އެއް އިރެއްގައި ފަންނުވެރި ގިނަ ފަންނާނުންތަކަކަށް ފިލްމީ ދާއިރާގެ ދޮރު ހުޅުވާލަދިން މި މުބާރާތެއް އަލުން މުތާލިއާކޮށް އެންސީއޭ އިން މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ބޭއްވި އެންމެ ބޮޑު އެއް ސަބަބަކީ އެކްޓަރުންގެ ހަނަފަސްކަމެއް ކުރިމަތިވެފައި އޮތް ފިލްމީ ދާއިރާ އަށް އާ މޫނުތަކެއް ތައާރަފްކުރުމެވެ.
އެންމެ ފަހުން މި މުބާރާތެއް މި ވަނީ ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސް އޭގައި ވަނަތައް ހާސިލުކުރި ފަރާތްތަކަށް ފައިސާގެ އިނާމު ވެސް ދީފަ އެވެ. އެންމެ މޮޅު ޑްރާމާގެ އެވޯޑް ހާސިލުކުރި، ހައުސިން މިނިސްޓްރީގެ "އެއް ފަސް" ޑްރާމާ އަށް 50،000ރ. ގެ އިނާމެއް ލިބުނުއިރު އެންމެ މޮޅު ބަތަލް އަދި ބަތަލާ އަށް ވެސް އިނާމެއްގެ ގޮތުގައި 15،000ރ. ދިނެވެ.
ސަޕޯޓިން އެކްޓަރުންގެ ގޮތުގައި ވަނަ ގެންދިޔަ އެކްޓަރާއި އެކްޓްރެސް އަށް 10،000ރ. އިނާމެއް ދިނެވެ.
އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ކަނޑައެޅިގެން މި މުބާރާތް ބޭއްވިއިރު މުބާރާތުގެ ޓެކްނިކަލް މަސައްކަތް ޖަޖުނުކޮށް މުބާރާތުގައި ބައިވެރިވި އެކްޓަރުންނަށް ހަމައެކަނި މުބާރާތުގެ ވަނަތައް ހާއްސަކޮށްފައި އޮތުމުގެ ބޭނުމަކީ ވެސް ފިލްމު ކުޅެވޭ ފެންވަރުގެ އެކްޓަރުންތަކެއް މި މުބާރާތް މެދުވެރިކޮށް ފިލްމީ ދާއިރާ އަށް ތައާރަފްކޮށް ދިނުމެވެ.
ވަޅުލެވިފައި އޮތް މުބާރާތް އަލުން ޓީވީ އަށް ގެނެސްދިނުމަށް އެންމެ އިސްކޮށް މަސައްކަތްކުރެއްވި އެންސީއޭގެ ކޯޑިނޭޓަރު އަބްދުﷲ މުއާޒު ވިދާޅުވީ މުބާރާތަށް ކަނޑައެޅި މަގުސަދު ހާސިލުވެއްޖެ ކަމަށާއި މިހާރު ބޯޅަ އޮތީ ފިލްމީ ދާއިރާގައި ތިބި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ އަތުގައި ކަމަށެވެ.
"އަބަދުވެސް އަޑު އިވެނީ ފިލްމީ ދާއިރާ އަށް ނުކުންނާނެ ފުރުސަތުތަކެއް އާ ފަންނާނުންނަކަށް ނުލިބެޔޭ ބުނާ އަޑު. އެހެންވީމަ އަޅުގަނޑުމެން މި ފަހަރު މި ވަނީ ފިލްމީ ދާއިރާ އަށް ހުނަރުވެރި އާ ތަރިންތަކެއް ތައާރަފްކޮށްދީފައި،" އެކްޓަރެއްގެ ގޮތުގައި ވެސް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ މުއާޒް ވިދާޅުވި އެވެ.
ނަމަވެސް މިހައި ހިސާބުން އުފެދޭ ސުވާލަކީ އޮފީސްތަކުގައި ތިބި މި ހުނަރުވެރި "އެކްޓަރުން" ގެ ކިބައިގައި ފިލްމު ކޮލިޓީ އެބަހުރި ތޯ އާއި ފިލްމު ކުޅުމުގެ ޝައުގުވެރިކަން އެމީހުންގެ ކިބައިގައި އެބަހުރިތޯއާ މެދު ކުރެވޭ ސުވާލެކެވެ.
އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތަކީ މިއަދު ފެންނަން އޮތް ފިލްމީ ދާއިރާގެ ލޭނާރޭ ވެސް ބުނެވިދާނެ އެވެ. މިސާލަކަށް މަޝްހޫރު ޑައިރެކްޓަރުން ކަމުގައިވާ އަބްދުލް ފައްތާހު އާއި އަމްޖަދު އިބްރާހީމް އަދި މަޝްހޫރު އެކްޓަރުން ކަމުގައިވާ ކޮޕީ އިސްމާއީލް ރަޝީދު އާއި މުހައްމަދު މަނިކު އަދި މަޝްހޫރު ސްކްރީންރައިޓަރު މަހުދީ އަހުމަދު ފަދަ ފަންނާނުންނަކީ ސީދާ އޮފީސް ޓެލެޑްރާމާ މުބާރާތުން މި ދާއިރާ އަށް ފައްކާކޮށްފައިވާ އާޓިސްޓުންނެވެ.
އެހެންވީމަ މި ކޮލިޓީ ނުވަތަ މި ފެންވަރުގެ އުއްމީދެއް ކުރެވޭ އާ ތަރިންތަކެއް މިފަހަރު ފެނިގެން ދިޔަތޯ އެވެ؟
ސްކްރީންރައިޓަރު އަދި މިފަހަރުގެ މުބާރާތުގެ ޖަޖެއްގެ ގޮތުގައި ވެސް މަސައްކަތްކުރި މަހުދީ ބުނީ މެދުކެނޑުމަކަށް ފަހު އާ މޫނުތަކަކާ އެކު އޮފީސް ޓެލެޑްރާމާ މުބާރާތް އެނބުރި އަޔަސް މިއީ ވަރަށް ހުނަރުވެރި ތާޒާ މޫނުތަކެއް ތައާރަފްކުރި މުބާރާތެއް ކަމަށެވެ. ތަރިންގެ ހުނަރާއި އެމީހުންގެ ޑެޑިކޭޝަން ވެސް މަހުދީ ފާހަގަކުރި އެވެ.
"މި މުބާރާތުން ވެސް ޕޮޓެންޝިއަލް ފެނުނު. މިސާލަކަށް އެންމެ މޮޅު އެކްޓަރަކަށް ހޮވުނު އެންވަޔަރޮމަންޓް މިނިސްޓްރީގެ ހަސަން އަބްދުލް ކަރީމްގެ ނަން ގޮވައިގެން އެވޯޑާ ހަވާލުވާން ދިޔައިރު އެއީ އޭނަކަން ވެސް ނޭނގުނު އަސްލު. މި ދަންނަވާލީ ޑްރާމާގައި ކުޅުނު ކެރެކްޓާ އަށް އޭނާ ތައްޔާރުވެފައި ހުރީ އަސްލަށް އޭނާ ފާހަގަކުރަން ނޭނގޭހާ ވެސް މޮޅަށޭ،" ފިލްމީ ދާއިރާގެ އެންމެ މަޝްހޫރު އަދި އެންމެ ޑިމާންޑްބޮޑު ސްކްރީންރައިޓަރުގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ މަހުދީ ބުންޏެވެ.
މަހުދީ ބުނީ އެކްޓިން ކެޓަގަރީތަކުން ވަނަތައް ގެންދިޔަ ބައެއް މީހުންނަކީ ފިލްމީ ދާއިރާ އިން ވެސް ނުފެންނަހާ މޮޅު ކުދިން ކަމަށެވެ.
"އެގޮތުން ސަޕޯޓިން އެކްޓްރެސްގެ މަގާމު ގެންދިޔަ އެމްއެންޑީއެފްގެ އީނާޒް ހުސައިން އެމީހުންގެ ޑްރާމާގައި ދެއްކި ވަރުގެ ޕާފޯމެންސެއް ނެތް އަޅުގަނޑަކަށް ފެނިފައި ފިލްމީ ދާއިރާއިން ވެސް. އަދި އޭނާ އެވޯޑް ގެންދިޔައީ ވެސް އެންމެ ހަތަރު މިނެޓްގެ މަންޒަރެއް ކުޅެގެން."
މަހުދީގެ މި ވާހަކަ މުއާގެ ހިޔާލާ ވެސް އެއްގޮތެވެ. މުއާ ވެސް ބުނީ ފިލްމީ ދާއިރާގައި މި ވަގުތު ހަރަކާތްތެރިވާ ބައެއް އެކްޓަރުންނަށް ވުރެ މޮޅު ކުދިން ޑްރާމާ މުބާރާތުން ފެނިގެން ދިޔަ ކަމަށެވެ.
"މުޅިން އާ މޫނުތަކެއް ފެނިގެން މި ދިޔައީ މިފަހަރު. އެކަމަކު ވަރަށް މޮޅު ކުދިން ވެސް ފެނިގެން ދިޔަ،" މުއާ ވިދާޅުވި އެވެ.
"ފާހަގަކޮށްލަން ބޭނުންވޭ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަންނާނުންނަށް ވުރެ ވެސް މޮޅު ކުދިން މިފަހަރު ފެނިގެން ދިޔަކަން. މިސާލަކަށް އެންމެ މޮޅު ބަތަލާގެ އެވޯޑް ގެންދިޔަ ފެނަކަ ކޯޕަރޭޝަންގެ އަޒުލިފާ އަކީ ވެސް އާދަޔާހިލާފަށް މޮޅު ކުއްޖެއް."
އެންމެ މޮޅު ޑްރާމާގެ ޑައިރެކްޓްކުރި ރަވީ ފާރޫގް ވެސް ބުނީ މިފަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތަކީ ހުނަރުވެރި އާ އެކްޓަރުންތަކެއް އުފެއްދި މުބާރާތެއް ކަމަށެވެ. ނަމަވެސް އޭނާ ކުރާ ސުވާލެއް އެބައޮތެވެ.
"އެކްޓަރުންތަކެއް އުފެދިއްޖެ މީގެ ސަބަބުން. އެކަމަކު ސުވާލު އުފެދެނީ އެ މީހުންގެ ހިތުގައި މިކަމަށް، އެކްޓްކުރަން އިންޓްރެސްޓް އުފެއްދިއްޖެތޯއާ މެދު؟،" ފިލްމީ ދާއިރާ އިން ފާހަގަކޮށްލެވޭ ޑައިރެކްޓަރު ރަވީ ބުންޏެވެ.
"ފިލްމީ ދާއިރާ އަށް އިންޓްރެސްޓް ހުންނަ ބަޔަކު އުފެއްދިދާނެ މި މުބާރާތުން. އެކަމަކު ފިލްމު ކުޅެން ޝައުގުވެރިވާ ބަޔަކު އުފެއްދިދާނެތޯ، އެއީ އުފެދޭ ސުވާލެއް."
މިގޮތަށް ވާހަކަ ދައްކަމުން ރަވީ ބުނީ ކުރީގެ މުބާރާތްތަކުން އެކްޓަރުން އުފެދުނު ގޮތް ތަފާތު ކަމަށާއި އޭރު ރާއްޖެ އޮތް ގޮތާއި މީހުންގެ ފިކުރު ހުރި ގޮތް ވެސް މިހާރާއި ވަރަށް ތަފާތު ކަމަށެވެ.
"ކުރިން އޮފީސް ޑްރާމާތަކުން އުފެދުނު އެކްޓަރުންނާއި ޑައިރެކްޓަރުން އުފެދުނު ގޮތަކީ އެމީހުން އެމީހުން އޭރު މަސައްކަތްކުރި އޮފީސްތަކުގެ ވަޒީފާތައް ދޫކޮށް މިކަމަށް ހުސްވީ. އެގޮތަށް މި މުބާރާތުގެ އެކްޓަރުން ފިލްމު ކުޅެން ހުސްވެދާނެއެކޭ ބުނާކަށް އަދި ނޭނގޭ،" ރަވީ ބުންޏެވެ.
"ފިލްމީ ދާއިރާ އަށް ވަދެ ފިލްމު ކުޅެން މާ ބޮޑު ޝައުގުވެރިކަމެއް ނެތް އަޅުގަނޑު މަސައްކަތްކުރި ޓީމުގައި. އެކަމަކު އުޅޭ ފިލްމެއްގައި ތަންކޮޅެއް ކުޅެލަން ބޭނުންވާ ކުދިން. މިސާލަކަށް ހަމައެކަނި އެކަން ތަޖުރިބާކޮށްލުމުގެ ގޮތުން."
ރަވީ ބުނީ ގިނަ މީހުންނަކީ ދިރިއުޅުމަށް އެތައް ވަޒީފާއެއް އަދާކުރަން ޖެހޭ ބަޔަކަށްވާއިރު ބިޒީކޮށް އުޅޭ ވަޒީފާ ދޫކޮށްލާފައި ފިލްމު ކުޅެން ވަގުތު ހުސްކުރުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
"ކުރިން އޮފީސް ޑްރާމާ އިން ފިލްމީ ތަރިން އުފެދުނަސް މިހާރު އެގޮތަށް ނުއުފެދިދާނެ. އެއީ އޭރާއި މިހާރު ރާއްޖޭ އޮތް ގޮތް މީހުންގެ ވިސްނުން ވަރަށް ބޮޑަށް ތަފާތުވެފައި މި އޮތީ،" ރަވީ ބުންޏެވެ.
"ހުނަރުގެ ގޮތުން މޮޅު އެކްޓަރުންތަކެއް މި ޑްރާމާތަކުން ފެނިގެން ދިޔަޔަސް ފިލްމެއް ކުޅެލަން އެ މީހުން ތައްޔާރުތޯ ނުވަތަ ބޭނުންވޭތޯ އެއީ ސުވާލެއް. އެކަމަކު މި ޑްރާމާ މުބާރާތުގެ ސަބަބުން މި ވަނީ ދިވެހި ފިލްމު ބަލާނެ ނުވަތަ ދިވެހި ފިލްމުތަކަށް ޝައުގުވެރިވާ އާ އޯޑިއެންސެއް ލިބިފައި."
ކޮންމެއަކަސް މިއީ ބައެއް މީހުންގެ ހިޔާލު ހުރި ގޮތެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހެނީ ނުވަތަ އަލަށް ތައާރަފްކޮށް އަންނަ އަހަރު ވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި މުބާރާތް ޕޮޒިޓިވްކޮށް ނަގަން ޖެހޭ ސަބަބަކީ އެއްވެސް ކަމެއް ރެއާއިދުވާލުން ހާސިލުނުވާނެތީ އެވެ.
"ބޮޑު މެދުކެނޑުމަކަށް ފަހު އައިސް މިފަހަރުގެ މުބާރާތުން ވަރަށް މޮޅު ދެ އެކްޓަރުން ފެނުމަކީ ވެސް ވަރަށް ބޮޑު ކުރިއެރުމެއް. ފުރަތަމަ ފަހަރަކުން ނުލިބޭނެ 100 އެކްޓަރުންނެއް. ނޫނީ މުޅި ފިލްމީ ދާއިރާ އާކޮށްލެވޭ ފެންވަރުގެ ކުދިންނެއް،" މުއާޒް ވިދާޅުވީ މިހެންނެވެ.
އެއީ ތެދެކެވެ. ކޮޕީ އިއްސޭމެމްނާއި އެފަދަ އެ ފެންވަރުގެ އެހެން ފަންނާނުން ވެސް އޮފީސް ޓެލެޑްރާމާ މުބާރާތުން އުފެދުނީ އެންމެ ފަހަރެއްގެ މަސައްކަތަކުންނެއް ނޫނެވެ.
އެހެންވީމަ މި ޑްރާމާ މުބާރާތް ކުރިއަށްދާ ވަރަކަށް ފިލްމީ ތަރިން އުފެދެމުން ދާނެ ކަމަށް ގަބޫލުކޮށް ދެ ލޯ މަރާލަމާ ހިނގާށެވެ.
އަންނަ އަހަރުގެ މުބާރާތަށް އޮތް އުފާވެރި ޚަބަރަކީ ޑްރާމާތަކުގެ ދިގުމިން އިތުރުކުރުމެވެ. މުއާޒް ވިދާޅުވަނީ ދެން ފެނިގެންދާނީ 45 މިނެޓާއި 50 މިނެޓާ ދެމެދުގެ ދިގުމިނުގެ ޑްރާމާ ކަމަށެވެ.