ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކޮންސަލްޓެންޓަކު ހޯދަން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ސަރުކާރު ކުންފުނިތަކުގެ ކަންކަން ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ތަރައްގީކުރުމަށް ކުރަންޖެހޭ ކަންތައްތަކާއި ގުޅޭ ގޮތުން ކޮންސަލްޓަންސީ ދޭނެ ފަރާތައް ހޯދަން ބޭނުންވާ ކަމަށެވެ.
ކޮންސަލްޓެންޓަކު ހޯދަނީ ދިވެހިންނަށް ވެސް އަދި ބޭރު މީހުންނަށްވެސް އެ މަގާމަށް ކުރިމަތިލެވޭ ގޮތަށެވެ.
އިއުލާންގައިވާ ގޮތުން މިކަމަށް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ބިޑު އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެ ގޮތުން ފުރަތަމަ މަރުހަލާގައި ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރުް)ގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ބަލައި ޓެކްނިކަލް އިވެލުއޭޝަނުން 80 ޕަސަންޓަށް ވުރެ މަތިން މާކްސް ހޯދާ ބޭފުޅުންނަށް، އެ ބޭފުޅުން ހުށެހެޅި އަގުގެ ތެރެއިން މަސައްކަތަށް ހޮވިގެންދާނީ އެންމެ ކުޑަ އަގު ހުށަހަޅާ ބޭފުޅެކެވެ.
ކޮންސަލްޓެންޓަކަށް ޝައުގުވެރިވާ މީހުން ޓީއޯއާރް ހުށަހަޅަންޖެހެނީ ކުރިއަށް އޮތް ޑިސެމްބަރު 11 ވަނަ ދުވަހު އެެވެ. އެކަމަކު ޑިސެމްބަރު ފަހެއްގެ ކުރިން ކަމާ ގުޅޭ މައުލޫމާތު ސާފުކުރަން ޖެހެ އެވެ.
ސަރުކާރު ހިއްސާވާ 32 ކުންފުންޏެއް އޮތް އިރު ގިނަ ކުންފުނިތަކަކީ އެއްވެސް ފައިދާ ނުލިބޭތީ ދައުލަތުގެ ބަޖެޓުން ފައިސާ ދީގެން ހިންގަމުންދާ ކުންފުނިތަކެކެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކޮންސަލްޓެންޓަކު ހޯދަން އިއުލާންކޮށްފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ގިނަ ކުންފުނިތަކަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަންކޮށްފައި ވަނިކޮށެވެ.\