ރިވިއު

"ދަޅަކް" ރިވިއު: "ސައިރާތު" ފަހަތަށް ޖައްސައެއް ނުލެވުނު!

"ފިލްމު ކަމަކުނުދޭ. ރަނގަޅު ރިވިއުތައް އެއީ ފައިސާ ދީގެން އެމީހުން ލިޔުއްވާފައި. ސްރީދޭވީގެ ދަރިފުޅު ވީމަ، އޭނާ މަޝްހޫރު ކުރުވަން،"، "ސައިރާތަށްވުރެ މި ފިލްމު ކަޑަ،" މިއީ ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައި އެޅުވި ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ގެނެސްދިން ފިލްމު "ދަޅަކް" ގެ ޝޯއެއް ނިންމާލުމަށްފަހު ސިނަމާ ހޯލުން ބޭރަށް ނިކުންނަމުންދިޔަ އިރުގައި އެކި މީހުންގެ ތުންތުންމަތިން އިވެމުންދިޔަ ވާހަކަތަކެވެ.

މި ފިލްމަކީ 2016 ވަނަ އަހަރު ނިކުތް އިންޑިއާގެ މަރާޓީ ފިލްމު "ސައިރާތު" ގެ އެޑަޕްޓޭޝަނެކެވެ. މީހުންގެ ވާހަކަތައް ހުރި ގޮތުން މި ފިލްމު ވަނީ "ސައިރާތު" އާއި އެއް ވަރަށް ފިލްމު ގެނެސްދިނުމަށް ނުކުޅެދިފަ އެވެ. މި ވާހަކަތައް އިވެން ފެށުމުން އެންމެފަހުން މީގެ ހުރި ތެދެއް ބަލަން އަހަރެންވެސް "ސައިރާތު" އަޅުވާލީމެވެ. ނެޓްފްލިކްސް އިން މި ފިލްމު ބާލާލެވެ އެވެ. މި ފިލްމަކީ މަރާޓީ ފިލްމުތަކުގެ ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާއި އެންމެ އުހުގައި އޮތް ފިލްމެވެ.

"ދަޅަކް" އަކީ ބޮލީވުޑްގެ ސުޕަސްޓާރު އެކްޓްރެސް ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރް ބޮލީވުޑަށް ތައާރަފުވި ފިލްމެވެ. ފިލްމުގެ ލީޑު ބަތަލާގެ ރޯލުން ފެނިގެންދިޔަައީ އޭނާ އެވެ. އަދި ބަތަލްގެ ރޯލުން ފެނިގެންދިޔައީ މީގެ ކުރިން ފިލްމެއްގައި މަސައްކަތްކޮށްފައިވާ ޝާހިދު ކަޕޫރްގެ އެއްބަނޑު ކޮއްކޮ އިޝާން ކައްޓަރު އެވެ. މިއީ އިޝާންވެސް ލީޑު ރޯލަކުން ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

މި ފިލްމުގައި ވާގޮތް ކުޑަގޮތަކަށް ކިޔާލަދޭނަމެވެ. ފިލްމުގެ މައިގަނޑު ވާހަކަ ބިނާވެފައި އޮންނަނީ މަދޫކަރް (އިޝާން) އާއި ޕާތުވީ (ޖާންވީ) އަށް އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެވުމުން ހިނގާ ކަންތައްތަކެއް މައްޗަށެވެ. ރޯމިއޯ އާއި ޖޫލިއެޓްއަށް ވީހެން ދެ ފަރާތުގެ އާއިލާއަށްވެސް މި ލޯތްބެއް ބަރުދާސްތެއް ނުކުރެވުނެވެ. ޕާތުވީގެ އުޅުން ޓޮމް ބޯއީއެއްހެން ހުރި ނަމަވެސް މަދޫކަރްއަކީ ލަދުރަކި އަދި ފިނޑި ގޮތެއް ހުންނަ ކުއްޖެކެވެ. ޕާތުވީގެ ބައްޕަ (އާޝުތޯޝް ރަނާ) އަކީ ނުފޫޒުގަދަ ސިޔާސީ ލީޑަރެކެވެ. މަދޫކަރްއަކީ ވަރަށް އާދައިގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ.

އާއިލާގެ ނުރުހުން އޮތަސް މި ދެމީހުން ދުރުވާކަށް ބޭނުމެއް ނުވި އެވެ. ލޯބިވެވުމުން ހައްދެއް ނޯންނާނޭ ބުނާ ބީދައިންނެވެ. މަދޫކަރް އާއި ޕާތުވީގެ ދެމެދުގައި އޮތް ގުޅުން ޕާތުވީގެ ބައްޕައަށް ފާޅާއަރާ ފުލުހުން ފޮނުވައިގެން މަދޫކަރްއަށް އަނިޔާކުރެ އެވެ. އޭނާ މަރާލަން އުޅޭހެން ހީވެގެން ސަލާމްކޮށްދެނީ ޕާތުވީ އެވެ. މަދޫކަރްއަށް ގޮތެއް ހަދައިފިނަމަ އަމިއްލައަށް މަރުވާނެކަމުގެ އިންތިޒާރުދީ އޭނާ ގޮވައިގެން ޕާތުވީ ފިލަ އެވެ. އެމީހުން ދިރިއުޅެމުން އައި ރަށް، އުދޭޕޫރް ދޫކޮށް ފިލައިގެން ދެއެވެ.

އާއިލާއަށް ފިލައިގެން ކަލްކަތާގައި އެމީހުން އާ ދިރިއުޅުމެއް ފަށަ އެވެ. އާއިލާއާއި ދުރުގައި އެކަނި އުޅެން ފެށުމުން ދެމީހުންގެ މެދުގައި ބައެއް މައްސަލަތައްވެސްޖެހެ އެވެ. އެކަމަކު ދެމީހުންގެ ދެމެދުގައި އޮތް ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެ އެވެ.

ޖާންވީ އާއި އިޝާން އެ ދެމީހުންގެ ރޯލު ވަރަށް ފުރިހަމައަށް ގެނެސްދިނުމަށް މަސައްކަތްކޮށްފައިވެ އެވެ. ހާއްސަކޮށް އިޝާން ވަނީ މޮޅު އެކްޓިންއެއް ދައްކާފަ އެވެ. ކުރީގައި ފިލްމެއްގައި މަސައްކަތްކޮށްފައި ހުރުމުން މި ފިލްމުގައި އޭނާގެ ކެރެކްޓާ ދައްކައިދިމުނަށް ފަސޭހަވިކަން ފާހަގަވި އެވެ. ނަމަވެސް ޖާންވީ މީގެކުރިން އެއްވެސް ފިލްމެއްގައި މަސައްކަތްކޮށްފައި ނެތުމުން މިކަންވީ އޭނާއަށް "ޑިސްއެޑްވާންޓޭޖް" އަކަށެވެ.

އިޝާންއާއި ޖާންވީގެ އެކްޓިން އަޅާ ކިޔާނަމަ އިޝާން އުޅެނީ ރޭހުގެ މާ ކުރީގަ އެވެ. ޖާންވީގެ އެކްޓިން ހަޑިވެގެންނެއް ނޫނެވެ. ނަމަވެސް އިޝާންގެ އެކްޓިން މޮޅުކަމުން ޖާންވީ ފެނުނީ މިކަމަށް ވަރަށް އާ މީހެއްގެ ގޮތުގަ އެވެ. ނަމަވެސް މި ދެމީހުންގެ އޮން-ސްކްރީން ކެމިސްޓްރީ ދިމާވާތީ ބައެއް ފަހަރު މި ބައި އެހާ ބޮޑަށް ފާހަގަނުވެވެސް ދިޔަ އެވެ.

މާ ގައިގޯޅި މަންޒަރުތައް މި ފިލްމުގައި ނެތުމަކީވެސް ފާހަގަކުރެވުނު ކަމެކެވެ. އާންމުކޮށް މިފަހުން ނިކުންނަ ހުރިހާ ބޮލީވުޑް ފިލްމުތަކުގައިވެސް ދެމީހަކު ފުރަތަމަ ދިމާވާތަނުން ރޭވެފައި ދުވާލުވާއިރު، އޮންނާނީ އެނދުމަތީގަ އެވެ. އެކަހަލަ މަންޒަރުތައް ނުލާވެސް ލޯބީގެ އަސަރުގަދަ ފިލްމެއް މިހާރުވެސް ގެނެސްދެވިދާނެކަން މި ފިލްމުން ބުނެދީފި އެވެ.

ފިލްމުގައި ހިމަނާފައިވާ މަންޒަރުތަކަށް ބަލާއިރު، އުދޭޕޫރްގެ ރީތިކަން ދައްކައިދިނުމަށް ބުރަމަސައްކަތްކޮށްފައިވެ އެވެ. ފިލްމުގެ ފުރަތަމަ ހާފްގައި ގެނެސްދިނީ އެ ރަށުގެ މަންޒަރުތަކެވެ. ދެ ވަނަ ހާފްގައި މުމްބައި އާއި ކަލްކަތާގައި ދެއްކިއިރު، އެ ސްޓޭޓުތަކުގައި ނާގާފައި ހުރި މަންޒަރުތައްވެސް ރީތިވެފައި އެ މަންޒަރުތަކުން ގިނަ ވާހަކަތަކެއްވެސް ކިޔައިދެ އެވެ. ފިލްމުގެ މައިގަނޑު ވާހަކަ ފެށެނީވެސް މިހާ ހިސާބުންނެވެ. ސިނެމަޓޯގުރާފީއަށް ހަމަ ތައުރީފު ހައްގެވެ. މި މަސައްކަތްކުރީ ވީޝްނޫ ރާއޯ އެވެ. ފިލްމުގެ ވާހަކައާއި މަންޒަރު ނަގާފައިވާ ލޯކޭޝަން ގުޅޭނެ ގޮތަށް ވަނީ ގެނެސްދީފަ އެވެ.

"ދަޅަކް" ޓްރެއިލާ.

މި ފިލްމުގައި ހިމަނާފައިވާ ލަވަތަކަކީ ހަމަ މީގެ އޮރިޖިނަލް ފިލްމުގައި މިއުޒިކު ކޮމްޕޯޒުކުރި، އަޖޭއާއި އަތުލްގެ މަސައްކަތެވެ. ހަމަ އޮރިޖިނަލް ފިލްމުގައި ހުރި ލަވަތައް އެމީހުން ވަނީ އަލުން ރީތިކޮށް އަދި އެއަށްވުރެ ފުރިހަމަކޮށް ގެނެސްދީފަ އެވެ. ބެކް މިއުޒިކުވެސް ހުރީ ހާލަތާއި އެންމެ ގުޅޭނެ ގޮތަށެވެ. ބެކް މިއުޒިކުގެ މަސައްކަތްކުރީ ސްޓީވާޓް އެޑުރީ އެވެ. ޖާންވީ އާއި އިޝާން އާއިލާއަށް ފިލައިގެން ދާ ވަގުތު ގެނެސްދޭ މަންޒަރުތަކުގައި އިވޭ އަޑުތަކުން ސްޓީވާޓްގެ ހުރި ކުޅަދާނަކަން ފާހަގަވާނެ އެވެ.

ޑައިރެކްޝަނާއި މެދު ސުވާލު އުފެއްދެންވެސް ނެތެވެ. މި ފިލްމު ޑައިރެކްޓުރީ ލޯބީގެ އަސަރުގަަދަ ފިލްމުތައް ކަމުގައިވާ "ބަދްރީނާތު ކީ ދުލްހަނިޔާ" އާއި "ހަޕްޓީ ޝަރުމާކީ ދުލްހަނިޔާ" ގެ ޑައިރެކްޓަރު ޝަޝަންކު ކައިތަން އެވެ. އެ ފިލްމުތަކާއި އެއްގޮތް ރަހަތަކެއް މި ފިލްމުގައިވެސް ހުއްޓެވެ.

މިހެންވީއިރުގައި "ދަޅަކް" ފަހަތަށް މި ދިޔާއީ ކީއްވެ؟

ދެ ލޯބިވެރިން އުޅެންޖެހުނު ހާލައި ފިލްމުގެ ނިންމުމެވެ. މިއީ "ދަޅަކް" އަށް "ސައިރާތު" ބަލިކޮށްނުލެވުނު އެންމެ ބޮޑު ސަބަބެވެ. "ސައިރާތު" މަޝްހޫރުވީވެސް ލޯބީގެ އަވައިގައި ޖެހި މި ދެ ލޯބިވެރިންނަށް އުޅެންޖެހުނު ބިކަ ހާލާއި ފިލްމުގެ ހައިރާންކުރަނަވި ނިންމުމުންނެވެ. "ދަޅަކް" ގައި ޖާންވީއާއި އިޝާން އާއިލާއަށް ފިލައިގެން ގޮސް އާ ދިރިއުޅުމެއް ފަށަން އުޅުނު ހާލަތައްވުރެ މަރާޓީ ފިލްމުގައި އުޅުނު ދެ ލޯބިވެރިން އުޅެންޖެހުނީ މާ ހާލުގަ އެވެ. ފިލްމުގައި ބެލުންތެރިން އެންމެ ޝައުގުވެރިވި ބަޔަކަށްވީ މި އެވެ.

"ސައިރާތު" ގެ ޓްރެއިލާ.

މި ފިލްމުގެ ނިންމުން ބަލާފައި ފިލްމު ނިމުނީކަމަށް ގަބޫލުކުރަންވެސް ދަތިވެ އެވެ. އަހަންނަށްވެސްވީ އެހެންނެވެ. އާންމުކޮށް ބޮލީވުޑްގެ ފިލްމެއްގައި ހާއްސަކޮށް ކަރަން ޖޯހަރުގެ ހިއްސާ އޮވެގެން ނުކުންނަ ފިލްމެއްގައި މިކަހަލަ ނިންމުމެއް އައުމަކީ ނާދިރުކަމެކެވެ. މުޅި ފިލްމަށް ބާރުދެނީ ނިންމުމެވެ. އެހެންވީނަމަ ނިންމުން ކިޔާދޭން އުޅެފިނަމަ ފިލްމު އަދި ނުބަލާ މީހުނަށް ދެ ފިލްމުވެސް ސްޕޮއިލްވީ އެވެ.

"ދަޅަކް" އާއި "ސައިރާތު" އާޅާ ކިޔާއިރު ގަބޫލުކުރަންޖެހޭ ކަމަކީ "ދަޅަކް" އަކީ "ސައިރާތު" އަށްވުރެ ބޮޑު ބަޖެޓެއްގައި އަދި މޮޅު ފެންވަރެއްގައި ތައްޔާރުކޮށްފައިވާ ފިލްމެއް ކަމެވެ. ނިންމުން ބާއްވާފައި ދެން ހުރި ހުރިހާ މަސައްކަތްތަކަކަށް ބަލާނަމަ، "ދަޅަކް" ހުރިހާ ގޮތަކުންވެސް ފުރިހަމަ އެވެ.

އެ މަސައްކަތްތައް އެކަނި ބަލާލަންވިޔަސް މި ފިލްމު ބަލަން ސިނަމާއަށް ގޮސްލުމުން ހިތްހަމަޖެހުމެއް ލިބޭނެ އެވެ. ހަމަގައިމުވެސް ދެ ގަޑިއިރާއި 30 މިނެޓު ބޭކާރެއް ނުވާނެ އެވެ. ވާހަކަ ގެނެސްދިނުމުގައި ފެއިލްވި ނަމަވެސް މީހުން ފޫހިފިލުވައިދިނުމުގައި މި ފިލްމު ފެއިލްވެފައެއް ނުވެ އެވެ. މި ފިލްމަށް ދޭނެ ރޭޓިންއަކީ 3/5 އެކެވެ.