ވިޔަފާރި

މޫޑީސްއިން ރާއްޖެ އަށް ދީފައިވާ ރޭޓިން ދަމަަހައްޓައިފި

Sep 5, 2019
1

ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ މޫޑީސް އިންވެސްޓާސް ސާވިސަސް އިން މިދިޔަ އަހަރު ރާއްޖެ އަށް ދީފައިވާ "ބީ ނެގެޓިވް" ގެ ރޭޓިން ދަމަހައްޓައިފި އެވެ.

މޫޑީސް އިން މިދިޔަ މަހުގެ 27 ވަނަ ދުވަހު ނެރުނު ރާއްޖޭގެ ތިން ވަނަ ސޮވެރިން ކްރެޑިޓް ރޭޓިންގައި ބުނެފައިވާ ގޮތުން ކުރިއަށް އޮތް އަހަރު ގިނަ މަޝްރޫއުތަކެއް ހިންގާނެ ކަމަށް ލަފާ ކުރެވޭތީ ދަރަނި ބޮޑުވާނެ އެވެ. ނަމަވެސް ރާއްޖޭގެ ޓޫރިޒަމަށް އަންނަ ތަރައްގީގެ ސަބަބުން އިގްތިސޯދު ރަނގަޅުވާނެ އެވެ.

މޫޑީސްއިން ރާއްޖެއާބެހޭ ގޮތުން އަލަށް ނެރުނު ރޭޓިންގައި އާ ސަރުކާރުން ރާއްޖެއަށް ގެންނަ ބަދަލުތައް ފާހަގަ ކޮށްފައިވެ އެވެ. މިގޮތުން ދައުލަތުގެ ހިންގުން ހަރުދަނާ ކުރުމާއި ގާނޫނުތައް ހަރުދަނާ ކުރުމުގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވަން ކުރަމުން ގެންދާ މަސައްކަތް ފާހަގަ ކޮށްފައިވެ އެވެ.

މޫޑީސް އިން އެންމެ ފުރަތަމަ ރާއްޖެ ރޭޓް ކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު ދީފައިވަނީ "ބީޓޫ" އެވެ. ނަމަވެސް ގިނަ މަޝްރޫއު ތަކެއް ހިންގުމަށްޓަކައި ލޯނު ނެގުމުގެ ސަބަބުން ދަރަނި ބޮޑުވާނެ ކަމަށް ބަލައި އެ ކުންފުނިން ވަނީ މިދިޔަ އަހަރު ރާއްޖޭގެ ރޭޓިން "ބީޓޫ ނެގެޓިވް" އަށް ބަދަލު ކޮށްފަ އެވެ.

މި ރޭޓިން އާއްމު ކުރުމަށްފަހު އެ ކުންފުނިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ "ރޭޓިންގެ އައުޓްލުކް" ނޫނީ ރޭޓިންގެ ހުލާސާ ސްޓޭބަލް އިން ނެގެޓިވް ނޫނީ ދަށް ކެޓަގަރީއަކަށް ބަދަލު ކުރަން ޖެހުނީ ސަރުކާރުން ނަގަމުން އަންނަ ބޮޑެތި ލޯނުތަކުގެ ސަބަބުން ދަރަނި ބޮޑުވެ އެކަމުގެ ސަބަބުން އުފުލަން ޖެހޭ ބުރަ އިންތިހާއަށް ބޮޑުވަމުން އަންނާތީ ކަމަށެވެ. މޫޑީސް އިން ބުނި ގޮތުގައި އެ ޖަމާއަތުން ލަފާ ކުރަނީ ބޮޑު ދަރަނީގެ ބުރަ ކުރިއަށްއޮތް 10 ވަރަކަށް އަހަރު ރާއްޖެ އިން އުފުލަން ޖެހޭނެ އެވެ.

ރާއްޖޭގެ އިންވެސްޓާ ކޮންފިޑެންޑް އިތުރު ކުރުމުގެ ގޮތުން ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން ހަދަން ފެށީ ނިމިދިޔަ ސަރުކާރުގަ އެވެ. މި މަސައްކަތް ހަވާލު ކޮށްފައި ވަނީ "އޭޖެންސީ ފިޗް ރޭޓިންގް" އާއި "މޫޑީސް އިންވެސްޓާސް" އާ އެވެ. ފިޗުން ވެސް ވަނީ މި އަހަރު އާ ރޭޓިންއެއް ނެރެ އެވެ. މި އަހަރު މެއި މަހު ނެރުނު ރޭޓިގައި ރާއްޖެއަށް ދީފައިވަނީ މިދިޔަ އަހަރު ވެސް ދީފައިވާ "ބީ ޕްލަސް" އެވެ.