ހަބަރު

ރާއްޖެއިން ރުވާންޑާއާ ސިޔާސީ ގުޅުން ގާއިމުކޮށްފި

ދިވެހިރާއްޖެ އާއި ރުވާންޑާ އާ ދެމެދު ސިޔާސީ ގުޅުން މިއަދު ގާއިމުކޮށްފިއެވެ.

ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރުމަށްޓަކައި، އެކުލަވާލެވުނު ގުޅިފައިވާ ބަޔާނުގައި ސޮއިކުރުންއޮތީ، ނިއުޔޯކުގައި ހުންނަ ރުވާންޑާގެ ދާއިމީ މިޝަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ، ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެއިން އެވެ. ރުވާންޑާގެ ފަރާތުން ސޮއިކުރެއްވީ ރުވާންޑާއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ވެލެންޓައިން ރުގްވަބިޒާ އެވެ.

ރާއްޖެއާއެކު ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ގައުމުތަކާއެކު ޚާރިޖީ ގުޅުންތައް ގާއިމުކޮށް، ރާއްޖެއަކީ ބޭރު ގައުމުތަކުން ބަލައިގަންނަ ގައުމަކަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ހުޅުވާލެވިފައިވާ ހާރިޖީ ސިޔާސަތުގެ މުހިންމު އެއް އަމާޒުކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިގޮތުން، ރުވާންޑާއާ އެކު ސިޔާސީ ގުޅުން ގާއިމުކުރެވުމުން، ރާއްޖެއާއެކު ސިޔާސީ ގުޅުން އޮންނަ ގައުމުތަކުގެ އަދަދަކީ މިހާރު 172 އެވެ. އަދި މިއީ މި ސަރުކާރުގައި ސިޔާސީ ގުޅުން ގާއިމުކުރެވުނު ދެވަނަ ގައުމެވެ.

ރުވާންޑާ އަކީ ކޮމޮންވެލްތުގެ ގައުމެކެވެ. އަދި 2020 ވަނަ އަހަރުގެ ކޮމޮންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީވެސް ރުވާންޑާގެ ވެރިރަށް ކިގާލީގައެވެ.