުއޫދު ކޮމިޝަނުން އިސްތިއުފާ ދެއްވުމެވެ. އެމަނިކުފާނު މަގާމުން އިސްތިއުފާދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވުމާ ގުޅިގެންނެވެ. އެއާއެކު މިވަގުތު ކޮމިޝަންގައި ތިއްބެވީ ތިން މެންބަރުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރްޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ހުސްނުއްސުއޫދު ސުޕްރީމް ކޯޓަށް ވަޑައިގަތުމަށް މަރު ކޮމިޝަނުން އިސްތިއުފާދެއްވި ނަމަވެސް ކޮމިޝަންގެ މަސައްކަތްތަކަށް މަޑު ޖެހުމެއް ނެތް ކަމަށެވެ. އަދި ކޮމިޝަންގެ މަސައްކަތްތައް މިހާރުވެސް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އަދި މަރު ކޮމިޝަނަށް ރައީސަކު ހޯދުމުގެ މަސައްކަތް ރައީސް ކުރައްވާ ކަމަށްވެސް ހޫދު ވިދާޅުވި އެވެ.

"މިހާރުވެސް ކޮމިޝަންގެ މަސައްކަތް ކުރިއަށް އެބަދޭ. ކޮމިޝަންގެ މަސައްކަތްތައް ނުހުއްޓޭ. ރައީސް މިހާރުވެސް ގެންދަވަނީ ކޮމިޝަނަށް ރައީސަކު ހޯދުމުގެ މަސައްކަތް ކުރައްވަމުން." ހޫދު ވިދާޅުވި އެވެ.

މިހާރުވެސް ކޮމިޝަންގެ މަސައްކަތް ކުރިއަށް އެބަދޭ. ކޮމިޝަންގެ މަސައްކަތްތައް ނުހުއްޓޭ. ރައީސް މިހާރުވެސް ގެންދަވަނީ ކޮމިޝަނަށް ރައީސަކު ހޯދުމުގެ މަސައްކަތް ކުރައްވަމުން
އިބްރާހިމް ހޫދު | ރައީސް އޮފީހުގެ ތަރްޖަމާން

ނަމަވެސް ބައެއް ސިޔާސީ ބައެއް ބޭފުޅުންގެ ނަޒަރު، މި މައުލޫގައި ވަރަށް ތަފާތެވެ. ބައެއް ބޭފުޅުންގެ ދެކެވަޑައިގަންނަވާ ގޮތުގައި މަރު ކޮމިޝަންގެ މަސައްކަތް ދަނީ ހުއްޓުމަކާ ހަމައަށެވެ. ބޭނުންވި ލަނޑުދަނޑި ހާސިލްނުވެ ހުސް ވާހަކަތަކަކަަށްފަހު އެ ކޮމިޝަން މަރުވަނީ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މަރު ކޮމިޝަނުން މިހާތަނަށް ކުރި މަސައްކަތުގެ އިހްލާސްތެރިކަމާމެދު ސުވާލު ނުއުފައްދަވާ ކަމަށެވެ. ސަރުކާރުންވެސް އަދި ކޮމިޝަނުންވެސް ބޭނުންވީ މަރުތަކުގެ އެންމެ ފުންމިނަށް ވާސިލްވުމަށެވެ. ނަމަވެސް މިހާތަނަށް އެއިން އެއްވެސް ކަމެއް ކޮމިޝަނަށް ކުރެވިފައިވާ ކަމަކަށް އުމަރު ގަބޫލެއް ނުކުރައްވަ އެވެ.

އުމަރު ވިދާޅުވީ މަރު ކޮމިޝަންގެ މަސައްކަތް ދެން ދާނީ ހުއްޓުމަކާ ދިމާއަށެވެ. އަދި މަރު ކޮމިޝަން މަސައްކަތް އުމަރު ސިފަ ކުރެއްވީ ބީރުބޮލު ވަޒީރު، ރަސްގެފާނަށް ދުނިޔޭގެ މެދު ހޯދާ ދެއްކުމަށް ކުރި މަސައްކަތް ފަދަ މަސައްކަތެއްގެ ގޮތުގައެވެ. އެއީ މަރުތަކުގެ ހަގީގަތް ހޯދުމަށް ކުރި މަސައްކަތުން ނަތީޖާއެއް ނެނުރެވުމެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މަރު ކޮމިޝަން ދެން ވާނީ މަރު. ހަގީގަތުގައި އެއްވެސް މަސައްކަތެއް ނުކުރެވި ކޮމިޝަން މިހާ ހިސާބަށްވެސް މިއައީ. މިހާތަނަށް ހޯދި ކޮންމެ ހޯދުމަކީ ކުރިން ފުލުހުން އަދި ކަމާގުޅޭ އިދާރާތަކުން ހޯދާފައިވާ ހޯދުންތައް." އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މަރެއްގެ މައްސަލައާއި ގުޅިގެން އެއީ އާދައިގެ ނުވަތަ އަޅާލަން ނުޖެހޭ މަރެއްގެ ގޮތުގައި ދެކި އެކަން ފުލުހުން ދޫކޮށް ނުލާނެ ކަމަށެވެ. އަދި ކޮންމެ މަރެއްގެ އެންމެ ފުންމިނަށް ވާސިލްވުމަށް އަބަދުވެސް ފުލުހުން މަސައްކަތް ކުރާނެ އެވެ. އެގޮތުން މިހާތަނަށް ހިނގި މަރުގެ ކޮންމެ ހާދިސާއެއްގެ އެންމެ ފުނަށް ދެވޭތޯ ފުލުހުން މަސައްކަތް ކޮށްފައިވާކަން އުމަރު ފާހަގަ ކުރެއްވި އެވެ.

"މިހާރުވެސް އެ ތިބީ އޭރު ތިބި ފުލުހުން. ފުލުހުންގެ ލޯޔަލިޓީއާ މެދު ސުވާލު އުފައްދައިގެން ނުވާނެ. އެ ބޭފުޅުންގެ ފުލް ލޯޔަލިޓީ އޮންނާނެ ކޮންމެ ކަމެއްގައިވެސް. އެހެންވީމަ ކޮމިޝަނުން އެ ހާމަކުރި ކޮންމެ ކަމަކީ ކުރިން ފުލުހުން ހޯދާފައިވާ އަދި ފުލުހުންގެ ތަހުގީގު ތަކުން އެނގެން ހުރި ކަންކަން."

އަޅުގަނޑު ދެކޭ ގޮތުގައި މަރު ކޮމިޝަން ދެން ވާނީ މަރު. ހަގީގަތުގައި އެއްވެސް މަސައްކަތެއް ނުކުރެވި ކޮމިޝަން މިހާ ހިސާބަށްވެސް މިއައީ. މިހާތަނަށް ހޯދި ކޮންމެ ހޯދުމަކީ ކުރިން ފުލުހުން އަދި ކަމާގުޅޭ އިދާރާތަކުން ހޯދާފައިވާ ހޯދުންތައް.
އުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު

އުމަރު ވިދާޅުވީ ސުއޫދާއެކު މަރު ކޮމިޝަންގެ މަސައްކަތް ނިމުނީ ކަމަށެވެ. އަދި މަރުތަކަށް އިންސާފު ހޯދާދޭނެ ކަމަށް ސަރުކާރުން ކިތަންމެ ވަރަކަށް ބުނިނަމަވެސް ކޮމިޝަނަށް އެކަން ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެކަމުގެ ބައެއް ސަބަބުތައް އުމަރު ވިދާޅުވެ ދެއްވި އެވެ. އެންމެ ބޮޑު ސަބަބަކީ މިހާތަނަށްވެސް ތަހުގީގުތަކުން މަރުތަކުގެ އެންމެ ފުންމިނަށް ވާސިލްވެވިފައި ނެތުމެވެ. އަދި ބައެއް ތަހުގީގުތައް މިހާރު ދަތުރުކުރަމުންދާ މިސްރާބެވެ.

އެމްޑީޕީން ގަބޫލުނުކުރި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައިވެސް އެއްވެސް ތަހުގީގެއް ހިންގަން އެމަނިކުފާނު ހުރަސް އަޅާފައި ނުވާ ކަމަށް އުމަރު ވިދާޅުވި އެވެ. އެހެންކަމުން އޭރުވެސް މަރުތަކާ ގުޅިގެން ފުލުހުން ކުރި ކޮންމެ ތަހުގީގެއް ކޮށްފައިވަނީ މިނިވަން ކަމާ އިންސާފުވެރި ކަމާއެެކު ކަމަށް ވިދާޅުވި އެވެ.

"އެއްވެސް މިންވަރަކަށް ރައީސް ޔާމީންވެސް އަޅުގަނޑުމެންނަށް ނުފޫޒު ނުފޯރުވާ، މައްސަލަތައް ބެލުމަށް ހުރަސް އަޅާފައެއް ނުވޭ." އުމަރު ވިދާޅުވި އެވެ. "އަޅުގަނޑު ދެކޭ ގޮތުގައި ދެން ކޮމިޝަނަށް ބަޔަކުވެސް ނުނަގާނެ. ދެން ހަމަ ފުރޮޅުން ވައި ހިނދިގެންދާހެން ކޮމިޝަންވެސް އެހެން އޮވެ ނިމިގެންދާނީ."

އުމަރު ވިދާޅުވީ ކޮމިޝަންގެ މަސައްކަތްތަކާއި އަދި އެ ކޮމިޝަންގެ އިހްލާސްތެރިކަމާމެދު ސުވާލު ނުއުފެއްދި ނަމަވެސް އެންމެ ފަހުން ސަލަފް ޖަމިއްޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް އަމާޒުކޮށް ކޮމިޝަނުން ކުރި މަސައްކަތްތަކުގެ ސަބަބުން ކޮމިޝަނަށް އޮތް އިތުބާރަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަމަށެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ދެން ކޮމިޝަނަށް [ރިޔާސީ ކޮމިޝަން] ބަޔަކުވެސް ނުނަގާނެ. ދެން ހަމަ ފުރޮޅުން ވައި ހިނދިގެންދާހެން ކޮމިޝަންވެސް އެހެން އޮވެ ނިމިގެންދާނީ
އުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު

އިދިކޮޅު ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ ނަޒަރުގައި ރިޔާސީ ކޮމިޝަނުން މިހާތަނަށް ކުރި އެއްވެސް މަސައްކަތަކުން އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެ އެވެ. އަދި ވޭތިވެދިޔަ އަހަރުގެ މަސައްކަތްތަކަށް ބަލާލުމުން ކުރިއަށް އޮތްތާވެސް އެ ކޮމިޝަނަށް އިތުރަށް ނެރެވޭނެ ނަތީޖާއެއް އޮތް ކަމަށް ގަބޫލެއް ނުކުރެވެއެވެ.

"ހަގީގަތުގައި ވަރަށް ބޮޑު ފެއިލްއެއް. އެއްވެސް ނަތީޖާއެއް ނެތް ކޮމިޝަންގެ މަސައްކަތްތަކުން ނެރެވިފައެއް. އެތައް ބާރުތަކެއް ހޯދިނަމަވެސް އިންސާފާ ހަމައަށް ވާސިލްވެވިފައެއް ނުވޭ." މެންބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ ކޮމިޝަން އުފެއްދި ހަގީގީ ބޭނުމަކީ ސިޔާސީ މަސައްކަތްތަކެއް ކޮމިޝަން މެދުވެރިކޮށް ކުރުވުމެވެ. އެގޮތުން އެ ވަގުތަކު ސަރުކާރުން "ގަތުލު" ކޮށްލަން ބޭނުން ކޮންމެ މީހެއްގެ ވާހަކަ ކޮމިޝަންގެ ކޮންމެވެސް ރިޕޯޓެއްގައި ހިމަނައި، އެ ވާހަކަތައް އާންމު ކުރަމުން ގެންދިއުމަކީ ސަރުކާރުން ބޭނުންވާ ގޮތެވެ.

"ސިޔާސީ ޝަހުސިއްޔަތެއް ގަތުލުކޮށްލަންވީމަ ރިޕޯޓްތައް ނެރޭނެ. އެ މަސައްކަތް މި ހުރިހާ ދުވަހަކުވެސް އެކުރީ."

އޭނާ ވިދާޅުވީ ރިޕޯޓްތަކެއް އެކުލަވާލި ނަމަވެސް ޑރ. އަފްރާޝީމް އަލީ، އަހުމަދު ރިލްވާން އަދި ޔާމީން ރަޝީދުގެ މަރަށް ލިބުނު އިންސާފެއް ނެތެވެ. އަދި ރަހުމްކުޑަ ގޮތަކަށް މަރާލި އަނަސް އާއި އެ ނޫންވެސް އެތައް ބައެއްގެ މައްސަލަތައް ބަލާނެކަން ހާމަކުރުމަށްފަހު މިހާތަނަށް ކޮމިޝަނަށް ކޮށްދެވުނު ނުވަތަ ހާސިލްކުރެވުނު އެއްވެސް ކާމިޔާބެއް ނެތެވެ.

އާދަމް ޝަރީފް ގަބޫލުކުރައްވާ ގޮތުގައި މަރު ކޮމިޝަނަށް އެދެވޭ މަސައްކަތްތަކެއް ނުކުރެވުނު ނަމަވެސް އެ ކޮމިޝަން މި ސަރުކާރުން އުވައެއް ނުލާނެ އެވެ. އަދި ކޮމިޝަން ފަސް އަހަރަށްވެސް ދެމެހެއްޓުން އެކަށީގެންވެ އެވެ.

"ފަސް އަހަރަށްވެސް ކޮމިޝަން ދަމަހައްޓާނެ. އެއީ ސިޔާސީ ބޭނުންތަކަށް އުފައްދާފައިވާ ފެކްޓަރީއެއް. އެހެންވީމަ އެވަގުތަކުން ގަތުލުކޮށްލަން ބޭނުންވާ ސިޔާސީ މީހެއްގެ ނަން ހިމަނައިގެން ކޮމިޝަނުން ދާނީ ރިޕޯޓް ހަދަމުން."

ހަގީގަތުގައި ވަރަށް ބޮޑު ފެއިލްއެއް. އެއްވެސް ނަތީޖާއެއް ނެތް ކޮމިޝަންގެ މަސައްކަތްތަކުން ނެރެވިފައެއް. އެތައް ބާރުތަކެއް ހޯދިނަމަވެސް އިންސާފާ ހަމައަށް ވާސިލްވެވިފައެއް ނުވޭ. ނަމަވެސް ފަސް އަހަރަށްވެސް އެ ކޮމިޝަން ދަމަހައްޓާނެ. އެއީ ސިޔާސީ ބޭނުންތަކަށް އުފައްދާފައިވާ ފެކްޓަރީއެއް. އެހެންވީމަ އެވަގުތަކުން ގަތުލުކޮށްލަން ބޭނުންވާ ސިޔާސީ މީހެއްގެ ނަން ހިމަނައިގެން ކޮމިޝަނުން ދާނީ ރިޕޯޓް ހަދަމުން
އާދަމް ޝަރީފް އުމަރު | މަޑުއްވަރީ ދާއިރާގެ މެންބަރު

ރައްޔިތުންނަށް ބޮޑެތި އުންމީދުތަކެއް ގެނެސްދެމުން އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތަކަށް އަހަރު ދުވަސްވީއިރު އެ ކޮމިޝަނުން ތަހުގީގު ކުރި މައްސަލަތަކުން ފެންނަނީ އެންމެ ކަމެކެވެ. އެއީ ދީނީ ގޮތުން ހަރުކަށި ފިކުރާ، ހައްދު ފަހަނަ އެޅުން ރާއްޖޭގައި އޮތް މިންވަރެވެ. ޑރ. އަފްރާޝިމް އަލީގެ މަރުގެ މައްސަލައާއި، ރިލްވާން ގެއްލުވާލި މައްސަލައިގެ އިތުރުން ޔާމީން ރަޝީދުގެ މަރުގެ މައްސަލަތައްވެސް ގުޅެނީ ހަރުކަށި ފިކުރާއެވެ. އަދި އޭގެ ފަހުން ނެރުނު ރައުދާ އާތިފް މަރުވެފައިވަނީ އަމިއްލައަށް ކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ބައެއް މަރުތަކާއި ގުޅިގެން ވަކިވަކި މީހުންގެ ނަންތައްވެސް ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް ބޮޑެތި ބާރުތައް ލިބިދީފައިވާ ކޮމިޝަނުން އެ ބާރުތަކުގެ ބޭނުން ހިފާ އިންސާފަށް ވާސިލްވުމަށް އަދި މާ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ މަންޒަރެއް ނުފެނެ އެވެ. ކުރިން ބާރު ނުލިބިގެން ކަންބޮޑުވުން ފާޅުކުރި ކޮމިޝަން އޮތީ މައްސަލަތަކާއި ގުޅިގެން ހައްޔަރުކުރަންވީ މީހެއްގެ ނަންވެސް ފުލުހުންގެ އިދާރާއަށް އަންގާލާނެ ފަދަ ނެތިފަ އެވެ. ހޯމް މިނިސްޓަރު އަމިއްލަފުޅަށް ދެ ފަހަރު މަތިން ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކުރުމުންވެސް ހައްޔަރު ކުރާނެ ބަޔަކު ބުނެދެވިފައެއް ނުވެ އެވެ. މިއީވެސް މަރު ކޮމިޝަންގެ މަސައްކަތްތަކާމެދު ބައެއް ފަރާތްތަކުން އުފައްދާ ސުވާލެކެވެ.

ކޮމިޝަނަށް ދީފައިވާ ބާރުތައް

  • އާންމު ތަންތަން ބަލާ ފާސް ކުރުން
  • މައްސަލަތަކާ ގުޅޭ ތަކެއްޗާއި ހެކިތައް ހިފެހެއްޓުން
  • ތުހުމަތު ކުރެވޭ ފަރާތްތަކުގެ ބެންކު މައުލޫމާތު ހޯދުން
  • އެކައުންޓު ފްރީޒް ކުރަން އެންގުން
  • މީހުން ހާޒިރުކޮށް ހެކި ބަސް ނެގުން
  • ފުލުހުން މެދުވެރިކޮށް ހައްޔަރު ކުރުން
  • ޕާސްޕޯޓު ހިފަހައްޓަން އެނގުން
  • މުދަލާއި ފައިސާ ރާއްޖެއިން ބޭރަށް ގެންދިޔުން މަނާ ކުރުން
  • މިލްކުވެރިކަން ބަދަލު ކުރުން ހުއްޓުވުން

މީގެ އިތުުރުން މިހާތަނަށް އެ ކޮމިޝަނުން އާންމުކުރި އެއްވެސް ރިޕޯޓެއް އާއިލާތަކުން ގަބޫލުނުކުރުމަކީވެސް މަރު ކޮމިޝަން ދެމި އޮތުމާމެދު އުފެދޭ ސުވާލެކެވެ. އަފްރާޝީމްގެ އާއިލާއިން ސިފަކުރާ ގޮތުގައި މަރު ކޮމިޝަންގެ ރިޕޯޓަކީ ލިޔެފައިވާ ޑްރާމާއެކެވެ. ރައުދާގެ އާއިލާއިން ދެކޭ ގޮތުގައި ސާފު ހެކި ހުށަހަޅާފައި ވަނިކޮށް ކޮމިޝަނުން ރިޕޯޓް ތައްޔާރުކުރީ ގޯސްކޮށެވެ.

ރިލްވާންގެ އާއިލާއިން ތިބީ އިންސާފު ލިބޭނެ ދުވަހެއް ނޭނގި އެ ކަމުގެ ކަންބޮޑުވުމުގައެވެ. އަދި ޔާމީންގެ އާއިލާގެވެސް އޮތީ ހަމަ އެ ކަންބޮޑުވުމެވެ. މިހެން އޮތް ހާލަތެއްގައި ފަސް މެންބަރުންގެ ކޮމިޝަނުގައި މިހާރު ތިބީ ތިން މެންބަރުންނެވެ. އެއް ބޭފުޅަކު ކޮމިޝަނުން އިސްތިއުފާދެއްވީ ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމާއި ހަވާލުވެވަޑައިގަތުމަށެވެ. އަނެއް ބޭފުޅަކު ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމާ ހަވާލްވެވަޑައިގަތުމަށެވެ. އެހެން ކަމުން ކޮމިޝަން ދެމެހެއްޓުމާއި، މަރުތަކަށް އިންސާފު ހޯދުމަށް ސަރުކާރުން އިސްކަން ނުދޭ މިންވަރު އެކަމުން ހާމަވާ ކަމަށް ބައެއް މީހުން ދެކެވެ. އަދި މިހާތަނަށް ކޮމިޝަން ލީޑް ކުރެއްވި ކޮމިޝަންގެ ރައީސް އެ މަސައްކަތާ ދުރަށް ވަޑައިގަތުމުން ދެން ކޮމިޝަނަށް ވާނީ ކިހިނެތްތޯ މިއީ އެތައް ބައެއްގެ ސުވާލެކެވެ.

ރަހުމްކުޑަ ހަމަލާތަކުގައި އެތައް ބަޔަކު މަރުވަމުންދާއިރު، މަރުތަކަށް އިންސާފު ނުލިބި ދިއުމަކީ މުޅި މުޖްތަމައު ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމެވެ. މަރުތަކަށް އިންސާފު ހޯދަން އުފެއްދި ކޮމިޝަން، އަމާޒަށް ވާސިލްނުވެވި މަރުވުމަކީ އިންތިހާއަށް ބޮޑު ކަންބޮޑުވުމެވެ. އެކަން އެމަގުން ނުދާނެ ގޮތަކަށް ކަންކަން ކުރުމަކީ ދައުލަތުގެ އެންމެ އިސްވެރިންގެ ވާޖިބެކެވެ.