ފިނިޕޭޖް

"ބަވަތި" ރިވިއު: ފިލްމުގައި ވަނީ ކިހިނެތްކަން އެނގޭތަ؟

ޓީވީ ޕްރޮޑިއުސަރު އިލްޔާސް ވަހީދު (އިއްލެ) ގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި އޮލިމްޕަހުގައި ދައްކަން ފަށާފައި ވަނީ މިިދިޔަ ހޯމަ ދުވަހުގެ ރޭގަ އެވެ. އޭގެ ފަހުން ބެލުންތެރިންގެ ތަރުހީބަކާއެކު "ބަވަތި" ގެ ޝޯތައް އޮލިންޕަހުގައި ދަނީ ދައްކަމުންނެވެ.

މިހާތަނަށް ފަސް ޝޯ ދައްކާފައިވާއިރު، ފިލްމު ބެލި ގިނަ ބަޔަކު ވަނީ މިއީ މޮޅު ފިލްމެއްކަން ފާހަގަ ކޮށްފަ އެވެ. ޚާއްސަކޮށް ފިލްމު އުފައްދާފައި ވަނީ ވަރަށް މުހިންމު އިބްރަތެއް ލިބޭ ގޮތަށްކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ފިލްމުގައި ވަނީ ކިހިނެތް؟

"ބަވަތި" އިޝްތިހާރު ކުރަން ފެށުމާއެކުވެސް އެންމެ ގިނަ ބަޔަކު ކުރި އެއް ސުވާލަކީ މިއީ އެވެ. ފިލްމުގައި ވާނީ ކިހިނެތް ހެއްޔެވެ. މިއީ ބިރުވެރި ފިލްމެއް ހެއްޔެވެ. ނޫނީ ހިތާމަވެރި ފިލްމެއް ހެއްޔެވެ.

އެންމެ ފުރަތަމަވެސް ބުނަން އޮތީ މިއީ ސައިކޮލޮޖިކަލް ތްރިލާ ޖޯންރާ އުފައްދާފައިވާ ފިލްމެކެވެ. ސަސްޕެންސް ބޮޑު ފިލްމެކެވެ. ފިލްމުގައި ވާނީ ކިހިނެތްކަން ބެލުމަށް ދިގު އިންތިޒާރެއް ކުރަންޖެހޭ ފިލްމެކެވެ. ފިލްމުގައި ހަގީގަތުގައިވާ ގޮތް އެނގެނީ އެންމެ ފަހު ވަގުތުކޮޅެވެ.

ނަމަވެސް ފާހަގަ ކޮށްލަންޖެހޭ ކަމަކީ ފިލްމުގެ ކޮންމެ މަންޒަރެއް ވެސް އަނެއް މަންޒަރާ ގުޅިފައިވާ މިންވަރެވެ. ފިލްމުގެ ވާހަކަ ގެނެސްދީފައިވަނީ ވެސް އެހާވެސް ފުރިހަމައަށެވެ. ފޫހި ކަމެއްނެތި، ފިލްމުގައިވާ ވާގޮތަކަށް އިންތިޒާރު ކުރެވޭ ކަމެވެ.

"ބަވަތި" ބަލަމުންދާއިރު ވެސް މިއީ ބިރުވެރި ފިލްމެއްތޯ ނުވަތަ އެހެން ރަހައެއްގެ ފިލްމެއްތޯ ސުވާލު އުފެދެއެވެ. ނަމަވެސް މުޅި ފިލްމު ނިމުމުން މިއީ ވަރަށް އިބްރަތްތެރި މެސެޖެއް ލިއްބައިދޭ މޮޅު ފިލްމެއްކަން އިހުސާސް ކޮށްލެވޭނެ އެވެ.

ދެން އޮތީ ފިލްމުގައިވާ ގޮތެވެ. ފިލްމުގައި އެންމެ މުހިންމު ދެ ތަރިންނަކީ ނުޒޫއާ އިފްނާޒެވެ. ފިލްމުގައި ނަމަ ޝެހެނާޒްއާއި އިބޫ އެވެ.

އިބޫއަކީ ޝެހެނާޒް ދިރިއުޅޭ ރަށައް ފިޓްނަސް ކްލާސްތަކެއް ނަގައިދޭންދާ ޒުވާނެކެވެ. ޝެހެނާޒަކީ އޭރުވެސް ރަށު މީހުންގެ ނަފުރަތު ވަރަށް ބޮޑަށް އަމާޒުވެފައިވާ މީހެކެވެ. ރަށުގެ ގިނަ ބައެއްގެ ނަޒަރުގައި އެއީ ފޮނި، ކިބުރުވެރި އަދި ބޮޑާ މީހެކެވެ. އެކަން އެހެންވަނީ ޝެހެނާޒް ރީތިވުމުން ކަމަށް އެމީހުން ދެކެއެވެ.

ނަމަވެސް ހަގީގަތަކީ އެއް ނޫނެވެ. ހަގީގަތް އެއަށްވުރެ މާ ހިއްޗެވެ. ޝެހެނާޒްގެ ބައްޕައަކީ ޕެރެލައިޒްވެފައިވާ މީހެކެވެ. އެއްގޭގައި އުޅުނު ނަމަވެސް ޝެހެނާޒްގެ މަންމައާ ބައްޕައާ ގުޅުމެއް ނެތެވެ. ބައްޕަ ބަލަނީ ގޭގައި ގެންގުޅޭ ބޭރުގެ މީހެކެވެ. ޝެހެނާޒްގެ މަންމަ އުޅެނީ ހިލޭ ފިރިހެނަކާއެކު އެވެ. އެކަމާ ގުޅިގެން ދެމައިންގެ ގުޅުން ވެސް ގޯހެވެ. ނަމަވެސް އެއީވެސް އަސްލު ހަގީގަތެއް ނޫނެވެ. އެކަން އެހެން ދިމާވީ ކިހިނެތްކަން ވެސް އެނގެނީ މާ ފަހުންނެވެ.

ޝެހެނާޒްއާ އިބޫ ކައިވެނިކޮށް މާލެއަށް ބަދަލު ވެއެވެ. އެހާ ހިސާބުން ގޮތް ނޭންގޭ ވަރަށް ގިނަ ކަންކަން ޝެހެނާޒްއަށް ކުރިމަތި ވެއެވެ. އަދި އެކަންކަމުގެ ހައްލު ހޯދުމުގެ މަސައްކަތް ފަށައެވެ. ހިތާ ދެކޮޅަށް ނަމަވެސް ފަންޑިތަ ހަދައެވެ. އަދި ފަހުން ޑޮކްޓަރީ ފަރުވާ ވެސް ހޯދައެވެ. ފިލްމުގައި މައްސަލަތަކާއި، މައްސަލަތަކަށް ހައްލު ހޯދާގޮތް ވަރަށް ފުރިހަމައަށް ގެނެސްދީފައި ވެއެވެ.

ދެން އޮތީ ބެލުންތެރިންގެ ބައެވެ. "ބަވަތި" ގައި އަސްލުވާ ގޮތް ބަލަން ސިނަމާއަށް ދާން ޖެހެއެވެ.

އެންމެ ފާހަގަ ކޮށްލެވެނީ ވާހަކަ

"ބަވަތި" ލިޔެފައިވާ ޑައިރެކްޓަރު އިލްޔާސް ވަހީދެވެ. ފިލްމު ބެލި ގިނަ ބަަޔަކު ވަނީ ވާހަކައިގެ މޮޅުކަން ފާހަގަ ކޮށްފަ އެވެ. ޚާއްސަކޮށް ފިލްމުގައި ބޭކާރު ވާހަކަތައް ނެތްކަން ފާހަގަ ކޮށްލެވެ އެވެ.

އަދި މުޅި ސްކްރީންޕްލޭގައި ވެސް ސަސްޕެންސް ހިފަހައްޓާފައިވާ މިންވަރު ވަރަށް ބޮޑަށް ފާހަގަ ކޮށްލެވެ އެވެ. ކްލައިމެކްސްއާ ހަމައަށް ވެސް ދެންވާނީ ކިހިނެތްތޯ ސުވާލުކޮށްލަ ކޮށްލާ އިންނަންޖެހުން އެއީ ވާހަކައިގެ މޮޅުކަން އަންގައިދޭ ހެއްކެކެވެ.

މީގެ އިތުރުން ދޭތެރެ ދޭތެރެއިން އަންނަ ހެއްވާ މަޖާ ޑައިލޮގުތަކުން އިތުރު ފުރިހަމަ ކަމެއް ވަނީ ގެނެސްދީފައެވެ. ތެޅިތެޅި އޮންނަ ހިތަށް އެކަހަލަ ޑައިލޮގްތަކުން ހިތްހަމަޖެހުމެއް ގެނެސް ދެއެވެ.

އެކްޓިންގެ ފުރިހަމަކަން

ފިލްމުގައި ހިމެނޭ ތަރިންގެ ތެރެއިން ނުޒޫ އާއި ދަރާ ރަޝީދު ފިޔަވައި ދެން ތިބީ މުޅިން ވެސް އާ ތަރިންނެވެ. ނަމަވެސް މިއީ ގިނަ އަދަދަކަށް އާ ތަރިން ބައިވެރިކޮށް އުފައްދާފައިވާ ފިލްމެއް ކަމުގެ އިހުސާސެއް ނުކުރެވެ އެވެ. އެކްޓަރުންގެ އެކްޓިން ރަނގަޅެވެ. ވަރަށް ގިނަ ބެލުންތެރިން ވަނީ ފިލްމުގައި ނުޒޫގެ އެކްޓިން މޮޅުކަން ފާހަގަކޮށް ތައުރީފު ކޮށްފަ އެވެ. ޚާއްސަކޮށް ކްލައިމެކްސްގައި ނުޒޫގެ ކުޅަދާނަކަން ވަރަށް ބޮޑެވެ. ވަރަށް ރިއަލްކޮށް މަންޒަރުތައް ވަނީ ގެނެސްދީފައެވެ.

އަދި އަލަށް ބޮޑު ފިލްމަކުން ފެނިގެންދިޔަ އިފްނާޒުގެ އެކްޓިންއަށް ވެސް ބެލުންތެރިން ތައުރީފު ކޮށްފައި ވެއެވެ. މީގެ އިތުރުން ދަރާ ރަޝީދު އަދި ފާތުންގެ އެކްޓިން ވެސް ފާހަގަ ކޮށްލެވެއެވެ.

ވީޑިއޯ މަސައްކަތް އަދި މޭކަޕް

ފިލްމުގައި ހިމެނޭ ސްޕެޝަލް އިފެކްޓްސްތަކުގެ ފުރިހަ މަކަމީ ފިލްމު ރީތިވުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެކެވެ. އޯކޭޒްގެ ފަރާތުން އެކަން ކޮށްފައިވަނީ ތައުރީފު ހައްގު މިންވަރަކަށެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ރާއްޖޭގައި އުފެއްދި ފިލްމެއްގައި މި ފެންވަރަށް މަންޒަރުތައް ގެނެސްދިން ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން "ބަވަތި" ޝޫޓްކޮށްފައިވާ ކާށިދޫގެ ހިތްގައިމު މަންޒަރުތަކުން ފިލްމަށް ވަރަށް ބޮޑު ފުރިހަމަ ކަމެއް ލިބިފައި ވެއެވެ.

"ބަަވަތި" ޚާއްސަވާ އަނެއް ކަމަކީ ފިލްމުގެ މޭކަޕެވެ. ޚާއްސަކޮށް ނުޒޫ ބައެއް މަންޒަރުތަކުގައި ދައްކައިދީފައި ވަނީ ވަރަށް ތަފާތުކޮށެވެ. އަސްލާ އެއްގޮތަށް ކަންކަން ގެނެސްދިނުމަށް މޭކަޕް އާޓިސްޓް ރުތުބާ ކޮށްފައި ވަނީ މޮޅު މަސައްކަތެކެވެ. ފިލްމު ބެލި އެންމެ ގިނަ ބަޔަކު ރުތުބާގެ ވާހަކަ ދައްކަނީވެސް އެހެންވެގެނެވެ. އެކަން ޔަގީން ކޮށްލަން ފިލްމު ބަލާލަން ދިއުން މުހިންމެވެ.

ފާހަގަ މިކޮށްލެވުނީ "ބަވަތި" ޚާއްސަވާ ބައެއް ސަބަބުތަކެވެ. މިއަށްވުރެ މާ ތަފްސީލްކޮށް މި ވާހަކަތައް އަސްލު ދައްކަންޖެހެއެވެ. ނަމަވެސް ފިލްމުގެ ސަސްޕެންސް ހިފަހައްޓަން އިތުރަށް އެ ވާހަކަ ދެއްކެއް ނެތީއެވެ.

ޔަގީނުން ވެސް މިއީ މިއަހަރު ސްކްރީން ކުރެވުނު އެންމެ ތަފާތު ފިލްމެވެ. އެންމެ މޮޅު އެއް ފިލްމެވެ.